ކުރިން ވެހިކަލް ދުއްވުން މަނާކޮށްފައިވަނިކޮށް ބަޔަކު މަޖީދީ މަގުން ހިނގާލާފައި ދަނީ--
02 މެއި 2021 - 15:15
މި ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި 1300 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެކަމަކު އެއީ މިދިޔަ އަހަރަށް ވުރެ މަދު އަދަދެކެވެ. މިދިޔަ އަހަރު 2600 އަށް ވުރެ ގިނަ އިރު، އޭގެ ކުރީ އަހަރު ވެސް ހަމަ އެ އަދަދަށް މައްސަލަ ވަނީ ރިޕޯޓްކޮށްފަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ރޯދަ މަހުގެ ދުވާލު ވަގުތު ކައިގެން ރިޕޯޓްކުރީ ދިހަ މައްސަލަ އެކެވެ. މިދިޔަ އަހަރު 29 މައްސަލައެއް ރިޕޯޓްކުރި އެވެ. ވައްކަމުގެ މައްސަލަތައް ވެސް ކުރިން ދެ އަހަރާ އަޅާ ބަލާއިރު މަދެވެ. މި އަހަރު ވައްކަމުގެ 368 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު ކުރިން ދެ އަހަރު ވެސް އެ އަދަދު އުޅުނީ 600 އިން މަތީގަ އެވެ.
ފުލުހުން ވަނީ ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ޓަކައި، ނިދުމުގެ ކުރިން، ގޭގެ ދޮރުތައް ހުރީ ރަނގަޅަށް ތަޅުލެވިފައިތޯ ބަލައި ގޭގައި ގެންގުޅޭ މުހިންމު ތަކެތި، ފޯނު ލެޕްޓޮޕް ނުވަތަ ފައިސާ ފަދަ ތަކެތި ރައްކާތެރިގޮތަކަށް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ.
ޓްރެފިކް މައްސަލަތައް ވެސް މި ރޯދަ މަހު މަދެވެ. ފާއިތުވި ދެ އަހަރު 197 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރުގެ މި މުއްދަތުގައި ހުށަހެޅީ 129 މައްސަލައެކެވެ.
ފޭރުމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު ފޭރުމުގެ 41 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. މި އަހަރު ރިޕޯޓްކުރީ 20 މައްސަލައެކެވެ. އަދި މުދަލަށް ގެއްލުންދިނުމުގެ 53 މައްސަލައެއް މި އަހަރު ރިޕޯޓްކޮށްފައިވާއިރު ފާއިތުވި ދެ އަހަރު ވެސް އެފަދަ 270 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
މި ރޯދައިގެ ފުރަތަމަ 15 ދުވަހު 156 މައްސަލަ މަސްތުވާތަކެތީގެ މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެ އެވެ. ކުރިން ދެ އަހަރު އެފަދަ 398 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ އިތުރުން ވެސް ތަފާތު އެކި ބާވަތްތަކުގެ 415 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy