ހައި ކޯޓުން މިދިޔަ މަހު ރެކޯޑް އަދަދަކަށް މައްސަލަ ނިންމުމަށް ފަހު ރިސެސް އަށް ހިނގައްޖެ އެވެ.
މިވަގުތު ހަތަރު ފަނޑިޔާރުން މަސައްކަތް ކުރައްވާ ހައި ކޯޓުން މިދިޔަ ނޮމެވްބަރު މަހު 69 މައްސަލައެއް ނިންމިއިރު، އެއީ އެ ކޯޓުގެ ތާރީޚުގައި އެންމެ ގިނައިން މައްސަލަ ނިމުނު މަހެވެ. އޭގެ ތެރޭގައި ޖިނާއީ އަދި މަދަނީ ބޮޑެތި މައްސަލަތައް ހިމެނެ އެވެ.
އިއްޔެ އިން ފެށިގެން ރިސެސް އަށް ގޮސްފައިވާ ހައި ކޯޓުން ދެން ޝަރީއަތްތައް ފަށާނީ އަންނަ ޖެނުއަރީ މަހުގަ އެވެ. ޝަރީއަތްތައް ނުފެށިޔަސް ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތައް ބޭއްވުމާއި މައްސަލަތައް ދިރާސާ ކުރުމާއި މައްސަލަ ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސް މުއްދަތުގައި ވެސް ކުރިއަށް ގެންދާނެ އެވެ.
ހައި ކޯޓެކޭ އެއްގޮތަށް މާލޭގެ އެހެން ކޯޓުތަކުން ވެސް އިއްޔެ ވަނީ ރިސެސް އަށް ގޮސްފަ އެވެ.