ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހަދާފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ހިއުމަން ރައިޓްސް ކޮމިޝަނުން ޒިޔާރަތްކޮށް ފާހަގަވި މައްސަލަތަކަށް ބަލާއިރު، ބަލި މީހުންނަށް އިތުރު އުނދަގޫތައް ކުރިމަތިވާ ވަރަށް ކަންކަން ބޮއްސުންލައިގެން ގޮސްފައިވާކަން ހާމަވެއްޖެ އެވެ.
އެޗްއާރްސީއެމުން މި މަހު 25 ގައި ފެސިލިޓީ އަށް ގޮސް ހާލަތު ބެލުމަށް ފަހު މިއަދު ހެނދުނު ނެރުނު ނޫސްބަޔާނުގައި ވަރަށް ގިނަ މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ފެސިލިޓީ އަކީ ސިއްހީ ފަރުވާދިނުމަށް ގާއިމްކޮށްފައިވާ ތަނަކަށް ވިޔަސް، ފަރުވާ ހޯދަމުން ގެންދާ މީހުންގެ އަދަދާއި އެ މީހުންގެ ހާލަތާ އަޅާބަލާއިރު، ފަރުވާދޭން ތިބި ނަރުހުންގެ އަދަދު ވެސް މަދުވުމުން، އެޑްމިޓުކޮށްގެން އެންމެ ރަނގަޅަށް ފަރުވާނުދެވޭ ކަމަށެވެ. އަދި އެހެން ހިދުމަތްތައް ދިނުމަށް ތިބޭ މުވައްޒަފުންގެ އަދަދު ވެސް މަދު ކަމަށް ބުންޏެވެ.
"... ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަލިމީހުން އެޑްމިޓްކުރުމުގެ މަސައްކަތް މި މުވައްޒަފުން ކުރަމުންދާއިރު އެޑްމިޓްކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަން ފާހަގަކުރެވިފައިވެ އެވެ،" އެ ކޮމިޝަނުން ބުނެފައިވެ އެވެ.
އެޗްއާރުސީއެމުން ފާހަގަކޮށްފައިވާ އިތުރު މައްސަލަތައް
- އާއިލާ އިން ބަލި މީހުންނަށް ފޮނުވާ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ބަލި މީހާއާ ހަމަށް ދިއުމުގައި ލަސްވުން
- ބަލި މީހުންގެ ހާލަތަށް ބަލައި ކެއުން ބަލަހައްޓަން ޑައިޓީޝަނުން ތިބި ނަމަވެސް، އެމީހުނަށް ދޭ ކެއުމަކީ އެންމެ އެކަށީގެންވާ ކެއުމަކަށް ނުވުން
- ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފުސާނީ ގޮތުން އެތައް ކަމެއް ތަހައްމަލުކުރަމުން ދާއިރު، އެ މީހުންނަށް ނަފުސާނީ އެހީ ފޯރުކޮށްނުދެވުން
- ފެސިލިޓީ ސާފުކުރަން ތިބޭ މުވައްޒަފުންނަށް އެއްވެސް ހުސްވަގުތެއް ނުދީ 12 ގަޑިއިރު މަސައްކަތް ކުރުވުން
- މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތައް
- އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުން ގިނަވެ، ބައެއް މީހުން ގާތުގައި އެހީތެރިން ވެސް ތިބެންޖެހުމާ އެކު ފެސިލިޓީގެ ކެޕޭސިޓީއަށް ވުރެ އެތަނުގައި މީހުން ގިނަވެ އެޗްޕީއޭގެ ގައިޑްލައިނަށް ނުފެތުން
- ކުއްލި ހާލަތުގައި ފަރުވާދޭންޖެހޭ ބަލި މީހުންގެ އާއިލާތަކަށް ގުޅޭނެ ފޯނު ނަންބަރެއް ނުލިބިގެން އުޅެން ޖެހުމާއި އެކަން ކުރުމަށް ވަކި ބަޔަކު ހާއްސަކޮށްފައި ތިބި ނަމަވެސް ވޯޑުތަކުން މައުލޫމާތު ލިބުން ލަސްވުމުން އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެ މީހުނަށް ވެސް އުނދަގޫވުން
ބަލި މީހުން މިހާރު ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ބައެއް ޕޭޝަންޓުންނާއި އެ މީހުންގެ އެހީތެރިން ދިން މައުލޫމާތުން އެނގޭ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އަދި ފެސިލިޓީއަށް ކުރި ޒިޔާރަތުން އެ ކޮމިޝަނަށް ފާހަގަކުރެވުނު މި މައްސަލަތައް، ވަކިވަކި މައްސަލަތަކުގެ ގޮތުގައި ބަލަން ވެސް އެ ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ.
ފެސިލިޓީގައި ހިދުމަތްދޭ މުވައްޒަފުންގެ އަދަދު މަދުވެ، ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ރައީސް އޮފީހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ މުވައްޒަފުން މަދުވުން ފިޔަވައި އިތުރު ދަތިކަމެއް މި ވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު އެއްވެސް ދަތިކަމެއް ނެތި ލިބެން އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފެސިލިޓީތައް އެބަހުރި. ވެންޓިލޭޓަރު ވެސް އެބަހުރި. އޮކްސިޖަން ވެސް އިރާދަކުރެއްވިޔާ އެބަހުރި. އެހެން ނަމަވެސް މީހުންގެ [ސިއްހީ ހިދުމަތްތެރިންގެ] ދަތިކަން މި އުޅެނީ،" އެ ދަތިކަން ހައްލު ކުރަން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވެ އެވެ.
ބަލިވާ މީހުން ގިނަވެ ފެސިލިޓީގެ ހުރިހާ އެނދެއް ވަނީ ފުރިފަ އެވެ. އަދި އައިސީޔޫގެ އެނދުތައް ވެސް ވަނީ ފުރިފަ އެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ކުރިމަތިވެފައިވާ ނަރުހުންގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ނަރުސްކަން ކިޔަވަމުން އަންނަ 144 ދަރިވަރަކު ވެސް މަސައްކަތަށް ނެރެން ވަނީ ނިންމައިފަ އެވެ.
ބަލި މީހުންނަށް ދޭ ހިދުމަތްތައް ރަނގަޅުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން 62 މީހަކާއި ބަލި މީހުންގެ އާއިލާތަކަށް ގުޅޭ އިންތިޒާމު ހަމަޖެއްސުމަށް 31 މީހުންގެ ކޯލް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އަދި ބަލި މީހުންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން 20 މީހުންގެ ޓީމެއް ވެސް މިހާރު ވަނީ ފެސިލިޓީއަށް ގޮސްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކޮންމެ ދުވަހަކު އަލަށް ބަލިޖެހޭ މީހުންގެ އަދަދު އުޅެނީ 1،000 އިން މަތީގަ އެވެ. އަދި ކޭސްތައް ގިނަވެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރަން ފަށައިފަ އެވެ.