ޖުމޭރާ ވިއްޓާވެލި ރިސޯޓުން ކެނޑުނު މުވައްޒަފުންތަކަކަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ދޭން ޖެހޭ ހުރިހާ ފައިސާ އެއްފަހަރާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފި އެވެ.
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމްސް) އިން މިއަދު ބުނީ 2019 ގައި ޖުމޭރާއިން ކެނޑުނު މުވައްޒަފުންތަކަކަށް އޯވަޓައިމް ނުދީ އޮތް މައްސަލަ އެ ޓްރައިބިއުނަލަށް ހުށަހެޅިތާ ދެ އަހަރު ފަހުން، މިދިޔަ ޖުލައި 8 ގައި ނިންމާފައި ވަނީ އެ މުވައްޒަފުންނާ އެއްކޮޅަށް ކަމަށެވެ.
ޖުމޭރާ ވިއްޓާވެލި ރިސޯޓް ހިންގާ އެސްޕީއެޗް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ޓީމްސްގެ ފަރާތުން ހުށަހެޅި އެ މައްސަލަތަކުގެ ތެރެއިން ރ. މާކުރަތު ސަމްހިޔާ، މުހައްމަދު ސުހައިލަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް އަންގައި ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން އެ ޖަމިއްޔާ އިން މިއަދު ވަނީ ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ.
އެ ނިންމުމުގައި ވަނީ ޖުމޭރާ ވިއްޓާވެލި ރިސޯޓުގައި ސުހައިލް ވަޒީފާ އަދާކުރި ދުވަސްވަރު، އިތުރު ގަޑީގައި މަސައްކަތް ކޮށްފައިވާ ކަން އޭނާ ހުށަހެޅި ހާޒިރީ އަށް ރިއާޔަތް ކުރުމުން ބުރަވެވޭ ކަމަށެވެ. އެހެންވެ، އޭނާ އިތުރު ގަޑީގައި މަސައްކަތް ކޮށްފައިވާ ކަމަށް ބުރަވެވޭ ވގުތުތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށް ޓްރައިބިއުނަލްގެ އެންގުމުގައި ވެ އެވެ.
ޓްރައިބިއުނަލްގެ ނިންމުމާއެކު، ޓީމްސް އިން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ބުނީ "ކާމިޔާބަށް ދެވޭނީ ގަޓެއް ހުރެގެން" ކަމަށެވެ.
ޓީމްސް އަކީ ރިސޯޓް ކުވައްޒަފުންގެ ހައްގުތައް ލިބި ދިނުމަށް ކުރިއްސުރެ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންން އަންނަ ޖަމިއްޔާ އެކެވެ.