ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކުރުމާ މެދު އަދިވެސް ގޮތެއް ނުނިމޭ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހުން ވަނީ އިތުރު ބައެއް މައުލޫމާތުތައް ހޯދަން އޭސީސީގައި ދެ ފަަހަރެއްގެ މަތިން އެދިފަ އެވެ. އޭސީސީއިން ވަނީ ޕީޖީ އޮފީހަށް އެކަމުގައި ޖަވާބުދީ ލިޔުން ފޮނުވައިފަ އެވެ.

ދައުވާ ކުރުމަށް ފޮނުވިތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ، ދައުވާކުރުމާ މެދު އަދިވެސް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދިވެސް އަންނަނީ މައްސަލަ ދިރާސާ ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ވަކި ގޮތެއް ނުނިމޭ. މައްސަލަ އަދިވެސް ދިރާސާ ކުރަމުން ދަނީ،" ޝަފީފު ވިދާޅުވި އެވެ.

މި މައްސަލައަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ހިމެނޭ މައްސަލައެއްކަން އެނގިފައިވެ އެވެ. ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭސީސީގައި ސާފު ކުރަން އެދުނީ ހެކިތަކަކާ ގުޅޭ ކަންތައްތަކެކެވެ.

އެނގިފައިވާ ގޮތުގައި، ޕީޖީ އޮފީހުން ފުރިހަމަ ކުރަން އެދުނު ބައެއް ކަންކަން އެ އޮފީހުން އެދޭ ގޮތަށް އަދިވެސް އޭސީސީއަށް ފުރިހަމައެއް ނުކުރެވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ. އޭސީސީން ބުނެފައި ވަނީ އެ ފައިސާ އަކީ މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ފައިސާ ކަމަށެވެ.

ތުހުމަތުތަކުން ދިފާއުވުމަށް މަހުލޫފު ކުރިން ވިދާޅުވީ، އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެކަމަކު ތަހުގީގަށް ފަހު، އޭސީސީން ބުނެފައިވާ ގޮތުގައި އެއީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތެވެ. އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ދައްކަން މަހުލޫފު ލިޔުމެއް ހުށަހަަޅާފައިވާއިރު އެ މައްސަލައިގައި ދޮގު މައުލާމާތު ދިނުމުގެ ދައުވާ ކުރުމަށް އޭސީސީއިން ވަނީ އެދިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދީ އޭސީސީން ޕީޖީ އަށް ފޮނުވި ދުވަހުން ފެށިގެން ވަޒީރުކަމުން ސަސްޕެންޑު ކޮށްފައިވާ މަހްލޫފު ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ދައުވާކުރަން އުޅެނީ ޒާތީވެ، މަގާމުން ވަކި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭނާ އަކީ ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.