ފްލޮރިޑާގެ ދެކުނުގައި އުފެދުނު އެލްސާ ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެ ފްލޮރިޑާގެ އައްސޭރި ފަށުން އެއްގަމަށް މިއަދު އަރައިފި އެވެ.
ތޫފާނުގައި ވައި ޖެހެމުން ދަނީ، ގަޑިއަކު 75 މޭލު ބާރުމިނުގަ އެވެ. އަދި ތޫފާން ދަތުރު ކުރަމުން ދަނީ އުތުރު އިރުއުތުރަށް ގަޑިއަކު ނުވަ މޭލު ބާރުމިނުގަ އެވެ.
އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނި ގޮތުގައި އެލްސާ ތޫފާނުގެ ބާރު އަދިވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ އިރު، ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހުމާއެކު، ދޭތެރެ ދޭތެރެއިން ނަގޫރޯޅިތައް އެރުން ވެސް އެކަށީގެންވެ އެވެ. ތޫފާނުގެ ބާރު ގަދަވެފައިވާ އިރު، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެދާނެ ކަމަށް އެ ސެންޓަރުން ވަނީ އިންޒާރު ކޮށްފަ އެވެ.
ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓީސް ވިދާޅުވީ، އެލްސާ ތޫފާން ފްލޮރިޑާގެ ހިކިފަސް ސަރަހައްދަށް އެރުމަށް ފަހު ހޭދަވާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ބޮޑެތި ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
އެލްސާގެ ބާރު ގަދަވާން ފެށުމާ އެކު، ފްލޮރިޑާގެ ޓަމްޕާ ބޭ ސަރަހައްދުގެ އޮފީސްތަކާއި ސްކޫލްތައް އިއްޔެ އިން ފެށިގެން ބަންދުކޮށް، އާންމު އެއްވުންތައް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ޓަމްޕާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ވެސް އިއްޔެ އިން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ.
ތޫފާނުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެކަށީގެންވާ ވަރަށް ގޭގެއަށް ކާބޯތަކެތި ގަނެފައި ބެހެއްޓުމަށް ވެސް ފްލޮރިޑާ ގަވަރުނަރުގެ އޮފީހުން ވަނީ އަންގައިފަ އެވެ. އަދި ތޫފާނުގެ ތެރޭގައި ކަރަންޓު ކެނޑިދާނެ ކަމަށް ބަލައިގެން، އެކަމަށް ތައްޔާރުވެ ތިބުމަށް ވެސް ވަނީ އަންގައިފަ އެވެ.
ފްލޮރިޑާގެ އެއްގަމަށް އެލްސާ ތޫފާން އެރުމަށް ފަހު ދަތުރުކުރާނެ ކަމަށް ބެލެވެނީ، އުތުރު އިރުއުތުރަށެވެ. އަދި މާދަމާ އިން ފެށިގެން 5-10 ސެންޓިމީޓަރު (2-4 އިންޗި)ގެ ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ.
އެލްސާގެ ބާރު ގަދަވެފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ކިއުބާގެ ބައެއް ސަރަހައްދުތަކަށް އެލްސާ ކޮޅިގަނޑު އެރުމަށް ފަހު އެވެ. ކިއުބާގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ފެންބޮޑުވުން ފަދަ ހާދިސާއެއް މެދުވެރިއެއް ނުވެ އެވެ.