ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވާހަކަފުޅު ދައްކަވަނީ: ގައުމުގެ މިސްރާބު ރަނގަޅަށް ނުދާތީ، މިސްރާބު ބަދަލު ކުރުން ލާޒިމް ވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި..-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
30 ނޮވެމްބަރ 2016 - 15:30
ގައުމުގެ މިސްރާބު ހުރި ގޮތުން އެއްވެސް ރައްޔިތަކު ހިތްހަމަނުޖެހޭ ކަމަށާއި އެ މިސްރާބު ބަދަލު ކުރުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގައުމުގެ ކަންކަން ހުރީ އެންމެ އެދެވޭ ގޮތަށް ނޫންކަން ގައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތަކު ވެސް ގަބޫލުކުރާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޕީޕީއެމް އުފެއްދީ ގައުމީ އަދި ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ވާއިރު، ގައުމުގެ މިސްރާބާ މެދު ރައްޔިތުން އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ކަމަށެވެ.
"އެހެންކަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް ގައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ، މިވަގުތު އަޅުގަނޑުމެން އެންމެންގެ މައްޗަށް ލާޒިމު ވެފައިވާ ކަމެކެވެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އިސްލާމްދީން ރައްކާތެރިކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި، ދިވެހީންގެ އަތްމަތީގައި އޮތް ގުދުރަތީ މުއްސަނދިކަން ހިފެހެއްޓުން ވާޖިބު ކަމަށެވެ. އަދި ރާއްޖޭގައި ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމް ކުރުމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމާއި މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ހަރުދަނާ ކުރުމާއި އަދުލު އިންސާފު ކަށަވަރު ކުރުމަކީ ވެސް ވާޖިބު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
އެހެން ކަމުން، އެންމެހައި ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން، ގައުމުގެ މިހާރާއި މުސްތަގްބަލަށް އިތުރު އަޒުމަކާ އެކު މަސައްކަތް ކުރުމަށް މައުމޫން ގޮވައިލެއްވި އެވެ.
ޕީޕީއެމް ތެރޭގައި ދެ ފެކްޝަނެއް އުފެދި، މައުމޫނާއި ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. މައުމޫން ކުރިން ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމަލުތައް ހުރީ ޕީޕީއެމް އުފެއްދި އުސޫލުތަކާ ހިލާފަށެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފު އެތައް ގާނޫނުތަކެއް ފާސް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނބުށެން
01 December 2016
ޒަމާންވީ ވެރިކަން ބަދަލުކުރީވެސް އިޞްލާޙީ މަސައްކަތުގެ ނަމުގައި ނުކުތް ބަޔެކެވެ. އެވެރިންގެ ވެރިކަން ބަދަލުކުރީވެސް ގައުމަށްޓަކައި ދީނަށްޓަކައި އެނޫންގޮތެއް ނެތިގެންނެވެ. މިއަދު އެއް ބަޔަކު ބުނަނީ އަހަރެމެން ބޭނުންވި ބައެއް ކަންކަން ވަމުންދާތަން އެބަ ފެންނަކަމަށާއި އެހެން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަސް ވަރިހަމަ ކަމުގައެވެ. އެގޮތްވެސް ކަމުނުދަންޏާ ދެން މިސްރާބު ރަނގަޅުކުރަންވީ ކޮންގޮތަކަށް ކިހިނެއްބާވައެވެ؟
ޗައިވާލާ
01 December 2016
އެމްޑީޕީ އެކަރިކޮށްފަ ތިކުރާ ކަމެއް ކުރަންޏާ މަ ތާޢީދު ކޮށްފާނަން
އުމަރު
01 December 2016
ގައުމުގެ މިސްރާބް ބަދަލުކުރެވޭނީ މެލޭޝިއާގެ މަހާތީރު ނިކުންނެވިގޮތަށް ރައީސް މައުމޫނުވެސް ރައްޔިތުން ގޮވައިގެން ނިކުތީމަ، ގޭގައި ހުންނަވައިގެން ތިޔަހެން ގޮވާލެއްވިޔަސް މިހާރު ދިވެހިން ނުނިކުންނާނެ، ދިވެހިންނަށް ލިބޭ އަނިޔާއެއްވެސް ތަހައްމަލްވާގޮތަށް މައުމޫނުއާއި މައުމޫނުގެ ދަރިންވެސް ދިވެހިން ގޮވައިގެން ނިކުމެ ދިވެހިންގެ ހައްޤު ހޯދުމަށް މަސައްކަތްކުރީމާ އޭގެ ފަހަތުން ދިވެހިން ނިކުންނާނީ، މިހާރު މިދަނޑިވަޅަކީ މައުމޫނު އިސްވެ ހުންނަވައިގެން ދިވެހިންގެ ހައްޤު އަނބުރާ ހޯދައިދިނުމުގެ ވަގުތު
އަންކަލޯ
01 December 2016
އަދިވެސް ހިތްނުފުރޭދޯ! ތިޔަ އުޅެނީ ޤައުމު ހަލަބޮލިކުރަން.... ތިޔެހެން ނުހެދުމަށް އެދެން.
ލުގުމާން
01 December 2016
"ގައުމުގެ މިސްރާބުހުރީ އެއްމެ އެދެވޭ ގޮތަށްނޫން، އެހެންވެ ގައުމުގެ މިސްރާބުބަދަލުކުރަން ޖެހޭ" ރައީސް މައުމޫނެވެ މަނިކުފާނު ވިދާޅުވެދެއްވަބައްލަވާށެވެ ކޮން ގައުމެއްގައިތޯ މިދުނިޔެއިން އެއްމެ އެދެވޭގޮތުގައި ވެރިކަން ކުރަނީ؟ މިގައުމުގެ މިސްރާބު ބަދަލުކުރަން ލާޡިމްވަނީ މިގައުމުގައި އޮތް އިސްލާމްދީން ނެތިދަނީތޯއެވެ. އެހެން ދީންތަކަށް ފުރުސަތު ދެނީތޯއެވެ. ރައްޔިތުން ނުކައިނުބޮއެ ތިބެގެން ބަނޑަށް މަރުވަނީ ތޯއެވެ. ކިޔަވާ ކުދިންނަށް ތައުލީމްލިބޭނެ މަގު ބަނދުވީތޯއެވެ. ސިއްހީދާއިރާ ހަލާކުވެ ރައްޔިތުންނަށް ބޭސްފަރުވާ ނުކުރެވެނީތޯއެވެ. ބޯހިޔާވަހިކަން ނެތި ރައްޔިތުން މަގުމަތީގައި ނިދަނީތޯއެވެ.އަމަން އަމާންކަންގެއްލި ގައުމުގައި މުޒާހަރާކުރަނީތޯއެވެ. ކިހިނެއްވީތޯއެވެ؟ ވެގެން އުޅޭގޮތްވެސް ސާފު. މަނިކުފާނުގެ ވެރިކަމުގެ ދަހިވެތިކަން ބޮޑުވަނީއެވެ. މަނިކުފާނަށް މިގައުމު ގެ ތަރައްގީގެ ކުރިމަގު ސާފުކޮށް ފެންނާތީ އެކަން ހަޖަމް ކުރަން ދަތިވަނީއެވެ.
ލާހިފުތު
01 December 2016
ދެބެއިންގެ ރޭވުމެއްގެ ތެރެއިން އިދިކޮޅު ފަރާތްތަކުގެ އަޑު ކަޑުވާލުން ނޫންބާ؟
މާލިމީ
01 December 2016
30 އަހަރުގެ މިސްރާބު 2008 ގައި ވަނީ ބަދަލު ވެފައި. އަނެއްކާ އެކޮޅަށް ބަދަލުކޮށް އުނބަށް ޖެހުން ރަގަޅުވާނެކަމަށް ބައްލަވަނީތޯ؟
ފަރިގު
01 December 2016
ތުއްތުދޮންބެ ޖަލަށް ލައިގެން ނޫނީ މައިތިރި ނުވާނަން ދޯ
އެޒަމާން.
30 November 2016
މިސްރާބު ބަދަލުކުރަން މަނިކުފާނު ވިދާޅުވާއިރު އަދިވެސް ވެރިކަން ކުރާ ޕާޓީގެ ރައީސް އަކީ މަނިކުފާނެވެ. މަނިކުފާން ތިހުންނަވަނީ އެއްފައިންޕުޅު ގޭތެރޭ އަނެއް ފައިންޕުޅު ބޭރުގައި އަޅުއްވައިގެން.
ޢިކޮނޮމިސްޓް
30 November 2016
7 ފެބުރުއަރީ 2012 ގައި ރައީސް ނަސީދު ވެސް އުރުދުޤާނު އަމަލު ކުރެއްވި ގޮތަށް އަމަލު ކުރިނަމަ މިޤައުމަށް މާ ރަނގަޅު ވީސް ،