އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަނަކަށް ވޯޓުލާން ދިއުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ގޮވާލައްވައިފި އެވެ.
އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ. އެއީ ސީދާ ކޮން ކަމަކާ ގުޅޭ ވާހަކައެއް ކަމެއް ޝަރީފް ވިދާޅެއް ނުވެ އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވެސް މިއަދު ވަނީ އެ މީހަކު ރަޖިސްޓްރީވެފައިވާ ފޮއްޓަކަށް ވޯޓުލުމުގެ ފުރުސަތު ލިބިދޭން ޖެހޭނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވައިފަ އެވެ.
"ވޯޓުލުމުގެ ފުރުސަތު ވޯޓުލާން އަންނަ އެންމެންނަށް ލިބޭނެ،" ހަބީބް ވިދާޅުވި އެވެ.
އީސީގެ އެއް ކަންބޮޑުވުމަކީ، މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށަށް ވޯޓުލާން ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބައްދަލުވުމެއްގައި ބުންޏަސް އެކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް ގޮތެއް އަންގާފައި ނެތުމެވެ. އަދި ކަރަންޓީނާއި އައިސޮލޭޝަނުގައި ތިބި މީހުން ވެސް އަމިއްލައަށް ވޯޓުލާން ދާންޖެހޭ ގޮތަށް އޮތުމަކީ އެ ކޮމިޝަންގެ ކަންބޮޑުވުމެކެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ކޮވިޑް-19އާ ގުޅިގެން، ވޯޓު ލުމުގެ ހައްގު ހަނިވެގެން ހިނގައިދާނެ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ ވޯޓުލުމުގެ ހައްގު ހަނިވެގެން ހިނގައިދާނެ ކަންކަން ފާހަގަކުރެވިފައިވާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުންތައް އީސީ އާއި އެޗްޕީއޭއާ ހިއްސާކޮށް، ލަފާ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ކަންބޮޑުވުންތަކާއި ލަފައަކީ ކޮބާ ކަމެއް އެޗްއާރުސީއެމުން ނުބުނެ އެވެ.