އައިއީޑީ ގޮއްވާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ ހައިޝަމް (ކ) އަދި ތަހުމީން.-
03 އޯގަސްޓް 2021 - 15:13
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ އަލީ ހައިޝަމް އާއި ތަހުމީން އަހުމަދުގެ ޑީއެންއޭ އައިއީޑީން ފެނިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށް، އެ މައްސަލައިގެ ތަފްސީލު ހިއްސާކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޖީ ވިދާޅުވީ ހައިޝަމްގެ މައްޗަށް ދައުވާ ސާބިތުކުރަން މި ވަަގުތު ގޮންޖެހުމެއް ހުރިކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އައިއީޑީން ހައިޝަމާއި ތަހުމީނުގެ ޑީއެންއޭ ފެންނަން އެބަހުރި ކަމަށް ޕީޖީ ވިދާޅުވި އެވެ.
"އައިއީޑީގައި ތަހުމީނުގެ ޑީއެންއޭ އެބަހުރި ފެންނަން. މޭޖަ ކޮމްޕޯނެންޓު ފެންނަން އެބަހުރި. އެހެންވެ، މި ކަންކަމަށް ބަލާއިރު އަޅުގަނޑުމެންނަށް ތަހުމީނުގެ މައްޗަށް ވެސް ކުށް ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އަލީ ހައިޝަމްގެ ވެސް މި ދަންނަވާ ޑީއެންއޭ އެބަހުރި. ސައިކަލުގައި ބޮން ހަރުކުރި ވަގުތުގެ ސީސީޓީވީ ފުޓޭޖު ވެސް ލިބިފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށް، އެ މައްސަލައިގެ ތަފްސީލު ހިއްސާކުރަން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޖީ ޝަމީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އެންމެން ވެސް ހަމަލާއާ ގުޅުންހުރި އެކި ކަންކަމުގައ ޝާމިލްވެ، އެކި މީހުންނާ ބައްދަލުކޮށް ވާހަކަދައްކާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުތައް އެބަހުރި ކަމަށެވެ.
"މި ސައިކަލު މާލެ ގެނެސް ބެހެއްޓި ދުވަހު ކަންތައްތައް ހިނގައިދިޔަ ގޮތުގެ ސީސީޓީވީ ފުޓޭޖު އެބަހުރި. ސައިކަލު ހަވާލުކުރި ގޮތުގެ ސީސީޓީވީ ފުޓޭޖް އެބަހުރި. އެކަންކަން ގުޅުވާލެވޭ ކަންކަން، ގުޅުވާލެވޭ ހެކިތައް އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި،" ޝަމީމް ވިދާޅުވި އެވެ.
އެ މައްސަލައިގައި ތަހުމީނުގެ މައްޗަށް ތިން ދައުވާއެއް އުފުލައި އޭނާއާއެކު ދައުލަތުން ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އަންނަ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އޭނާއަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ އެވެ.
ހައިޝަމްގެ މައްޗަށް ވެސް ތިން ދައުވާއެއް އުފުލާފައި ވެ އެވެ. އެއީ؛ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ ގާތްގަނޑަކަށް 35 އަހަރުގެ ހުކުމެއް އަންނާނެ އެވެ. ޝަމީމް ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުން ހެދުމަށް އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
05 August 2021
އެގަޑީގައި އެތަނުން ދިޔަ މީހުންގެ ޑީއެންޑޭ ވެސް ފެނިދާނެ. އަދި އެމީހުންގެ ބޮލަށް ކަނޑާލަން އެމީހުންނަށް ނޭނގި ވެސް ޑީއެންއޭ އޭގެ ތެރެއަށް ލެވިދާނެ.
މީޒާން
03 August 2021
ވަކި ހިސާބަކުން މަޢާފު ދީފައި ގޭގައި ތިބޭނީ.. ދިވެހި ރާއްޖޭގައި މި އޮތީ ޖިނާޢީ އަދުލުގެ ނިޒާމެއް.. ހުކުމެއް ކުރިޔަސް ހުކުމް ތަންފީޒު ކުރޭތޯ.. ހުކުމް ދެމި އޮންނާނީ ކިހާ ދުވަހަކު ތޯ.. ސުވާލު އުފެދިފައި އޮންނަނީ.. ޢެހެންނޫންނަމަ މިއަދު އަދީބު ރަސްމީ އިއްޒަތުގައި އެންމެ އަގުބޮޑު ފުލެޓްގައި ނޯންނާނެ.. ޔާމިނު ވެސް ގެއަކު ނުހުންނާނެ..
1828
03 August 2021
ޓެރަރިސްޓް ހަމަލާއެއް ދިންކަމަށް ތުހުމަތުކުރެވޭ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތުކުރޭ މީހުންނާއި މީހަކު މެރިކަމަށް ތުހުމަތުކުރޭ މީހުންނާ އިއްތިރާފް އެއްބަސްވުން ހެދުން ދިވެހި ރައްޔިތުުން ޤަބޫލެއް ނުކުރާނެ. އެއީ ކޮށްގެންވާނެ ކަމެއްނޫން. އެކަން އެގޮތަށް އެކުރަނީ ކޯޓްގައި މައްސަލަ ސާބިތު ނުކުރެވޭނެކަން ޕީޖީއަށް ޔަޤީންވާތީ.