ފުވައްމުލަކު ސިޓީގެ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް ރަފީގު ކާމިޔާބުކޮށް، އެރަށު ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީން ނަގައިފި އެވެ.
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވީ އިސްމާއިލް ރަފީގުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ތޯރިގާއި ޖުުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ޒިޔާދު ޒަކަރިއްޔާ ހުސައިނެވެ.
ފުވައްމުލަކު މޭޔަރުގެ ގޮނޑީގެ އިތުރުން ސިޓީ ކައުންސިލްގެ ހަތް ދާއިރާގެ ތެރެއިން ފަސް ދާއިރާއެއް ވެސް އެމްޑީޕީން ކާމިޔާބުކޮށް، ކައުންސިލްގެ އަޣުލަބިއްޔަތު ވަނީ ހޯދައިފަ އެވެ. ޕީޕީއެމް އަށް ކާމިޔާބުވީ ފުވައްމުލަކު މެދު ދެކުނު ދާއިރާ އާއި ހުޅަނގު އުތުރު ދާއިރާ އެވެ.
ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރުކަން ވެސް އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ މޭޔަރުކަން ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އާތިފް ކާމިޔާބު ކުރައްވައިފަ އެވެ. އެކަމަކު މާލޭ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ފުރަތަމަ ގެއްލުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑުވެފަ އެވެ. މާލޭ ސިޓީގައި ކުރީގައި އުޅުއްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.