ޓެކްސްޓް-ޓު-ސްޕީޗް ފަންކްޝަނަކާއެކު، ޓެކްނޮލޮޖީގެ ޚަބަރުތައް ދިވެހިން ގެނެސް ދިނުމަށްޓަކައި ހާއްސަ ވެބްސައިޓެއް މިއަދު އިފުތިތާހު ކޮށްފި އެވެ.
ޓެކްނިއުސް.އެމްވީ ގެ ނަމުގައި ހަދާފައިވާ އެ ވެބްސައިޓުގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ކޯ-ފައުންޑަރު ނަސްރުﷲ އަދުނާން (ނައްޓު) ވިދާޅުވީ، އޭނާގެ ބޭނުމަކީ ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭ ޚަބަރުތައް ދިވެހިންނަށް ފޯރުކޮށްދޭނެ ވެބްސައިޓެއް ނެތުމުން އެކަން ފޫބެއްދުން ކަމަށެވެ. އެހެންވެ، ޓެކްނޮލޮޖީގެ ވެބްސައިޓް ޑިޒައިން ކޮާށްފައި ވާނީ ޒަމާނީ ޓެކްނޮޖީ ބޭނުންކޮށްގެން ކަމަށް ވިދާޅުވި އެވެ.
ދިވެހިން އަލަށް ބޭނުންކުރަން ފެށި ޓެކްސްޓް-ޓު-ސްޕީޗް ފަންކްޝަނުން، ލިޔެފައި ހުންނަ ލިޔުންތައް ފޯނުން ކިޔާ އަޑު އިވޭނެ އެވެ. ދިވެހި ބަސް ޓެކްނޮލޮޖީއާ ގުޅުވައިގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރޮނގުން ހިދުމަތްކުރާ އެތައް ޒުވާން ފަންނުވެރިން އެބަތިބި. ކުދި އަދި މެދުފަންތީގެ ވިޔަފާތިތަކާއި ޖަމއްިޔާތައް އެބަ ހަރަކާތްތެރިވޭ. ބައިނަލްއަގްވާމީ މައިދާނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި އެތަކެއް ބަޔަކު އުޅޭ،" ޓެކްނޮލޮޖީގެ ދާއިރާގައި ދިވެހިންގެ ހުނަރު ފާހަގަކުރައްވަމުން ނަސްރުﷲ ވިދާޅުވި އެވެ.
ޓެކްނިއުސް.އެމްވީ ވާނީ އޭނާ ވިދާޅުވިގޮތުގައި، އެ އެންމެންގެ މަސައްކަތާއި އަޑު ދިވެހިންނަށް ގެނެސްދޭ ބައިވެރިއަކަށެވެ.
އެ އޮންލައިންގެ އެގްޒެކިއުޓިވް އެޑިޓަރު ފަޒީލް ނަޖީބު ވިދާޅުވީ، ޓެކްނިއުސް.އެމްވީގެ ބީޓާ ވާޝަނެއް މަދު ބަޔަކަށް އާއްމުކޮށްގެން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ތަރައްގީ ކުރަމުން ދިޔަ ކަމަށެވެ. މި ދާއިރާއާ ގުޅޭ މުހިއްމު ޚަބަރުތަކުގެ އިތުރުން ކުޑަކުދިންނަށް ރައްޓެހި މައުލޫމާތު ވެސް ހިމަނާނެ ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ވިދާޅުވި އެވެ.
މި ވެބްސައިޓްގައި ދިވެހި ސްޓާޓަޕް ކުންފުނިތަކުގެ އިތުރުން ތަފާތު އެޕްލިކޭޝަނާ ގުޅޭ ޚަބަރާއި އެންމެ ފަހުން ނެރޭ ޓެކްނޮލޮޖީ އަދި ސައިންސްގެ ޚަބަރުތައް ވެސް ހިމަނާނެ އެވެ.