ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އަތޮޅުތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޓެސްޓު ކުރުމުގެ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑްގެ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ރ، ޅ. އަދި ލ. އަތޮޅާއި ގދ. އަތޮޅުގައި ޕީސީއާރު ޓެސްޓިން ފެސިލިޓީތައް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފެސިލިޓީތަކުގައި މަސަައްކަތް ކުރުމަށްޓަކައި ލެބް ޓެކްނީޝަނުން ތަމްރީނުކުރަން ނަންތައް ފޮނުވަން މިހާުރު އަންގާފައިވާ ކަމަށެވެ.
ޕީސީއާރު ފެސިލިޓީތައް ހަދަން ހޭދަވާނީ ކިހާ މުއްދަތެއް ކަމެއް މަބްރޫކް ވިދާޅު ނުވެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ފުރަތަމަ އަހަރު އެ ބަލި ބޮޑަށް ފެތުރިފައި އޮތީ މާލެ ސަރަހައްދުގައި ކަމަށް ވިޔަަސް، އަތޮޅުތަކުގައި ވެސް މިހާރު އެބަލި ދަނީ ބާރަށް ފެތުރެމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ރަށްތަކުގައި ކޮމިއުނިޓީ ސްޕްރެޑް އުފެދި، މިހާރު ވެސް 70 އަށް ވުރެ ގިނަ ރަރަށް އަރައިފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ.
އަތޮޅުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި މިހާރު ކުރަމުން އަންނަ އެއް ކަމަކީ މަބްރޫކް ވިދާޅުވި ގޮތުގައި ކޮންމެ އަތޮޅަކަށް ވަކިން އަތޮޅު ފެންވަރުގެ ޓާސްކްފޯސްތަކެއް އެކުލަވައިލުމެވެ.
އޭނާ ވިދާޅުވީ، އެ ޓާސްކްފޯސްތައް އެކުލަވައިލާނީ އަލަށް ހޮވުނު ކައުންސިލްތަކާއި މެޑިކަލް ޕްރޮފެޝަނަލުންގެ ވެސް ބައިވެރިވުން އޮންނަ ގޮތަށް ކަމަށެވެ.
"ކޮންމެ އަތޮޅަކަށް ވެސް އެ އަތޮޅެއްގެ ކަންތައް ވަކިން ބެލުމަށްޓަކައި ޓާސްކްފޯސްތަކެއް ހެދުމުގެ މަސަައްކަތްތަކެއް މިހާރު ކުރިއަށް އެބަދޭ،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ހޮވުނު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ އެކު އެޗްޕީއޭ އިން ބައްދަލުވުންތައް ބާއްވައި މަޝްވަރާ ކޮށްފަައިވާ ކަމަށެވެ. މަޝްވަރާ ކުރީ އެކްޓިވް ކޭސްތައް މެނޭޖްކުުރުމާއި މޮނިޓަރިންގައި ހުރި ރަށްތަކުގައި ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ކަަމަށް ވިދާޅުވި އެވެ.