ހުޅުމާލޭ މަގުމަތިން އަންހެނުންގެ ގަޔަށް އަތްލަމުން ސައިކަލުގައި ދުއްވާ މީހަކު އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފި އެވެ.

މި ވާހަކަ ދެކެވެން ފެށީ ހުޅުމާލޭ ބޮޑު މިސްކިތް ކައިރިން ސައިކަލުގައި ދިޔަ އަންހެނެއްގެ އުރަމަތީގައި އެހެން ސައިކަލެއްގައި ދިޔަ ފިރިހެނަކު ހިފުމުން އަންހެން މީހާ ސައިކަލާ އެކު ވެއްޓި އެތަނަށް މީހުން އެއްވި ހާދިސާއަކާ އެކުގަ އެވެ. މީގެ ދެ ރެއެއް ކުރިން އެކަން ހިނގި ތަނަށް ދިޔަ މީހަކު ސޯޝަލް މީޑިއާގައި އެ ވާހަކަ ދެއްކުމުން އެހެން އަންހެނަކު ވަނީ އޭނާ އަށް ވެސް އެކަން ދިމާވެފައިވާ ކަމަށް ބުނެފަ އެވެ.

"ބާރު އަޑެއް އިވިގެން ބޭރަށް ނުކުމެ ބެލިއިރު، ހުޅުމާލޭ ބޮޑު މިސްކިތް ކައިރިން ސައިކުގައި ދިޔަ އަންހެނެއްގެ އުރަމަތީ، ސައިކަލެއްގައި ދިޔަ ފިރިހެނަކު ހިފިހިފީނުން އެ މީހާ ވައްޓާލާފައި ފިލައިފި،" ޓްވީޓްކުރި ފިރިހެން މިހާ ބުނެފައިވެ އެވެ.

ހާދިސާ ހިނގި ތަނުގެ ފޮޓޯތައް ވެސް ލާފައި ވާއިރު، އަންހެން މީހާގެ ގަޔަށް އަތްލާފައި ފިލި މީހާގެ ފައިވާންކިބައެއް ވެސް އެތަނަށް ދޫކޮށްލާފައި އޮތެވެ.

މި ޓްވީޓަށް ރިޕްލައިކުރި އަންހެނަކު ބުނީ މީގެ ދުވަސްކޮޅެއް ކުރިން ހަމަ މިކަހަލަ ގޮތަކަށް އޭނާ އަށް ވެސް ދިމާވި ކަމަށެވެ.

އަންހެން މީހާ ސައިކަލާ އެކު ވެއްޓުމުން އެތަނަށް މީހުން އެއްވެފައި .-- ފޮޓޯ: ޓްވިޓާ/އައްޒާމް
އަންހެން މީހާ ސައިކަލާ އެކު ވެއްޓުމުން އެތަނަށް މީހުން އެއްވެފައި .-- ފޮޓޯ: ޓްވިޓާ/އައްޒާމް

"މިއީ ދެން ތަންކޮޅެއް ބޮޑުވަރު. ސެންޓްރަލް ޕާކް ވަށައިގެން ދުވަނިކޮށް މީގެ ދުވަސްކޮޅެއް ކުރިން ހަމަ މިކަހަލަ ކަމެއް ދިމާވި. އެ މީހާ ސައިކަލުގައި އައިސް ހަމަ އެގޮތަށް [ގަޔަށް އަތްލާފައި] ދިޔައީ]. އަހަރެން އޭރު ހުރީ ދާހިއްލާ ފޯވެފައި. މި މީހުންނަށް މިކަމުން ލިބެނީ ކޮން ހިތްހަމަޖެހުމެއްބާވައޭ ހިތަށްއަރާ،" އޭނާގެ ޓްވީޓްގައިވެ އެވެ.

ނަމަވެސް މިއީ އެކެއްގެ ފަރާތުން ކުރިމަތިވި ދެ ހަމަލާ ކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެއީ އެކަކު ކަމަށް ލަފާކުރެވެ އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބައެއް އަދި ނުލިބެ އެވެ.

އަންހެން މީހާގެ ގަޔަށް އަތްލި ހިސާބު އަނދިރިކޮށް. ހުޅުމާލޭ ބައެއް މަގުތައް މިހާރު ވަރަށް އަނދިރި. -- ފޮޓޯ: ޓްވިޓާ/އައްޒާމް
އަންހެން މީހާގެ ގަޔަށް އަތްލި ހިސާބު އަނދިރިކޮށް. ހުޅުމާލޭ ބައެއް މަގުތައް މިހާރު ވަރަށް އަނދިރި. -- ފޮޓޯ: ޓްވިޓާ/އައްޒާމް

މި ވާހަކަ ދައްކާފައި މި ވަނީ މާލޭގައި އަންހެނަކު ރޭޕުކުރަން އުޅުނު މައްސަލައެއް ބަލަމުން އަންނަނިކޮށެވެ. އަދި މި ދުވަސްވަރު ހުޅުމާލޭގެ ބައެއް މަގުތައް ކުރިއަށްވުރެ ވެސް ބޮޑަށް ރޭގަނޑު އަނދިރިކޮށް އޮންނަ މައްސަލަ ވެސް ބައެއް މީހުން ކަންބޮޑުވުމާ އެކު ފާހަގަކޮށްފައިވެ އެވެ. މީގެ ކުރިން ވެސް ހުޅުމާލޭގެ އެކަހެރި ހިސާބުތަކުން އަންހެނުންނަށް މިފަދަ ކަންކަމާ ދިމާވެފައިވެ އެވެ. އެކަމަކު އާންމުކޮށް މީހުން އުޅޭ ހިސާބެއްގައި މިފަދަ ކަމެއް ހިނގި ކަމުގެ ރިޕޯޓެއް ނެތެވެ. އަންހެން މީހާގެ ގަޔަށް އަތްލުމުން ސައިކަލާ އެކު ވެއްޓުނު ހިސާބު ވެސް އޮންނަނީ ވަރަށް އަނދިރިކޮށެވެ. ހުޅުމާލޭ މަގުތައް އަލިކުރުމަށް އެޗްޑީސީން ފަށާފައިވާ މަޝްރޫރު މިހާރުވެސް ކުރިއަށް ދާއިރު، އެ މަސައްކަތުގައި ދިމާވި ބައެއް ކަންކަމާ ހެދި ބައެއް ހިސާބުތަކުގެ ބޮކިތައް މިހާރު ނުދިއްލެ އެވެ. އެޗްޑީސީން ވަނީ ދެތިން ދުވަސް ތެރޭ މި މައްސަލަ ހައްލުކުރެވޭތޯ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.