ޒަމާނީ ކޮމިއުނިޓީ ފުލުހުންގެ ހިދުމަތެއް ދިނުމަށް ކުރީ ސަފުގައި އަންހެން އޮފިސަރުން ވަރަށް މުހިއްމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ތެރޭގައި އަންހެނުން ހިދުމަތްކުރަން ފެށިތާ 33 އަހަރު ފަހުން، ފުރަތަމަ ފަހަރަށް ސުޕްރިޓެންޑެންޓުގެ ރޭންކަށް އަންހެން އޮފިސަރުން އައްޔަންކުރުމުން، އެކަމަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސް ސަފުގައި އަންހެން އޮފިސަރުން ތިއްބެވުން ވަރަށް މުހިއްމު ކަމަށެވެ.
އެ ރޭންކަށް އައްޔަންކުރެއްވީ ޗީފް އިންސެޕްޓާ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި މަރިޔަމް ނަޝްވާ އާއި އިޒްމިއާ ޒާހިރު އަދި މަރިޔަމް އަޒްމާ އެވެ. އެ ތިން ބޭފުޅުން ވެސް ފުލުހުންގެ ހިދުމަތުގައި އުޅުއްވާތާ އެތައް އަހަރެއް ވެއްޖެ އެވެ.
މާސް ކޮމިއުނިކޭޝަން އިން ޑިގްރީ އާއި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ނަޝްވާ މި ވަގުތު ހުންނެވީ އަޕަ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށެވެ. އޭނާ ވަނީ އެޑްމިން އޮފިސަރުކަމުން ފެށިގެން ޔުނިޓް ލެވެލް އާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާޓްމަންޓުކަން ކުރައްވައިފަ އެވެ.
އިޒްމިއާއަކީ ފުލުހުންގެ މުއައްސަސާ އަށް އައްޔަންކުރެއްވި ފުރަތަމަ އަންހެން ތަރުޖަމާނެވެ. ރާއްޖޭގެ ޑިވިޒަނެއްގައި ފުރަތަމަ ފަހަރަށް ކޮމާންޑަރުކަން ކުރެއްވި އަންހެން އޮފިސަރަކީ ވެސް އިޒްމިއާ އެވެ. އޭނާ މި ވަގުތު ހުންނެވީ އޯގަނައިޒޭޝަނަލް ރީފޯމް ޑިޕާޓްމަންޓުގެ ހެޑަކަށެވެ.
ފުލުހުންގެ މުއައްސަސާއަށް އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރަކީ އަޒްމާ އެވެ. ފުލުހުންގެ ފުރަތަމަ އަންހެން ޑްރައިވަރަށް ވުމާއި އެންމެ ފުރަތަމަ އަންހެން އެޓޯލް ކޮމާންޑަރުކަން ވެސް ކުރެއްވީ އޭނާ އެވެ. އަޒްމާ މި ވަގުތު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޒަން ކޮމާންޑަރަކަށެވެ.