ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު އެމްޑީޕީ އަށް ކުރިމަތިވި ބައްޔަށް ފަހު އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް މިއަދު ހަނދާން އާކޮށްދެއްވީ އޭނާ މީގެ ދެ ހަފުތާ ކުރިން ކުރެއްވި ޓުވީޓެކެވެ؛ އެ ޓުވީޓުގައި އޭނާ ވިދާޅުވެފައި އޮތީ ޕާޓީތަކުގެ މެމްބަރުންގެ އަޑު ޕާޓީގެ މަގާމުތަކުގައި ތިބި މީހުނަށް ނީވޭ ނަމަ ދެން ޖެހޭނީ ވޯޓުފޮށިން އެ އަޑު އިވަން ކަމަށެވެ. އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްސަފުގައި އުޅުއްވި އިބްރާ އެ ޓުވީޓް މިއަދު އަލުން ހިއްސާކުރައްވަމުން ވިދާޅުވީ އެ ޕާޓީ ހަދައިގެން ރައްޔިތުންނަށް ދަސްކޮށްދިން ކަމަކީ އެއީ ކަމަށެވެ.
އިބްރާ ވިދާޅުވި ގޮތުގައި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެ މަންޒަރު މި އޮތީ ސާފުކޮށް ފެންނާށެވެ.
މާލޭގެ މޭޔަރުކަން ކާމިޔާބުކުރެއްވީ އިދިކޮޅު ޕީޕީއެމުން ވާދަކުރެއްވި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. މޭޔަރުކަމުގެ އިތުރުން މާލޭގެ 19 ގޮނޑީގެ ތެރެއިން، 12 ގޮނޑިއެއް ވެސް ލިބުނީ އިދިކޮޅު ޕާޓީއަށެވެ.
އަބަދުވެސް އެމްޑީޕީގެ ބާރު އޮންނަ މާލޭން ކުރިމަތިވި މި ނާކާމިޔާބީއާ އެކު އިބްރާގެ އިތުރުން އެމްޑީޕީގެ ކުރީގެ ލީޑަޝިޕުން އެތައް ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ.
ވެރިކަމުގައި އެމްޑީޕީ އޮވެ އަދި ރައްޔިތުން މަޖިލީހުގެ 75 ޕަސެންޓް އެ ޕާޓީގެ އަތުގައި އޮއްވައި ލޯކަލް ކައުންސިލް އިންތިހާބުގައި މިހާ ދެރަ ނަތީޖާއެއް ލިބެންޖެހުނީ ކީއްވެތޯ އިބްރާ ސުވާލު އުފެއްދެވި އެވެ.
"...މި ނަތީޖާއާ މި ކުރިމަތިލީ ސަރުކާރު ހިންގަންވީ ކޮންތާކުން ކާކުތޯ ނޭނގިގެން އުޅެން ހަދައިގެން. ފިލާ އިނދެގެން ތިހެން ތާ އަބަދު މީހުންނަށް ވަގަށް ގޮވަން ހަދައިގެން،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެސް ކުރިމަތިވީ އެ ފަދަ ހާލަތެއް ކަމަށް އިޝާރަތްކުރައްވަމުން އިބްރާގެ ޓުވީޓްގައި ލިޔުއްވާފައި ވަނީ މިހެންވީ ވެރިކަމަކީ ތިމާގެ ތަރިކައެއް ކަމަށް ބެލުމުން ކަމަށެވެ.
ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) "މިހާރު" އަށް ވިދާޅުވީ ކައުންސިލް އިންތިހާބުގައި މާލެއިން އެމްޑީޕީއަށް މިހާ ދަށް ނަތީޖާއެއް ލިބުނީ އެ ޕާޓީ ދެކެ ރުޅި އައިސްގެން ޕާޓީއާ ދެކޮޅަށް ބަޔަކު ވޯޓު ދީގެން ނޫން ކަމަށެވެ. އަދި މިފަހަރު ވޯޓު ލާން ދިޔަ އެމްޑީޕީގެ މީހުން ވަރަށް މަދު ކަމަށް މޫސަ ވިދާޅުވި އެވެ.
މާލޭން ވޯޓު ލުމުގެ ހައްގު 51،702 މީހުންނަށް ލިބިފައިވާ އިރު، ވޯޓު ލާފައި ވަނީ 15،137 މީހުންނެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ އެންމެ 29 ޕަސެންޓް މީހުންނެވެ. އަދި މޭޔަރަކަށް ހޮވިވަޑައިގެންނެވި ޑރ.މުއިއްޒަށް ލިބިވަޑައިގަތީ ވޯޓު ލީ މީހުންގެ 17 ޕަސެންޓް ވޯޓެވެ.
"އެމްޑީޕީގެ ވެރިކަން މިހާރު އޮންނަނީ ވިރާސީ ރަސްކަމެއްގެ ގޮތުގައި. ނާކާމިޔާބީއާ އެމްޑީޕީ ކުރިމަތިލާންޖެހުނީ، އެމްޑީޕީ ދެކެ މީހުން ރުޅި އައިސްގެން. ޕާޓީއާ ދެކޮޅަކަށް ބަޔަކު ވޯޓެއް ނުދޭ،" މޫސަ ވިދާޅުވި އެވެ.
މޫސަ ފާހަގަކުރެއްވި ގޮތުގައި މާލޭ ރައްޔިތުން ވޯޓު ލާން ނުނިކުތް ދެ ސަބަބެއްވެ އެވެ.
"އެންމެ ބޮޑު ސަބަބެއް ކަމަށް އަޅުގަނޑު ދެކެނީ، އެއީ މިހާރު މާލެ ރައްޔިތުން އަސްލުގައި ވޯޓުގައި ގިނައިން މިހާތަނަށް ވެސް ބަލައިފައި އޮތީ އެމްޑީޕީ އޭގެ ޒާތުގައި ދެމި އޮންނަން ބޭނުންވާތީ. މީގެ ކުރީގައި ވެސް މާލޭގެ ރައްޔިތުން އެމްޑީޕީއަށް ވޯޓުދެނީ ގޯތި ދީގެން، މަގު އަޅައިގެން، ތާރު އަޅައިގެނެއް ނޫން،" އެއީ ގަބޫލުކުރައްވާ ހަގީގަތެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ.
"އެމްޑީޕީން މާލެއަށް މިހާރު ހޮވިފައި ތިބި މެމްބަރުން ވެސް މިހާރު އެ ތިބީ އަސްލުގައި ފެއިލްވެފައި. ހަގީގަތަކީ ގިނަ މެމްބަރުންނަށް އެމީހުންގެ ދާއިރާތައް ކައުންސިލަކަށް ނުނެގުނު. މިދިޔަ ބޮޑު ޕެންޑެމިކު ތެރޭ ނޭނގެ ކިތައް މެމްބަރުން ކަމެއް ދާއިރާއަށް ޒިޔާރަތްކޮށް މީހުންގެ ހާލު ބަލައިލީ،" އެ ކަހަލަ ބައިވަރު ކަންތައްތައް އެބަހުރި ކަމަށް މޫސަ ވިދާޅުވި އެވެ.
އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރި ޕާޓީއެއްކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ މި އިންތިހާބު ނާކާމިޔާބުވާން މެދުވެރިވި ދެ ވަނަ ސަބަބަކީ އެމްޑީޕީގެ ލީޑަޝިޕްގެ އެތެރޭގައި ތަޅާފޮޅުންގަނޑު ބޮޑުވެ، އެމްޑީޕީއަށް ކުރިމަތިވި މައްސަލަތަކެވެ. މިހާރުން މިހާރަށް އެމްޑީޕީގެ ސިޔާސަތުތައް ބަދަލުނުކޮށްފި ނަމަ، ކުރިއަށް ނުދެވޭނެ ކަމަށް މޫސަ ދެކެވަޑައިގަންނަވަ އެވެ.
"އެމްޑީޕީގެ ވެރިކަމުން ރައީސް ނަޝީދުއާ އެ ޕާޓީގައި މިހާރު ތިބި ލީޑާޝިޕް ދުރަށްދާންޖެހޭ. އަޅުގަނޑު އޮންނާނީ މިތާ ދައްކަ ދީފައި 2013 ގައި އަޅުގަނޑު އެމްޑީޕީގެ ޗެއާޕާސަނުކަމުގައި ހުއްޓާ، އެ ފަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވީމަ އަޅުގަނޑު އިސްތިއުފާ ދިނީ،" އެ އުސޫލަށް އެމްޑީޕީން ނުގެންގުޅެ ޕާޓީ ކުރިއަށް ގެންދަން ލާހިކެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ.
"މިއަދު އެމްޑީޕީއަށް އެންމެ ހެޔޮ އެދޭ ކަމަށް ވަންޏާ، ޕާޓީގައި މިހާރު ތިބި ލީޑާޝިޕް އެއްކޮށް އިސްތިއުފާދީފައި އަލުން އިންތިހާބުކުރަންވީ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ ވެސް ދެކެވަޑައިގަންވަނީ އެމްޑީޕީގެ އެތެރޭގެ ކަންކަން މިހާރަށް ވުރެ ހަރުދާނަކުރަން ޖެހޭ ކަމަށެވެ. އަދި ވެރިކަމަށް ޕާޓީ ގެނައުމަށް މަސައްކަތްކުރެއްވި މީހުންނާ އެކީގައި އިތުރު މަޝްވަރާތައްކޮށް، ސަރުކާރުން ވެސް ޕާޓީއަށް އިހުލާސްތެރިވެގެން ކުރިއަށް ދާންޖެހޭ ކަމަށް ޑރ.ޑީޑީ ވިދާޅުވި އެވެ.
"އިހުލާސްތެރި ތައުލީމީ މީހުން މަގުމަތިކޮށްފައި، ވައިކުޑައިގައި ފުއްމާލި މީހުންނާ އެކީގައި ޑްރާމާ ކުޅުމުގެ ނަތީޖާ ވަރަށް ސާފުދެއްތޯ،" މާލޭ ސިޓީ ކައުންސިލް އިންތިހާބުގެ ނާކާމިޔާބީ ޑރ. ޑީޑީ ސިފަކުރެއްވީ މިހެންނެވެ.
"އަޅުގަނޑުމެންގެ ޕާޓީން ވެރިކަމުގައި ތިބެމެ، މިހާ ދެރަވަރުގެ ނަތީޖާއެއް ލިބިގެން ދިއުމަކީ ވަރަށް ފުންކޮށް އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. ހަގީގަތުގައި އަޅުގަނޑުމެން އަބަދުވެސް ވިސްނާ ކަމެއް ލޯކަލް ކައުންސިލްގެ އިންތިހާބަކީ އެއީ ދެން ކުރިއަށް އަންނަން އޮންނަ ރިޔާސީ އިންތިހާބަށް އެޅޭ ބިންގާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން މީގެ ކުރިން ވެސް މަސައްކަތްކުރީ އެ ރޫހުގައި ކަމަށާއި އެކަމަކު މިއަދު އެކަން ނުފެންނަ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕާޓީގެ ލީޑާޝިޕް އޮތީ ރާއްޖެއިން ބޭރުގައި ކަމަށާއި އެކަމަކު އޭރު ވެސް ޕާޓީގެ ލީޑާޝިޕުން ވަރަށް ބުރަ މަސައްކަތްކޮށްގެން ކުރީގެ ކައުންސިލް އިންތިހާބުގައި މެޖޯރިޓީ ނެގިކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު ވިދާޅުވީ މިއަދު ކަންވެ މިދިޔައީ އޭގެ ދިމާ އިދިކޮޅަށް ކަމަށެވެ.
ސަރުކާރުން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، ސަރުކާރުން ރާވާފައިވާ ގޮތަށް ކައުންސިލްތާ އެކު ގައުމު ހިންގުމުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީ، އިންތިހާބުވި އެންމެންނަށް މަރުހަބާ ކިޔައިފަ އެވެ.