ރާއްޖެއަށް 200 އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ހަވާލު ކޮށްފައި ވަނީ އިންޑިޔާގެ ރެކްރޫޓިން އެޖަންސީއެއް ކަމަށްވާ "ނޮރްކާ ރޫޓްސް" އާއެވެ.

އެ އެޖެންސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެއަށް ވަރަށް އަވަހަށް ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ރޭޑިއޮގްރަފަރުންނާއި ފިޒިއޮތެރަޕިސްޓުން ބޭނުންވާ ކަމަށެވެ.

އެގޮތުން އެކި ދާއިރާތަކުގެ 110 ސްޕެޝަލިސްޓުންނާއި 100 މެޑިކަލް އޮފިސަރުން ހޯދަން ވަނީ އިއުލާން ކޮށްފަ އެވެ. އޭގެ އިތުރުން 150 ނަރުހުންނާއި 20 ޑެންޓިސްޓުންނާއި އަދި 10 ރޭޑިއޮގްރަފަރާއި 10 ފިޒިއޮތެރަޕިސްޓުން ހޯދަން ވަނީ އިއުލާން ކޮށްފަ އެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުންގެ މުސާރައެއް ގޮތުގައި ކަނޑައަޅާފައި ވަނީ އެލަވަންސްތަކާ ނުލާ މަހަކު 45،319ރ. އެވެ. އަދި މެޑިކަލް އޮފިސަރުންނާއި ޑެންޓިސްޓުންނަށް 23،345ރ. ކަނޑައަޅާފައިވާ އިރު ނަރުހުންނަށް 14،417 ރ. ގެ މުސާރައެއް ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

އެ މަގާމްތަކަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތުތަކުގެ ތެރޭގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ އޮތުމާއި އުމުރުން 50 އަހަރުން ދަށްވުން ހިމެނެ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 15 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އަދި ވަރަށް އަވަހަށް އިންޓަވިއުތައް ފަށާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ކޮވިޑް-19 ގެ ހާލަތު އާދަޔާ ހިލާފަށް ގޯސްވެ، ހޮސްޕިޓަލްތަކަށް ކެތް ނުވާ ވަރަށް ބަލި ބޮޑުވެފައިވާ އިންޑިޔާގެ އެޖަންސީއެއް މެދުވެރިކޮށް ސިއްހީ މާހިރުން ހޯދަން ހެލްތު މިނިސްޓްރީން ހުޅުވާލާފައިވާއިރު، އެ އެޖަންސީން ވަނީ އިންޑިޔާގެ ނޫސްތަކުގައި ވެސް އެ އިއުލާން އާންމު ކޮށްފަ އެވެ.