ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީސް އަނެއްކާވެސް ފަޅާލައިފި އެވެ.

މިއީ މި އަހަރު ތެރޭ އެ އޮފީސް ފަޅައިލި ތިން ވަނަ ފަހަރެވެ.

ފުލުހުން ބުނީ މިއަދު 7:48 ގައި އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ފުލުހުންގެ މިވަގުތު ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އޮފީސް ފަޅާލައިގެން އެތަނުން އެއްޗެއް ގެންގޮސްފައިވާ ކަމެއް އަދި ނޭނގެ އެވެ. އެކަމާ ގުޅޭ ގޮތުން އާރްޑީސީގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

މޯލްޑިވްސް ޝިޕިންގް ލިމިޓެޑުގެ އިމާރާތުގައި ހިންގާ އާރްޑީސީގެ އޮފީހަށް މި އަހަރު އޭޕްރިލް މަހު ވެސް ބަޔަކު ވަދެ 100،000ރ. ވަގަށް ނެގި އެވެ. އޭގެ ހަފްތާއެއް ފަހުން އަނެއްކާ ވެސް އެ އޮފީސް ފަޅާލައި 3000ރ. ވަނީ ވަގަށް ނަގައިފަ އެވެ.

އޭރު ހިނގި ވައްކަންތަކާ ގުޅިގެން ވެސް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އެނގިފައެއް ނުވެ އެވެ.