ތޫފާން އައިޑާގައި ވެހުނު ބޯ ވާރޭގެ ސަބަބުން، ނިއު ޔޯކް އާއި ނިއު ޖާޒީގެ ބޮޑު ބައެއްގައި އާދަޔާ ހިލާފަށް ފެންބޮޑުވެއްޖެ އެވެ.

ރެކޯޑް މިންވަރަކަށް ފެން ބޮޑުވުމުގެ ސަބަބުން، ނިއު ޔޯކްގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. ނިއު ޔޯކްގެ މޭޔަރު ބިލް ޑި ބްލާޒިއޯ ވިދާޅުވި ގޮތުގައި ނިއު ޔޯކް މިހާރު އޮތީ އެ ސަހަރުގެ މުޅި ތާރީޚުގައި ވެސް ނުދެކޭ ފަދަ މޫސުމީ ބަދަލުތަކެއްގެ ތެރޭގަ އެވެ. އާދަޔާ ހިލާފަށް ފެން ބޮޑުވެ މަގުތައް ވެސް އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި، ނިއު ޔޯކްގެ ބިންގަރާސް ރޭލު ސްޓޭޝަންތަކާއި މީހުން ދިރިއުޅޭ ގެތަކުގެ އިތުރުން މަގުތަކުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ނިއު ޖާޒީގައި ވެސް މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

މަގުމަތީގައި ބޮޑުވެފައިވާ ފެންގަނޑުގެ ތެރެއަށް ގެނބިގެން، ނިއު ޖާޒީގައި އެކަކު ވަނީ މަރުވެފަ އެވެ. ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ނިއު ޖާޒީގެ ނުވަ ގެއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އޭގެ އިތުރުން ނިއު ޖާޒީގެ ޕޯސްޓަލް އިމާރާތުގެ ތެރޭގައި މުވައްޒަފުން މަސައްކަތް ކުރަމުން ދަނިކޮށް، އެ އިމާރާތުގެ ފުރާޅުވެސް ވަނީ، ނަގޫ ރޯޅީގައި އެއްލާލައިފަ އެވެ.

އެމެރިކާގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނި ގޮތުގައި ނިއު ޔޯކްގެ ސެންޓްރަލް ޕާކް ސަރަހައްދަށް، އެއް ގަޑިއިރުގެ ތެރޭގައި 3.15 އިންޗީގެ ވާރޭ ވެހިފައިވެ އެވެ. އަދި އެންމެ ތިން ގަޑިއިރުގެ ތެރޭގައި 5.2 އިންޗީގެ ވާރޭ ވެހިފައިވެ އެވެ. އެހެންކަމުން، މީހުން މަގުތަކަށް ނުނުކުތުމަށް، ސިޓީ ކައުންސިލުން ވަނީ އާންމުންނަށް އަންގައިފަ އެވެ.

ސެންޓްރަލް ޕާކް ސަރަހައްދަށް އިއްޔެ އެކަނި ވެސް 7.13 އިންޗީގެ ވާރޭ ވެހުނެވެ. މިއީ އެ ސަރަހައްދުގެ ތާރީޚުގައި ވެސް އެންމެ ބޯކޮށް ވާރޭ ވެހުނު ފަސް ވަނަ ފަހަރުގެ ތެރެއިން އެއް ފަހަރެވެ. މީގެ ކުރިން މި ސަރަހައްދަށް އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑްކުރެވިފައިވަނީ 1927 ވަނަ އަހަރުގެ އެއް ދުވަހެއްގައި 3.84 އިންޗީގެ ވާރެ އެވެ.

އައިޑާ ތޫފާންގެ ސަބަބުން ހަލާކުވެފައިވާ ގެއެއްގެ ބޭރުގައި، އެ ގޭގައި ދިރިއުޅޭ ދެމަފިރިން މަޑުކޮށްލައިގެން. --އޭއެފްޕީ
އައިޑާ ތޫފާންގެ ސަބަބުން ހަލާކުވެފައިވާ ގެއެއްގެ ބޭރުގައި، އެ ގޭގައި ދިރިއުޅޭ ދެމަފިރިން މަޑުކޮށްލައިގެން. --އޭއެފްޕީ

ނިއު ޔޯކާއި ނިއު ޖާޒީގެ ރޭލު ދަތުރުތައް މެދުކަނޑާލާފައިވާ އިރު، އެ ސަހަރުގެ ވައިގެ ދަތުރުތައް ވެސް މިހާރު އޮތީ މެދުކަނޑާލައިފަ އެވެ. ނިއު ޖާޒީގެ ނެވާކް ސަރަހައްދަށް އިއްޔެ އެކަނި ވެސް 8.41 އިންޗީގެ ވާރޭ ވެހިފައިވެ އެވެ. މިއީ ނެވާކްގެ ރެކޯޑް މިންވަރެކެވެ. މީގެ ކުރިން އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑްކުރެވިފައިވަނީ، 1977 ވަނަ އަހަރުގެ ތެރޭގައި 6.73 އިންޗީގެ ވާރެ އެވެ.

ނިއު ޔޯކް ފުލުހުން ބުނާ ގޮތުގައި، އައިޑާ ތޫފާނާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި، ނިއު ޔޯކާއި ނިއު ޖާޒީން މިހާތަނަށް މަދުވެގެން އަށް މީހަކު މަރުވެފައިވެ އެވެ. ނިއު ޔޯކުން އެކަނިވެސް ހަތް މީހަކު މަރުވި އެވެ.

އައިޑާ ތޫފާން މިދިޔަ އާދީއްތަ ދުވަހު ލޫޒިއާނާ އަށް އެރިއިރު، މޫސުމާ ބެހޭ އިދާރާ އިން އެ ތޫފާން ދަރަޖަކޮށްފައިވަނީ ހަތަރު ވަނަ ދަރަޖައިގެ ތޫފާނެއްގެ ގޮތުގަ އެވެ. އެއީ ތޫފާނުގެ ތެރޭގައި ގަޑިއަކު 150 މޭލަށް ވުރެ ބާރަށް ވައި ޖެހިފައިވާތީ އެވެ.

އައިޑާ ތޫފާން އެރުމުގެ ސަބަބުން، މަގުތަކުގައި ދަމާފައި ހުރި ކަރަންޓު ނަރުތައް ކަނޑައިގެން ދިއުމާ ގުޅިގެން، ލޫޒިއާނާގެ އެތައް ލައްކަ ގޭބިސީއަކަށް އަދިވެސް ކަރަންޓުގެ ހިދުމަތް ނުލިބެ އެވެ. އަދި ނިއު އޯރްލީންސްގައި މިދުވަސްކޮޅު އޮތީ ރޭގަނޑުގެ ވަގުތުގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ.