އެމެރިކާ އަށް މިހާރު ކުރިމަތިވެފައިވާ ހެންރީ ތޫފާންގެ ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން، ނިއު ޔޯކްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި އެވެ.
ނިއު ޔޯކްގެ މޭޔަރު ބިލް ޑި ބްލާސިއޯ އިއްޔެ މެންދުރު ފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު ވިދާޅުވީ، ތޫފާނުގައި ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމުގެ ނުރައްކާ އޮތުމުން، ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ހާއްސަކޮށް ބިންގަނޑު ތިރި ސަރަހައްދުތަކުގައި، ތޫފާންގެ ދުވަސްވަރު މަގުތަކުގައި އެއްގަމު އުޅަނދު ނުދުއްވުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.
ފެން ބޮޑުވުމުގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދުތަކުގައި ބޭރަށް ނުނިކުމެ ތިބުމަށް، ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޯ ކުއޯމޯ ވެސް ގޮވައިލެއްވި އެވެ. އަދި ވަގުތީ ގޮތުން ނަމަވެސް އުސް ސަރަހައްދުތަކަށް ބަދަލުވެވެން ތިބި އެންމެން، އެފަދަ ސަރަހައްދުތަކަށް ބަދަލުވުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
އެމެރިކާގެ މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި ހެންރީ ތޫފާން، ނިއު ޔޯކްގެ އެއްގަމަށް އަރާނެ ކަމަށް ބެލެވެނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ނިއު ޔޯކްގެ އިރުއުތުރު ސަރަހައްދަށް އިއްޔެ ވަނީ ތޫފާންގެ ނުރައްކާތައް ކުރިމަތިވާން ފަށައިފަ އެވެ. ތޫފާން ހެންރީގެ ސަބަބުން، ނިއު ޔޯކްގެ އިރުއުތުރު ސަރަހައްދަށް މިއަދު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން، ގަދަ އަށް ވައި ޖެހި، ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމުގެ ނުރައްކާ ވެސް އޮތް ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި ތޫފާންގެ ވިއްސާރައިގައި ގަޑިއަކު 1-3 އިންޗި އަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ. ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ، މިރޭގެ އިރާކޮޅާއި ދަންވަރުގެ ވަގުތުގަ އެވެ. އޭގެ އިތުރުން ނިއު ޖާޒީ އާއި ޑެލްވެއާގެ އައްސޭރި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
ތޫފާންގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދުގައި 35 މިލިއަން މީހުން ދިރިއުޅޭ އިރު، ކުރިމަތިވެދާނެ ފެންބޮޑުވުމުގެ ހާދިސާއަކުން އެމީހުން ރައްކާތެރިކުރުމަށް ނިއު ޔޯކްގެ ސަރަހައްދީ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ތޫފާން ހެންރީގެ މިސްރާބު ހުރި ގޮތަށް ބަލާއިރު، އެމެރިކާގެ އިރުމަތީ ސަރަހައްދުގެ އެއްގަމަށް އެންމެ ބޮޑަށް އަރާނެ ކަމަށް ބެލެވެނީ މާދަމާގެ ވަގުތެއްގަ އެވެ.
އެހެންކަމުން، ކަނެކްޓިކަޓްގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން، ރައްކާތެރި އެހެން ސަރަހައްދުތަކަށް ބަދަލުވުމަށް މިހާރު ވަނީ އަންގައިފަ އެވެ.