ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހާ ހަމައަށް ދަންމާލައިފި އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މި ކުއްލި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ ކަމަށެވެ.
ރާއްޖޭގައި އަދިވެސް އިތުރަށް ކޮވިޑު ފެތުރުމުގެ ނުރައްކާ އޮތުމުން މާޗު 12، 2020 ގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ތިނަކާ ހަމައަށް ދަންމަން ނިންމެވީ ކަމަށް މިނިސްޓަރު ނަސީމްގެ ގަރާރުގައި ވިދާޅުވި އެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދަންމާލަން ނިންމިއިރު، ރާއްޖޭގައި ފާއިތުވި ހަފުތާތަކުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވި އެވެ. ނަމަވެސް އެ ނަމްބަރުތަކަށް މިހާރު ވަނީ ދަށްވުމެއް އައިސްފަ އެވެ.