މި ފެންނަނީ އިންތިހާބުތަކުގައި އަމަލުކުރާނެ ގޮތުގެ ކުޑަ މިންވަރެއް: އެމްޑީޕީ/ އަދާލަތު

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރުމަށް ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައި އަމަލުކުރަމުންދާ ގޮތުން ފެންނަނީ، ކުރިއަށް ހުރި އިންތިހާބުތަކުގައި ސަރުކާރުން ކަންކަން ކުރާނެ އުސޫލު ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.


ރައީސް ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލާގައި ނެރުނު ވަގުތީ އަމުރުގައި ވަނީ، އެ މައްސަލާގައި ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކުރާއިރު "ހާލަތު ޟުރޫރަތެއް" ޕީޕީއެމަށް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ރީ-ރެޖިސްޓްރޭޝަންގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ތާރީހަށް އަމަލުކުރުން ފަސްކުރުމަށް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ކޯޓުތައް މެދުވެރިކޮށް، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ސަރުކާރުން ހަލާކުކޮށްލަމުންދާ ކަމަށެވެ. ޕީޕީއެމްގެ، ރައީސް ޔާމީން ފެކްޝަނަށް ހާޑް ޑިސްކެއް ނުލިބިގެން މުޅި އިންތިހާބު ހުއްޓުވަން އުޅުމަކީ އެތައް ބައެއްގެ މަސްލަހަތާއި ހައްގު ގެއްލިގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ވަކި ބަޔަކަށް އިންތިހާބަށް ތައްޔާރު ނުވެވޭތީ، މިގޮތަށް އަމަލުކުރުން ގަބޫލުނުކުރެއްވޭ ކަމަށެވެ.

"އެމްޑީޕީން ވެސް މިއޮތީ އިންތިހާބަށް ފައްކާވެފައި. ޕްރައިމަރީ ބާއްވައި ވާދަކުރާ ކެންޑިޑޭޓުން ހޮވާފައި. ވަކި ބަޔަކަށް ތައްޔާރު ނުވެވޭތީވެ އިންތިހާބު ހުއްޓުވައިލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" އިންތި ވިދާޅުވި އެވެ.

ކޯޓުތަކާއި މުއައްސަސާތައް މެދުވެރިކޮށް ހިންގާ އަމަލުތަކުން މި ފެންނަނީ، އިންތި ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ހިންގުން މުސްތަޝާރާ ހަވާލުކުރި ގޮތަށް ހުރިހާ ކަންކަން ވެސް ކުރިއަށް ގެންދާ މަންޒަރެވެ. އިންތިހާބު ފަސްކޮށް، ބޭނުމަކީ، ކެންޑިޑޭޓުންނާއި ވޯޓުލާން ތައްޔާރުވެގެން ތިބި މީހުން ފޫހިކޮށްލައި، ސަރުކާރުން ބޭނުންވާ މަގްސަދު ހާސިލްކުރުން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ސަރުކާރުން ހުށަހެޅީ ނުފޫޒު ފޯރުވުމަށް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. ގާނޫނުގައި ކަނޑައެޅިގެން ވަކި ގޮތަކަށް ބަޔާންކޮށްފައި އޮއްވައި ވަކި ޕާޓީއަކުން ބޭނުންވާ ގޮތަކަށް އިންތިހާބުގެ ހުރިހާ ކަމެއް ގެންދިއުމަކީ އިންސާފުން ބޭރުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ލެވެލްގައި ކަންކަން ދާ ކަމަށް ވަންޏާ ރިޔާސީ އިންތިހާބުގައި ކަންކުރާނެ ގޮތް އަންދާޒާއެއް ވެސް ނުކުރެވޭނެ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބު ހުއްޓުވަން އުޅެނީ، ސިޔާސީ ޕާޓީތަކަށް އެތައް ގޮތަކުން ދަތިކުރުމަށް ފަހުގަ އެވެ. އޭގެ ތެރޭގައި މެމްބަޝިޕަށް ބޭނުން ގޮތެއް ހަދާލުމާއި ގާނޫނުން ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ވެސް ނުދީ ހިފެހެއްޓުން އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، އަންނަ ޖެނުއަރީ 14 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައި ވާއިރު، ޕީޕީއެމްގެ ހިންގުމުގައި ދިމާވި ދަތިތަކާ ހެދި، މިހާރު ކަނޑައަޅާފައިވާ ތާރީހަށް އިންތިހާބަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެވިފައި ނުވާ ކަމަށެވެ. އެ ޕާޓީ އަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީކަން މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ، ޕާޓީ ހިންގަން ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރުމަށް ފަހު އިންތިހާބަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނެތުމުގެ އިތުރުން ޕާޓީގެ ޑޭޓާ ބޭސް އާއި އާއްމު މެމްބަރުންގެ ދަފްތަރު ވެސް ނެތުމާ އަދި އެހެން ވެސް މުހިއްމު ލިޔެކިޔުންތަކެއް ނެތް ކަމަށެވެ. މި ހާލަތުގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައިވެ އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު، އެ ފެކްޝަނުން ކުރިން ބުނެފައި ވަނީ އިންތިހާބު ފަސްކުރަން ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށެވެ. އެ ގޮތަށް ވާހަކަ ދެކެވިފައި އޮވައި އިލެކްޝަނުން ވަނީ، އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ކުއްލި ގޮތަކަށް އިތުރުކޮށްފަ އެވެ.

ޕީޕީއެމްގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދިފައި ވާއިރު، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ މެމްބަރުން އިންތިހާބުގައި ވާދަކުރަން ނިންމާފައި ވަނީ އަމިއްލަ ގޮތުންނެވެ. މިކަން ހުއްޓުވުމަށް، ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކުން ވެސް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.

ޕީޕީއެމްގެ އެތެރޭގައި ދިމާވި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ޕާޓީ ހިންގުން މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން ޕާޓީގެ އިދާރީ ހުރިހާ ކަމެއް ވެސް ކުރަނީ އެ ފެކްޝަނުންނެވެ.