އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް ވަކިން ހާއްސަ އިސްކަމެއް ދީގެން ބަލާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ޖޭއެސްސީން މިހެން ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

ނޮވެމްބަރު 28، 2019 ގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތީ ރިޔާސަތު ބެލެހެއްޓެވި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ގާޒީ ހުސައިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި މިހާރު ޑްރަގް ކޯޓުގައި ހުންނެވި ގާޒީ މުހައްމަދު ސަމީރެވެ.

އޭގެ ތެރެއިން ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަލީ އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރު، ޔާމީންގެ ޝަރީއަތާ ބެހޭގޮތުން ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިއަދު ވަނީ ލީކުވެފަ އެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތަކީ ވަކިން ހާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން ބަލާނެ މައްސަލައެއް ކަމަށެވެ. އެއީ ފަނޑިޔާރުގޭގެ އިތުބާރު ނެގެހެއްޓުމާއި ފަނޑިޔާރުގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކަައި ކަމަށް ޖޭއެސްސީން ބުންޏެވެ.

"ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަ ނުވެ، ތައައްސުބުން އެއްކިބާވެ، ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ނިންމުން މަތީ ދެމި ތިބޭ ބައެއް ކަމަށް ވީ ހިނދު، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތަކީ ފަނޑިޔާރުގޭގެ އިތުބާރު ނެގެހެއްޓުމާއި، ފަނޑިޔާރު ގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ވަކިން ހާއްސަ ސަމާލުކަމެއް ދީގެން މި ކޮމިޝަނުން ބަލައި ތަހުގީގު ކުރާނެ ކަމެއް ކަމުގައި ދަންނަވަމެވެ،" ޖޭއެސްސީގެ ބަޔާނުގައި ވެ އެވެ.

އެންމެ ފުރަތަމަ މިއަދު ލީކުވީ ގާޒީ ފާއިޒު، މީހަކާ ވާހަކަ ދައްކާ ރެކޯޑިން އެކެވެ. އެއަށް ފަހު ގާޒީ އަލީ އާދަމާއި ސަމީރުގެ އޯޑިއޯތަކެވެ. އެ އޯޑިއޯތަކުގައި ވަނީ ޔާމީންގެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ.

ޔާމީންގެ މައްސަލަ ބަލަން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވައިލީ އެ މައްސަލަ ކުރިން ބެއްލެވި ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރުމުން އެ މައްސަލައާ ހަވާލުވި ގާޒީ އަލީ ރަޝީދުގެ ނަޒާހަތްތެރިކަމާ މެދު ޔާމީންގެ ފަރާތްޕުޅުން ސުވާލު އުފައްދަނިކޮށެވެ.

ޔާމީން ޖަލަށް ލާން ހުކުމް ކުރެއްވި ފަހުން ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުން ވެސް ޔާމީންގެ ވަކީލުންނާއި އިދިކޮޅުގެ ފާޑުކިޔުން އަމާޒުވި އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އެއީ ޔާމީންގެ މައްސަލަ ވަކި ގޮތަކަށް ނިންމުމުގެ ބަދަލުގައި ގާޒީ އަލީ ރަޝީދަށް ދިން "ޕްރޮމޯޝަން" އެކެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ.