ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު މި މަސް ދެބައިވިއިރު، 25 އަށް އަރައި މިއީ މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހަށް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ، ކޮވިޑްގައި ރޭ އިތުރު މީހަކު ނިޔާވެފައިވާއިރު، އެއީ މިހާތަނަށް ރާއްޖޭގައި އެ ބަލީގައި ނިޔާވި 99 ވަނަ މީހާ ކަމަށެވެ.
ރޭ ދަންވަރު 12:14 ގައި ނިޔާވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11 ގައި ފަރުވާ ދެމުން އައި އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް ބަލީގައި އެއް މަހެއްގައި އެންމެ ގިނައިން ނިޔާވެފައި ވަނީ 12 މީހެކެވެ. އެކަމަކު، މި މަސް ދެބައިވިއިރު، މިހާތަނަށް 25 މީހަކު ނިޔާވެފައިވާއިރު، މިދިޔަ ދެ ހަފުތާ އަށް އެކަނި ބަލައިލާއިރު ވެސް ކޮވިޑް ބަލީގައި ނިޔާވާ މީހުން ވަރަށް ގިނަ އެވެ. މިދިޔަ އެއް ހަފުތާ އަށް އެކަނި ބަލައިލާއިރު ވެސް ދުވާލަކު މަރުވާ މީހުންގެ އަދަދު އެވްރެޖުކޮށް އުޅެނީ 4-5 ގަ އެވެ. އިއްޔެ ވެސް ހަތަރު މީހަކު ކޮވިޑް ބަލީގައި ނިޔާވެފައިވާއިރު، އެންމެ ގިނައިން އެއް ދުވަހެއްގައި ނިޔާވީ ފަސް މީހެކެވެ. އެ ގޮތުން މިހާތަނަށް މި މަހުގެ ދެ ދުވަހެއްގައި ކޮވިޑް ބަލީގައި ފަސް މީހަކު ނިޔާވި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް މިހާރު ގޯސްވެ، ހަރުކަށި ފިޔަވަޅުތައް އަނެއްކާވެސް ވަނީ އަޅައިފަ އެވެ،
ރާއްޖޭގައި މިހާރު ވެސް ކޮވިޑް ޖެހިފައިވާ 15،958 މީހަކު އެބަތިއްބެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން 262 މީހަކަށް ފަރުވާދޭއިރު މިހާތަނަށް 44،523 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ.