ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އޮފީހުން ވައްކަން ކުރަން ވަން މީހާ އެތަނުގެ ސީލިންގު ވައްޓާލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފި އެވެ.

ރޭގެ ވަގުތެއްގައި އާރްޑީސީ އޮފީހުން ވައްކަން ކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މިއީ މި އަހަރު އެ އޮފީސް ފަޅާލި ތިން ވަނަ ފަހަރެވެ.

އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އާރްޑީސީ އޮފީހަށް ވައްކަން ކުރަން ވަނީ ވަދެފައި ވަނީ އެންމެ މީހެކެވެ. އޭނާ އެ އޮފީހުގެ ފުރާޅުމަތިން އަރައި، ސީލިންގުގައި ފައި އަޅުވައިގެން އެތެރެއަށް ވަންނަން މަސައްކަތް ކުރެ އެވެ. އަދި ވަންނަން އުޅުމުގެ ތެރެއިން ސީލިންގުގެ ބޮޑު ބައެއް ފަޅައިގެން ގޮސް ބިންމައްޗަށް ވެއްޓެ އެވެ.

އޭގެ އިރުކޮޅެއް ފަހުން މޫނު ނިވާކޮށް، ވަރަށް މަޑުމަޑުން އޭނާ އޮފީސް ތެރެއަށް ފައިބާ މަންޒަރު ފެނެ އެވެ. އެ މީހާ ހުރީ ކަޅު ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ލައިގެންނެވެ. އަދި އޭނާގެ އަތުގައި މަތާލަން ގެންގުޅޭ ދަގަނޑު ހޮޅިއަކާއި ކޮތަޅުތަކެއް ވެސް އޮތެވެ.

އޯކިޑު މަގުގައި ހުންނަަ މޯލްޑިވްސް ޝިޕިންގް ލިމިޓެޑުގެ އިމާރާތުގެ ބޭރުގައި ހުރި ސީސީޓީވީ ކެމެރާއަށް އޭނާ ނިކުމެގެންދާ މަންޒަރު ވެސް ވަނީ އަރައިފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ ވަގަށް ނެގި ސާމާނު ހިފައިގެން ފައިބަނީ ހޮޅިދަނޑިއަކުންނެވެ. އޭނާގެ އަތުގައި ރީނދޫ ކުލައިގެ ކޮތަޅަކާއި ހުދު ކުލައިގެ ކޮތަޅެއް އޮތެވެ. އެ ދެ ކޮތަޅު ވެސް ހުރީ ފުރިފަ އެވެ.

އިމާރާތާ ދުރަށް ދިޔުމަށް ފަހު ކެމެރާއަށް ފުރަގަސްވާ ގޮތަށް ހުރެގެން، އޭނާ މޫނު ނިވާ ކުރުމަށް އަޅާފައިވާ މާސްކު ނަގަ އެވެ.

ރޭގެ ވައްކަމުގައި ގެންގޮސްފައިވަނީ ކޮން އެއްޗިއްސެއް ކަމެއް އަދި ނޭނގެ އެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެ އޮފީހުން 100،000ރ. ވަނީ ވަގަށް ނަގައިފަ އެވެ. އަދި އޭގެ ހަފްތާއެއް ފަހުން އަނެއްކާވެސް އެ އޮފީސް ފަޅާލައި 3،000ރ. ވަގަށް ނެގި އެވެ.