މި ފަދަ ޒަމާނެއްގައި، މި ކަހަލަ ނިކަމެތި ބަޔަކު އުޅެދާނެއޭ ހިތަށް ނުވެސް އަރާނެ އެވެ. ބާވެ ވީރާނާ ވެފައިވާ ގެއެއްގައި، ފަސް ކުޑަކުދިންނާއި މާބަނޑު އަންހެނަކާއި އޭނާގެ އުމުރުން ދުވަސްވީ މަންމަ އުޅެމުން އަންނަނީ، އަހަރުމެން ހިތަށް ވެސް ނާރާ ފަދަ ހިތްދަތި ދިރިއުޅުމެކެވެ.

ރާއްޖޭގެ ދެކުނު ރަށަކަށް ނިސްބަތްވާ އެ އާއިލާގައި ފިރިހެނަކު ނެތެވެ. ހުރިހާ ދަރިންނާއި ބަލި މަންމަ ބަލަހައްޓަނީ މިހާރު ވިހަން ކައިރިވެފައިވާ ނާޒިމާ (ފުރިހަމަ ނަން އުނިކޮށްފައި) އެވެ. އެންމެ ދޮއްޓަށް 12 އަހަރުގެ ފިރިހެން ކުއްޖަކާއި އޭގެ ހަގަށް ވެސް 10 އަހަރުގެ ފިރިހެން ކުއްޖެއް ހުންނަ އިރު ދެން ތިބެނީ ފަސް އަހަރާއި ތިން އަހަރާއި ދެ އަހަރާއި ބައިގެ އަންހެން ކުދިންނެވެ. ގޭގައި ހުރި މަދު ފަރުނީޗަރުތައް ވެސް ހުރީ ހަލާކުވެފަ އެވެ. ތަރަފާލުކޮޅެއްހާ މިންވަރު ވެސް ގޭގައި އަޅާފައެއް ނެތެވެ.

ނިކަމެތި އެ އާއިލާ އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ، އެތައް ސަތޭކަ ދިވެހި މަންމައިން ހިމެނޭ ގުރޫޕު، "މަމްސް އެންޖީއޯ"އަށެވެ. އެކަމަކު އެ މީހުން ވެސް ހައިރާންވީ، މި ފަދަ ޒަމާނެއްގައި މިހާ ހާލުގައި އުޅޭ ބަޔަކު ފެނުމުންނެވެ.

ނާޒިމާގެ ގޭގެ ބައެއް ތަންތަން: ނިކަމެތި އެ އާއިލާ އުޅެމުން ދަނީ މުސްކުޅި މަންމައަށް ލިބޭ 5،000 ރުފިޔާގެ އެހީގައި
ނާޒިމާގެ ގޭގެ ބައެއް ތަންތަން: ނިކަމެތި އެ އާއިލާ އުޅެމުން ދަނީ މުސްކުޅި މަންމައަށް ލިބޭ 5،000 ރުފިޔާގެ އެހީގައި

މަމްސްގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރު، ފާތުމަތު ފިއުރީން ބުނި ގޮޮތުގައި ވަރިކޮށްފައި ފިރިމީހާ ދިޔުމުން މިހާރު އެކަނި އުޅެމުން އެ އަންނަ އާއިލާގެ ހުރިހާ ހަރަދެއް ބަލަހައްޓަމުން އަންނަނީ، މުސްކުޅި މަންމައަށް ލިބޭ 5،000 ރުފިޔާއިންނެވެ. ކަރަންޓު ބިލް ދައްކާފައި ފަސް ކުޑަކުދިންނާއި ދެމައިންނަށް ހަރަދުކުރާ ވަރެއް ނުވެ އެވެ. ފިއުރީން ބުނި ގޮތުގައި ގޭގެ އެކި ހިސާބުތަކުން ފެންނަނީ ވީރާނާކަމެވެ.

ރާއްޖޭގައި އުޅޭ ނިކަމެތި މައިންނަށް އެހީވުމަކީ މަމްސް ޖަމިއްޔާގެ އެއް މަގްސަދެވެ. އެހެންވެ، މި އަހަރު ވެސް އެ މީހުން އައީ، އެހެން އުޅޭ ނިކަމެތި އާއިލާތައް ހޯދަމުންނެވެ. ނާޒިމާގެ ހާލަތު ޖަމިއްޔާއަށް އެންގީ، އެ ރަށުގައި އުޅޭ މަމްސްގެ މެމްބަރެކެވެ.

ނާޒިމާގެ ކުޑަ ދަރިއެއް މުށިތައް މަތީގައި ނިދާގައި: އެ ކުދިންގެ ގައިދަށުގައި އަޅާލާނެ ގޮދަނޑިއެއް ވެސް ރަޖާގަނޑެއްހާ ހިސާބު ވެސް ނެތް
ނާޒިމާގެ ކުޑަ ދަރިއެއް މުށިތައް މަތީގައި ނިދާގައި: އެ ކުދިންގެ ގައިދަށުގައި އަޅާލާނެ ގޮދަނޑިއެއް ވެސް ރަޖާގަނޑެއްހާ ހިސާބު ވެސް ނެތް

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި، ދަތުރުނުކުރެވޭތީ ފިއުރީީންމެންނަށް ގޭގެ ހާލަތު ބަލަން ޖެހުނީ ފޯނުގެ ކެމެރާ މެދުވެރިކޮށެވެ. އެކަމަކު އެއިން ވެސް، ގޭގެ ހާލަތު އެ މީހުންނަށް ވަޒަން ކުރެވުނެވެ.

އޭނާ ބުނި ގޮތުގައި ގޭގެ ފުރާޅުގައި ޖަހާފައިވާ ޓިނުތައް ވެސް ހަލާކުވެފައި ހުރި އިރު، ގެ ސީލިންގުކޮށްފައެއް ނެތެވެ. ވާރޭ ވެހޭ ދުވަހެއްގައި ނަމަ ގޭތެރޭގައި ފެންބޮޑުވާނެ އެވެ. ދެ ކޮޓަރީގައި މުށި ޖަހާފައި ހުއްޓަސް، ނިދާނެ އެނދެއް، ހެދުން ލާނެ އަލަމާރިއެއް ނެތެވެ. ފާހާނާއެއްގެ ގޮތުގައި ބޭނުން ކުރަނީ ވަޅުކޮޓަރި އެކެވެ. އެތަނުގެ ތެރޭގައި ހުރި، ތިރި ފާހާނާ ވެސް ހުރީ ވަރަށް ބޮޑަށް ބާވެ، ކައިރީގައި ޖަހާފައި ހުރި މުށިތައް ހަލާކުވެފަ އެވެ. "ފާހާނާ ފެނުނީމައި ވަރަށް އަސަރު ކުރި. ވިސްނާލާ މާބަނޑު މީހަކު ފާހާނާ ކުރަން އުޅޭނެ ގޮތް. އެތަނުގައި ކުދިން ފެންވަރަނީ ތިން ފޫޓުގެ ވަޅަކުން ފެން ނަގައިގެން، ތައްޓަށް ފެން އަޅައިގެން،" ފިއުރީން ބުންޏެވެ. "ގިފިލި ހުންނަނީ ވެސް އެ އުމުރުގެ ކުދިންނަށް ނުރައްކާ ވެދާނެ ގޮތަކަށް"

ބަނޑަށް ނުވަ މަސް ވެފައިވާ ނާޒިމާ އާއި ގޭގެ އެހެން މީހުން ބޭނުންކުރަން ހުންނަ ފާހާނާ
ބަނޑަށް ނުވަ މަސް ވެފައިވާ ނާޒިމާ އާއި ގޭގެ އެހެން މީހުން ބޭނުންކުރަން ހުންނަ ފާހާނާ

ނާޒިމާ އާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް 12 އަހަރުވީ އިރު، އޭނާ ވަނީ އެތައް ފަހަރަކު ފިރިމީހާގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާ ކުރިމަތިލާން ޖެހިފަ އެވެ. މަސްތުވާތަކެތި ބޭނުންކުުރާތީ ފިރިމީހާ ހަމަހޭގައި ހުންނަނީ މަދު ފަހަރެއްގައި ކަމަށް ނާޒިމާ ބުންޏެވެ. ކައިރި ކައިރީގައި އެހާ ގިނަ ކުދިން ވެސް ލިބުނީ، ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާގެ ޝިކާރައަކަށްވުމުންނެވެ. "ބައްޕަގެ ފަރާތުން ކުދިންނަށް ވެސް ޖިސްމާނީ އަނިޔާލިބޭ. ވަރިކޮށްގެން މިވީ އަށް މަސް ދުވަހުތެރޭ އެއްވެސް ހަރަދެއް ކުއްޖަކަށް ނުކުރޭ. ބަލިވިޔަސް ސުކޫލު އެއްޗެއް ބޭނުންވިޔަސް މަންމަ އެކަމެއް ކޮށްދޭނީ،" ނާޒިމާ، 37، "މަމްސް"އަށް ކިޔައިދިނެވެ.

ނާޒިމާގެ ގޭގެ ބަދިގެ ތެރެ: އެ އާއިލާއަށް އެހީތެރިކަން ބޭނުންވޭ
ނާޒިމާގެ ގޭގެ ބަދިގެ ތެރެ: އެ އާއިލާއަށް އެހީތެރިކަން ބޭނުންވޭ

އޭނާ ބުނިގޮތުގައި ގޭގައި ހިފައިގެންގުޅޭ އެއްވެސް އެއްޗެއް ނެތެވެ. ކުދިން ލައްވާނެ ރީތި ހެދުމެއްހާ ހިސާބު ވެސް އަތުގައި ނެތް އިރު، ފައިދާހުރި ރަނގަޅު ކާނާއެއް ކެވުނު ދުވަހެއް ހަނދާނުގައިވެސް ނެތް ކަމަށް ބުންޏެވެ. ގޭގެ ހާލަތު ހުރިގޮތުން، އެ ގެއަކަށް އެންމެ ރަނގަޅަކަށް ކަރަންޓެއް ނުލިބެ އެވެ. އެހެން ކަރަންޓު ދިޔަ ރެއެއްގައި، ކުދިން ރޯތީ ބައްޕަގެ ގެއަށް ގެންދިޔުމުން ވެސް އެ ދަންވަރު ކުދިން ފޮނުވާލީ ކަމަށް ނާޒިމާ ބުންޏެވެ. ކިތަންމެ ދުވަހަކު ކަނު އަނދިރިގައި، ގަދަ ހޫނުގައި އެ ކުދިން ނިންދަވަން އޭނާއަށް މަޖުބޫރުވެފައި ވެ އެވެ. އެންމެ ފަހުން ޒަކާތުގެ ގޮތުގައި އެ އާއިލާއަށް ލިބުނު ފައިސާއިން، ގެ ހިޔާ ކުރަން ނާޒިމާ ގަނެފައި ހުރި ޓިނުކޮޅު ވެސް ފިރިމީހާ ވިއްކާލީ ކަމަށް އޭނާ ބުންޏެވެ.

ނާޒިމާގެ ގޭގެ ބަދިގެ ތެރެ: ހިފާ ގެންގުޅެން ހުރީ މަދު އެއްޗެއް
ނާޒިމާގެ ގޭގެ ބަދިގެ ތެރެ: ހިފާ ގެންގުޅެން ހުރީ މަދު އެއްޗެއް

ނާޒިމާ އާއި އޭނާގެ އާއިލާގެ ހާލު އެނގުމުން، މަމްސް އިން ބޭނުންވީ ވީ އެންމެ އަވަހަކަށް އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. "އެހީ" ޖަމިއްޔާއާ ގުޅިގެން މަމްސް އިން މިހާރު ވަނީ އެ ކަމަށް ކެމްޕޭނެއް ފަށައިފަ އެވެ. އެހީއަށް އެދި ސޯޝަލް މީޑިއާގައި ޖެހުމުން، އެންމެ ތިން ހަތަރު ދުވަހުގެ ތެރޭގައި، ކުދިންނަށް ބޭނުންވާ އަންނައުނު ލިބުނެެވެ. ދެ ޖަމިއްޔާގެ އެހީތެރިކަމާ އެކު، އަލަށް އުފަންވާ ތުއްތު ކުއްޖާއަށް އެނދާއި ކަބަޑާއި ނާޒިމާގެ ވިހޭގެއަށް ބޭނުންވާ ސާމާނު އަދި ތިން މަސް ވާންދެން ޖަހާނެ ނެޕީ ހަމަކޮށްދިނެވެ. އެކަމަކު އެ ޖަމިއްޔާތަކުން ދެކޭ ގޮތުގައި މިއީ ވަގުތީ ހައްލެކެވެ.

ދާއިމީ ގޮތެއްގައި އެ މީހުން ހަމަޖެހިލައިގެން އުޅެން، އެ ގެ މަރާމާތު ކުރަން މިހާރު ވަނީ ނިންމާފަ އެވެ.

ފާހާނާއާއެކު ދެ ކޮޓަރި ރަނގަޅަށް ހަދައި، ގޭގައި ސީލިންގު ހަރުކޮށް، ކަރަންޓު ވައިރު ކުރަން ހަމަޖައްސައި، ބަޔަކާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. ގޭގެ ފަރުނީޗަރު ސްޕޮންސާކޮށްދިނުމަށް ނުވަތަ ޑިސްކައުންޓަކާއެކު އެތަކެތި ވިއްކުމަށް އެދި ފިހާރަތަކަށް ވެސް ހުށަހަޅާފައިވާ ކަމަށް ފިއުރީން ބުންޏެވެ. "އެ ގޭގައި ނެތް އާއްމު ދިރިއުޅުމުގައި މީހަކު ބޭނުންކުރާނެ އެކައްޗެއް ވެސް. އެހެންވެ، އާއްމުންގެ އެހީތެރިކަމާ އެކު އެ އެއްޗެހި ހޯދުމަށް އަޅުގަނޑުމެން މިހާރު ވާނީ ނިންމާފައި،" އޭނާ ބުންޏެވެ. ހާލަތު ހުރި ގޮތުން ނާޒިމާއަށް ވަޒީފާއަށް ދެވޭކަށް ނެތެވެ. އެކަނިވެރި މައިންނަށް ލިބޭ އެލަވަންސް އަދި އޭނާއަކަށް ލިބޭ ގޮތެއް ނުވެ އެވެ. އެހެންވެ، އެ އާއިލާއަށް ކޮންމެވެސް ގޮތެއް ފެންނަން ދެން އެހީތެރިކަން ފޯރުކޮށްދިނުމަކީ މަމްސް އަދި އެހީ ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ. އެހީ ދިނުމަށް މަމްސް އެކައުންޓް ނަންބަރު: 7730000294482 ރުފިޔާ 7730000294483 ޑޮލަރު

އިތުރު އެހީއެއް ދޭން ބޭނުން ނަމަ، 9828881 ނުވަތަ 7688122 ގުޅުމަށް އެދެ އެވެ.