ވެލިގަނޑު ރިސޯޓް ބޮޑުކުރަން ހިއްކާފައިވާ ބައި. އެ މަސައްކަތް ހުއްޓުވައިދޭން އެދި މަޖިލީހަށް މިއަދު މައްސަލައެއް ހުށަހެޅި.
23 އޯގަސްޓް 2021 - 10:01
އއ. މަޑިވަރު ފަޅުގައި އޮންނަ ވެލިގަނޑު ރިސޯޓުން، "ވެލިފިނޮޅު"ގެ ނަމުގައި އާ ރަށެއް ހިއްކަން ކުރާ މަސައްކަތުގެ ސަބަބުން އެ ސަރަހައްދަށް ވަރަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް ވިދާޅުވެ، އެ މަސައްކަތް ހުއްޓުވައިދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ރަސްދޫ، މަޑިވަރު ސަރަހައްދަކީ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން 2018 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށެވެ. އެކަން އެހެން އޮއްވައި "ވެލިފިނޮޅު"ގެ ނަމުގައި އެ ސަރަހައްދުގައި ރަށެއް ހިއްކުމުގެ މަސައްކަތް ކްރައުން ކޮމްޕެނީން ފަށާފައިވާ ކަމަށާއި އެކަމަށް ވެލިނަގަމުން ދަނީ ވެލި ނެގުން މަނާކޮށްފައިވާ ސަރަހައްދަކުން ކަމަށެވެ.
ޝިޔާން ހުށަހެޅުއްވި މައްސަލަައިގައި ވިދާޅުވީ ވެލިގަނޑު ރިސޯޓުން ކުރަމުން އަންނަ މަސައްކަތަށް ވެލިބެޑް ޖަހާފައި ވަނީ ވެލިގަނޑު ރިސޯޓްގެ އިހުތިސާސް ހިނގާ ސަަރަހައްދަށް ވުރެ ބޭރުގައި ކަަމަށް ތޮއްޑޫ ދާއިރާގެ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
"ވެލިފިނޮޅު ބޮޑުކުރުމަށް ވެލި ނެގުމަށް، އަދި ހިލަ ބާޖެއް ކައިރިކުރުމަށް ވަގުތީ ވެލި ބެޑެއް ޖެހުމުގެ ސަބަބުން އޭގެ ސެޑިމެންޓޭޝަން ފެތުރި، ސަރަހައްދުގެ މުރަކަތަކުގެ ދިރުމަށް އަސަރުކޮށްފައި ވުމާއި އެ ސަރަހައްދުގެ ކަހަނބު ޕޮއިންޓާއި ހެމަހެޑް ޝާކް ޕޮއިންޓް ކިލަނބުވެ، ނުފެންނާތީ އެކަމުގެ ޝަކުވާ އަންނަނީ ލިބެމުންނެވެ،" ޝިޔާން ހުށަހެޅުއްވި މައްސަލަައިގައި ވިދާޅުވި އެވެ.
އެހެންވެ، އެ މަސައްކަތް ހުއްޓުވައިދިނުމަށާއި އެ މަައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އޭނާ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވައިލެއްވި އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ވެލިފިނޮޅު ހިއްކުން ހުއްޓުވައިދޭން ގޮވާލައި އޭނާ މިއަދު މައްސަލައެއް ހުށަހެޅުއްވި-- ފޮޓޯ: މަޖިލީހުގެ އިދާރާ
އެ މައްސަަލަ މަޖިލީހަށް ބަލައިގަތުމަށް ފަހު ކުރި ބަހުސްގައި ޝިޔާމް ވިދާޅުވީ މަޑިވަރު ފަޅުގެ އެ ސަަރަހައްދަކީ ހިޔާމަތްކޮށްފައިވާ ސަރަހައްދަކަށް ވާއިރު، ކްރައުން ކޮމްޕެނީން މިހާރު ކުރިއަށް ގެންދާ އެ މަސައްކަތުގެ ސަބަބުން އެ ސަރަހައްދު ފަނާވެ ނެތިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެ ސަރަހައްދަކީ ރާއްޖޭގައި "ހެމަހެޑް ޝާކް" (ކާލިގަނޑު މިޔަރު) އަރާ ހަމަ އެކަނި ސަަރަހައްދު ކަމަށާއި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ފީނަން ފައިބަނީ ވެސް އެ ސަރަހައްދަށް ކަމަށެވެ.
"ބޮޑު އަގު ދައްކާފައި ފީނަން ފައިބާ މީހާ އަށް އިއްޒަތްތެރި ރައީސް އެ [ކާލިގަނޑު މިޔަރު] ނުފެނުނީމާ އޭގެ ޝަކުވާ ކުރާނެ. ޑައިވިނަށް ދަނީ ހެމަހެޑް ޝާކް ބަލައިލަން، އެކަމަކު މި ފެންނަނީ ނިދަން މިޔަރެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެެއީ ޓޫރިޒަމް ދާއިރާ މާކެޓް ކުރާ ފަރާތްތަކުން ވެސް ބޭނުންވާނެ ގޮތެއް ނޫން ކަމަށާއި ރިސޯޓްތަކުން އެއްވެސް އިމެއް ނެތި އެ މީހުންގެ މަސައްކަތް ފުޅާ ކުރުމަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރީގައި އުޅޭ ފަރާތްތަކުގެ ބޮޑު ޝަކުވާއެއް ކަމަށެވެ. ރަސްދޫ ހިމެނޭ ސަރަހައްދަކީ ޖިއޮގްރަފީގެ ގޮތުން ވަކި ސަރަހައްދެއް ކަމަށާއި އެއީ ހިމާޔަތްކުރަން ޖެހޭ ސަރަހައްދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިމާވެށީގެ ގޮތުން މިއީ ވަރަށް ބޮޑަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ސަރަހައްދެއް. މި ސަރަހައްދު ހިމާޔަތްކުރުމަށް ޓަކައި މި މަޝްރޫއު މިހާރުން މިހާރުން މިހާރަށް، ސަަރުކާރުން އެބަ ހުއްޓުވަން ޖެހޭ،" ޝިޔާން ވިދާޅުވި އެވެ.
އެހެންވެ އެ މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ އަށް ގެންގޮސް ދިރާސާކޮށްދޭން އޭނާ އެދިވަޑައިގެންނެވި އެވެ. މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން ހުށަހެޅި އެ މައްސަލަ ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
24 August 2021
އަހަރުމެން މާލޭ ރައްޔިތުންނަށް އެޗްޑީސީގެ ދަށުން ހުޅުމާލެ މިނިވަން ކޮއްދިނުމަށްވެސް އެދި ގޮވާލަން!
ތިޔަދޫރަލީ
23 August 2021
އައިލެންޑު ބާޒާރަކީ ދިވެހިޒުވާނުންނަށް ވަރަށް ފުރުސަތު ހޯދާދޭ ފިހާރައެއް. އެފަދަ ބައެއްގެ ވިޔަފާރިއަކުން މިކަންކުރާތީ ދެރަ.
އަހުމަދުގެދަރި
23 August 2021
މެޑަމްގެ ތިމާގެ ކުއްޖެ ކުލައިމެޓް އެންޖޯއީ އަކީ. އޭނާއަށް މަންފާކުރާ ކުންފުންޔަކުން ކުރާކަމެއްތީ. ނުހުއްޓުވޭނެ. ނެޕޮޓިޒަމް މުޅިގައުމުގަ.
މުޑަހަންޖާ
23 August 2021
ހެހެހެ.. މިރަށު ޒުވަނުން މޫދުގަ އުނދޯއްޔެއް ހަދަން ދަގަނޑެއް ޖެހީމަ ތިމާވެއްޓަށް ގެއްލުންދީފިއޭ ކިޔާފަ ކައުންސިލަށް ހާޒިރުކޮށްގެން މައްސަލަބެލީ. އޭގެ ދުވަސްކޮޅެއްފަހުން ސަރުކާރުން މުޅިފަޅު ކޮނެނަގައިގެން ގެންގޮސް ފަޅުގެ އެހެން ދިމާލަކަށް އަޅައިގެން ހިއްކައިފި.
އުދުހޭ
23 August 2021
ތިމާވެއްޓޭކިޔައިން ބޭރުގައުމުތަކުން ލާރިހޯދާފައި ތިމާވެށި ހަލާކުރުމުގައި އިސް ދައުރެއް އަދާކުރަނީ އީޕީއޭ އާއި ސަރުކާރުން ކަމަށް ވިސްނޭ. ސިޔާސީ މީހުންވެސް މީގެރޭގައި ހިމެނޭ. ކޯޓުފަޓުލޫނު ލައިގެން މޫދަށް އެރުނު ސޮރަކުވެސް ހިމެނޭ. އާންމު ރައްޔިތު މީހާ ހިއްހަމަޖައްސާލަ ދޫންޏެއްހާހިސާބުސް ނުގެންގުޅެވޭ، އެއެއްޗެހި ވަނީ ހިމާޔަތްކޮށްފަ. ބޭރުން އެތެރެކުރާ ގުރާ ގެންގުޅެވޭ، އެއީ ރާއްޖެއިން ބޭރަށް ޑޮލަރު ފޮނުވާ އިގްތިސޯދަށް ގެއްލުންލިބޭގޮތަށްވީމާ ކުރެވެނީ.
އުދުހޭ
23 August 2021
ބިން ހިއްކުމަކީ އެނޫންގޮތެއް ނެތިގެންނޫނީ ކުރަން ހެޔޮވާވަރު ކަމެއްނޫން. މ.މަޑިފުއްޓާ ރަތްމަންދުއާ ދޭތެރޭ ހިއްކާފަ އޮތް މަގު ސުނާމީއާ އެއްކޮށް ގިރާލައިގެން ދިޔައީ. މީހެއްގެ ގެޔެއް އެތާ ނެތްކަން ނަސީބު. މިހާރު ރާޢްޖޭގައި ބިންހިއްކުން ހައްދުން ނެއްޓި ރިސޯޓުގެ ފަޅުތެރޭގައި އެހެން ބައެއްގެ ރަށެއް ހިއްކުމުގެ މައްސަލަ ދިމާވެފަ އޮތީ. އެހެންވީމާ ކްރައުން ކޮމްޕެނީ ނޫނަސް އެހެން ރިސޯޓްތަކުންވެސް ބޭނުންވާނެ އެމީހުންގެ ރިސޯޓުގެސަރަހައްދު ކުރިއާލާ ބްލޮކްކުރަން
ޙިނި
23 August 2021
ޕިސް ޕިސް އެޔޮއް ފޮޓޮއެއްދޯ، މީހަމަ ސަރުކާރާ އީޕީއޭ ހުއްދަދީގެން ކުރާ ކަންކަން؟ ތިމާވެއްޓޭ ކިޔައިން ހުރި މުނާފިގުކަން. ފަރުތަކާ ތިމާވެށި ދައިލަތުން ރޭޕު ކުރަނީ
ގޮއްހިނި
23 August 2021
އެހެންވީމާ އަދި ކަލެއަށް ދުނިޔަމިތީގައި ކަންކަން ނުފެންނަނީތާ.. މިގައުމުގައި ހަދާ ބަނދަރުތަކާއި ބިންހިއްކާއިރު ފޮޓޮއެއް ނަގައިފިއްޔާ ތިނުވާނެ އެއްޗަކައްވެސް،. ބަނދަރުހެދުމާއި ބިންހިއްކުން މިރާއްޖޭގައި މިހާރުން މިހާރަށް ގާނޫނަކުން ހުއްޓާލަންޖެހޭ..
ރަސްދުވާ
23 August 2021
ތިމާވެށި ހަލާކުކުރުމަށް މަގުފަހި ކުރި ޓޫރިޒަމް ގާނޫނުތައް ފާސްކުރި މީހުން މިބުނަނީ ތީ ކޮށްގެންވާވަރު ކަމެއް ނޫނޭ؟! އެކަން ކުރަން މަގުފަހި ކޮށްފައި ދެން މިހުންނަނީ ދަނޑިބުރި ހިފައިގެން ނިކުމެ ފަރުމަތީގައި! ތިކަން ކުރުމުމާއި ނުކުރުމުގެ ބާރު އޮތިީ ތިމަޖިލީހުގައި! ނިކަން ކެރެންޏާ އެމްޑީޕީން ވައުދު ވީގޮތަށް ބިންހިއްކުން ގާނޫނަކުން ހުއްޓުވަބަލަ؟ ތޮއްޑޫ މެމްބަރު ނިކަން ކެރެންޏާ ތޮއްޑޫފަރަށް ގެއްލުންވާތީ ތޮއްޑޫ ބަނދަރު މަސައްކަތް ހުއްޓުވަބަލަ؟ ހުސްފޭކް
އުއްޗު
23 August 2021
މީ ކުރޯން ކޮމްޕަނީގެ ގައުމެއް . މިހާރުވެސް ސަރުކާރުން ތިބީ ދަރާފަ މި ކޮމްޕެނީއައް . ވަރައް ސާފު ބޭނުން ގޮތެއް . ވަރަށް ކެއްކޮއްފަ މި ލިޔުނީ /.
ފަޅު ރަސްގެފާނު
23 August 2021
އެހެން ރިސޯޓް ތަކުން ފަޅު ހިއްކާގެން ރިސޯޓް ތައް ހެދުމަކީ މައްސަލަ އެއް ނޫން. އަދި ފަޅުތައް ހިއްކާގެން ރިސޯޓް ތައް ހެދޭ ގޮތައް ގާނުނު ތައް ފާސްކުރި މީހުން މިކިޔާ އެއްޗެއް މިހާރު ދިމާވޭތަ އެއްބަ؟