ގުޅީފަޅު ހިއްކުމުން ވިލިމާލޭ ފަރަށް ގެއްލުންވާ މައްސަލަ މަޖިލީހަށް

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށްޓަކައި އެ ރަށުގެ ފަޅުން ބައެއް ހިއްކަން ފެށުމުން ވިލިމާލޭގެ ފަރަށް ގެއްލުން ލިބެމުންދާ މައްސަލަ ބަލައިދޭން އެދިވަޑައިގެން އެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.


ގުޅީފަޅުގެ ފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުނިން މިހާރު ވަނީ ފަށައިފަ އެވެ. އެކަމާ ގުޅިގެން ވިލިމާލޭ ފަރާއި ފަޅުގެ ތެރެއަށް ކިސަޑު ފެތުރި، ފަރުތައް މަރުވެދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން މިހާރު އަންނަނީ ކުރަމުންނެވެ. މި މައްސަލައިގައި އެންވަޔަރުމެންޓް މިނިސްޓްރީ އާއި އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ބައެއް އިސްބޭފުޅުންގެ މެދުގައި ދެބަސްވުންތަކެއް އުފެދި، އީޕީއޭގެ އިސްވެރިޔާ އިބްރާހިމް ނައީމަށް މިނިސްޓްރީން ވަނީ އިންޒާރު ވެސް ދީފަ އެވެ.

މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އަމިއްލަ މެމްބަރު އުޝާމް ފޮނުއްވި ސިޓީގައި ވިދާޅުވީ، ވިލިމާލޭ ފަރަކީ މާލެ ސަރަހައްދުގެ ގިނަ ބަޔަކު އެކި ކަންކަމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އެތަން ހަލާކުވުމަކީ އެ ދާއިރާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ ގާނޫނުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއް ނެތި، ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށާއި އެހެންވެ، އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި މަޖިލީހުން ބަލައިދޭން އެދޭ ކަމަށް އުޝާމްގެ ސިޓީގައި ވެ އެވެ.

އުޝާމްގެ ޓްވީޓް

އުޝާމް ވިދާޅުވި ގޮތުގައި، ބިން ހިއްކުމަކީ ބައެއް ފަހަރު ކުރަންޖެހޭ ކަމަކަށް ވިޔަސް، އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވެން ޖެހޭނެ އެވެ. އެއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ. ގުޅީފަޅު ހިއްކަން ފެށުމުން ވިލިމާލޭގެ ފަރަށް ކިސަޑު ފެތުރިދާނެ ކަމަށް އީއައިއޭގެ ރިޕޯޓުގައި ފާހަގަކޮށް، އޭގެ އަސަރުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ރިޕޯޓުގައި ލަފާ ދީފައިވާ ކަމަށާއި އެކަމަކު އެ މަސައްކަތް ފެށީ އެ ފިޔަވަޅުތައް އެޅުމެއް ނެތި ކަމަށް އުޝާމްގެ ސިޓީގައިވެ އެވެ.

އެ މައްސަލަ މަޖިިލީހަށް ހުށަހެޅިއިރު، އީޕީއޭ އިން ކުރިން ބުނެފައިވަނީ އެކަން ބަލަމުންދާ ކަމަށާއި ލިބެމުންދާ ގެއްލުންތައް މޮނީޓާ ކުރަމުންދާ ކަމަށެވެ.