ކިއުބާ އަށް އެރި ތޫފާން އިއާން، އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު އެ ގައުމުން ފައިބައި، އިހުނަށްވުރެ ބާރު ގަދަވެ، އެމެރިކާގެ ފްލޮރިޑާއާ ދިމާލަށް މިއަދު މިސްރާބު ޖަހައިފި އެވެ.

ތޫފާންތަކާ ބެހޭ އެމެރިކާގެ ގައުމީ އިދާރާ އިން ބުނި ގޮތުގައި އިއާން ތޫފާން ރޭ ދަންވަރުން ފެށިގެން ވަނީ، ހަތަރު ވަނަ ގިންތީގެ ބާރު ގަދަ ތޫފާނަކަށް ބަދަލުވެފަ އެވެ. މި ތޫފާން އިއްޔެ ކިއުބާގައި ހުރި އިރު ވެސް، އެ ތޫފާނުގެ ބާރުމިން ހުރީ ތިން ވަނަ ގިންތީގެ ތޫފާނެއްގެ ގޮތުގަ އެވެ.

ފްލޮރިޑާ އަށް މިއަދު ހެނދުނުގެ ވަގުތެއްގައި އިއާން ތޫފާން އަރާނެ ކަމަށް ލަފާކުރެވޭތީ، އައްސޭރި ފަށުގައި ދިރިއުޅޭ އާންމުން ރައްކާތެރި ތަންތަނަށް ބަދަލުވުމަށް ވަނީ އިރުޝާދު ދީފަ އެވެ. ތޫފާނުގައި ވައިގެ ބާރުމިން މިހާރު ހުރީ ގަޑިއަކު 140 މޭލުގައި ކަމަށް ވާތީ، ތޫފާން އަރާ ކޮންމެ ތަނެއް ސުންނާފަތިވާނެ ކަމަށް ބެލެވެ އެވެ.

އިއާން ތޫފާން މިއަދު ހެނދުނު އަރާނެ ކަމަށް ލަފާ ކުރެވެނީ ފްލޮރިޑާގެ ހުޅަނގު އައްސޭރިއަށެވެ. އެހެންކަމުން، އައްސޭރި ފަށުގައި ދިރިއުޅޭ މީހުންގެ ފުރާނަ އަށް ނުރައްކާވާ ވަރުގެ ބޮޑެތި ރާޅުތައް އެ ސަރަހައްދަށް އަރާނެ ކަމަށް، މޫސުމާ ބެހޭ އިދާރާ އިން ވަނީ އިންޒާރުކޮށްފަ އެވެ. އައްސޭރި ފަށަށް ތޫފާން އެރުމަށް ފަހު، އެއަށް ވުރެ އެއްގަމަށް އަރައިގެންދާނެ އެވެ.

ތޫފާންތަކާ ބެހޭ ގައުމީ އިދާރާ އިން ބުނި ގޮތުގައި ތޫފާންގެ ސަބަބުން ފްލޮރިޑާ އިން އެންމެ ބޮޑަށް ގެއްލުން ލިބޭނެ ކަމަށް ބެލެވެނީ، ނޭޕްލްސް އަށާއި ސަރަސޯޓާ އަށެވެ. އެހެންކަމުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން، ކުއްލި ހާލަތުގައި ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ދާން ޖެހިދާނެ ކަމަށް ތައްޔާރުވެގެން ތިބުމަށް، ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ އަންގައިފަ އެވެ.

ފްލޮރިޑާގެ ދެކުނު ހުޅަނގެދެކުނުން 75 މޭލު ދުރުގައި ހުރި އިއާން ތޫފާން މިހާތަނަށް ފްލޮރިޑާ އަށް ނޭރި ކަމުގައި ވިޔަސް، އެ ތޫފާންގެ ކޮޅިގަނޑުގެ ވައިގެ އަސަރު މިހާރު ވެސް ދަނީ ފްލޮރިޑާ އަށް ކުރަމުންނެވެ. އިއްޔެ އިން ފެށިގެން ވައި ގަދަވެ، ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފަ އެވެ.

ފްލޮރިޑާގެ ގަވަރުނަރު ރޮން ޑި ސެންޓިސް ވިދާޅުވި ގޮތުގައި ފްލޮރިޑާގައި ދިރިއުޅޭ 2.5 މިލިއަނަށް ވުރެ ގިނަ މީހުން، ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ވަނީ އިރުޝާދު ދީފަ އެވެ. އޭގެ ތެރެއިން 1.75 މިލިއަން މީހުންނަކީ ކޮންމެހެން ވެސް ރައްކާތެރި ސަރަހައްދުތަކަށް ގެންދަންޖެހޭ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.