ކުރީގެ ރައީސް އަބްދުﷲ ޔާމީން، ވ. އާރަށުގެ މައްސަލައިގައި މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ މަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މިއަދުގެ މެންދުރު 2:00 އަށެވެ.
ޔާމީން، އާރަށުގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފަ އެވެ. މިިދިޔަ އޭޕްރީލް ފަހުކޮޅު އެ މައްސަލަ ޕީޖީ އަށް ފޮނުވި ފަހުން ވެސް، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ޔާމީން ހަމަ އެ މައްސަލައިގައި ފުލުސް އޮފީހަށް ގެންދިޔަ އެވެ.
އާރަށަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީންގެ އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދީފައި އޮއްވައި 2015 ވަނަ އަހަރު ވ. ފެލިދޫ ކައުންސިލާ ހަވާލުކުރި ރަށެކެވެ. އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަހުން ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އެ ރަށް އޭގެ ފަހުން ބޭރު ކުންފުންޏަކަށް ވިއްކައިލީ އެވެ.
ޔާމީންގެ މައްޗަށް މި މައްސަލާގައި ތަހުގީގު ހިންގާފައިވަނީ ރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު އެ މަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވުމުންނެވެ.
އެ ބޮޑު ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތަށް ޔާމީން އިއްޔެ ކްރިމިނަލް ކޯޓަށް ވެސް ހާޒިރުކުރި އެވެ.