އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރައިލުމަށް ފަހު ހުޅުމާލޭ މޫދަށް އެއްލި މައްސަލައިގައި ހައްޔަރުކުރީ އެ ކުއްޖާއާ އެއްކޮށް އުޅޭ ދެ އެކުވެރިން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެ ފިރިހެންކުއްޖާ ރަހީނުކޮށް، މަރައިލުމަށް ފަހު މޫދަށް އެއްލައިލާފައި އޮއްވައި ފެނުނީ ރޭ މެންދަމުން އަލިވެ 2:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެންކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. އެ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި ދެ މީހުންނަކީ ވެސް އަބަދުވެސް އެއްކޮށް އުޅޭ ދެ މީހުންނެވެ. އެ ދެ މީހުން އެއްކޮށް އުޅޭ ތަން ބައެއް މީހުންނަށް ފެނިފައިވާ ކަމަށް ވެސް ވެ އެވެ. ހައްޔަކުރި ދެ މީހުންނާ އެކު ހުޅުމާލޭ ދެ ވަނަ ފޭސްގައި ވެސް އެ މީހުން އުޅުނު ކަމަށްވެ އެވެ.
ރަހީނުކޮށް، މަރާލާފައި އޮއްވައި ފެނުނު ކުއްޖާ ވެސް ދޭތެރެދޭތެރެެއިން ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރާ ކަމަށް އެ ކުއްޖާގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައި ދިނެވެ. އެ ކުއްޖާ ރަހީނުކުރި ކަމުގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭގެދެތިން ދުވަސް ކުރިން ވެސް އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމުން ހޯދައި އާއިލާއާ ހަވާލުކުރިކަން ވެސް ވަނީ އެނގިފަ އެވެ.
ރަހީނުކޮށް، މަރާލަފައި އޮއްވައި އެ ކުއްޖާ ފެނުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ހިސާބުން ކަރުތާފެނާ ހިސާބު މޫދުންނެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.