ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އޮފީސް ދެ ފަހަރެއްގެ މަތިން ފަޅާލައި، ވައްކަން ކުރި މައްސަލާގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އާރްޑީސީގެ އޮފީހުން ފުރަތަމަ ފަހަރަށް ވައްކަން ކޮށްފައި ވަނީ މި މަހު 17 ވަނަ ދުވަހު އެވެ. އޯކިޑް މަގުން، އެމްއެންއެސްއެލް ބިލްޑިންގްގެ ފުރަތަމަ ބުރީގައި ހުންނަ ހުންނަ އާރްޑީސީގެ އޮފީހުން ވައްކަން ކުރަން އެ ދުވަހުގެ ރޭ ބަޔަކު ވަދެފައި ވަނީ ފެންލައިޓެއް ހަލާކުކޮށްލައިގެންނެވެ. އަދި 100،000 އަށް ވުރެ ގިނަ ރުފިޔާ އާއި ބައެއް މުދާ ވަގަށް ނެގި އެވެ.

އޭގެ ފަހުން މިދިޔަ އާދީއްތަ ދުވަހު ވެސް އެ އޮފީސް ފަޅާލައި ވައްކަން ކުރި އެވެ. އެނގިފައިވާ ގޮތުގައި އެ ފަހަރު ވަގަށް ނަގާފައި ވަނީ 3000ރ. އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި އާރްޑީސީ ވައްކަމުގެ ދެ މައްސަލައާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އާއި 31 އަދި 33 އަހަރުގެ ދިވެހި ފިރިހެނުންތަކެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތިން މީހުންގެ ބަންދަށް ވެސް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.