މަރާލާފައި އޮއްވައި ހުޅުމާލޭ ދެ ވަނަ ފޭސް ސަރަހައްދުގެ މޫދުން ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމި ނަމަވެސް ޕޯސްޓްމޯޓަމް ހަދާނީ ކޮން ގައުމަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން ހޯދަމުން ދަނިކޮށެވެ.
ކުއްޖާ މަރާލުމަށް ފަހު ހަށިގަނޑު މޫދަށް އެއްލާލާފައި އޮއްވައި ފުލުހުން ހޯދައި އެ މައްސަލައާ ގުޅިގެން ދެ މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 17 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި ހައްޔަރުކުރި މީހުންނަކީ އެ ކުއްޖާގެ އެކުވެރިންތަކެކެވެ. މީގެ ކުރިން، އެ ކުއްޖާއާ އެކު އެމީހުން މަގުމަތިން ބައެއް މީހުންނަށް ފެނިފައިވެ އެވެ.