ހަމައެއް ލަމައެއް ނެތް ކަމަކަށް ހައި ކޯޓުން ފުލްސްޓޮޕެއް

މަދަނީ އަދުލުގެ އިޖްރާއާތުތަކެއް ލިޔެވިފައި ނެތުމަކީ މަދަނީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު ހުސްކަމެވެ. މަދަނީ ހައްގުތަކާ ގުޅިގެން އިންސާފު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިދީފައި އޮތަސް، އެކަމާ ބެހޭ ތަފްސީލީ އިޖްރާއާތުތަކެއް ނެތުމުން ނިޒާމުގެ ނާޖާއިޒް ފައިދާ ހޯދުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. ދައުވާ ކުރުމުގެ މުއްދަތުތަކެއް ކަނޑައެޅިފައި ނެތުމުން އެތައް ޒަމާނެއް ފަހުން ދައުވާ ކުރުމާއި އެކި ސަބަބުތައް ދައްކައި، ޝަރުއީ އެކި މަރުހަލާތަކުގައި އެތައް އަހަރެއް ވަންދެން މައްސަލަތައް ދިގު ދެންމުން ފަދަ ނާޖާއިޒް ފައިދާ ނިޒާމުގެ ތެރެއިން ނެގެ އެވެ.


ދާދި ފަހުން ހައި ކޯޓުން ނިންމީ މަދަނީ މައްސަލަތަކުގައި މިފަދަ ކަންކަން ހުއްޓުވުމުގެ ބޮޑު ނިންމުމެކެވެ. އެއް މައްސަލައެއް އެކި ފަހަރު މަތިން އަނބުރާ ގެންގޮސް އަލުން ހުށަހަޅައި، ކޯޓުތަކުގައި މައްސަލަތައް ދިގު ދެންމުމުގެ ސަގާފަތް ހައި ކޯޓުން ހުއްޓުވީ އެވެ.

ހައި ކޯޓުގެ ނިންމުން

މަދަނީ މައްސަލައަކާ ގުޅިގެން ކުރި އެ ހުކުމުގައި ހައި ކޯޓުން ކަނޑައެޅީ މަދަނީ މައްސަލަތަކުގައި ޝަރީއަތުގެ އަޑުއެހުންތައް ފެށުމަށް ފަހު ދައުވާ އިސްލާހު ކުރަން ކަމަށް ބުނެ ދައުވާ އަނބުރާ ގެންދާ ނަމަ، އެ ދައުވާއެއް އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ޚާއްސަ އިސްތިސްނާ ހާލަތްތަކެއްގައި އަޑުއެހުންތައް ފެށުމަށް ފަހު، ފަހުން ދައުވާ ކުރެވޭ ގޮތަށް މައްސަލަ އަނބުރާ ގެންދެވޭނީ މަގްބޫލު ސަބަބެއް ދެއްކުމުން ކަމަށް ވެސް ހުކުމުގައި ކަނޑައެޅި އެވެ.

"އެގޮތަށް އެކަން އޮތުމުގެ ބޭނުމަކީ މައްސަލަތައް ކޯޓަށް ހުށަހަޅަނީ ހަގީގަތުގައި ވެސް މައްސަލައެއް ހުށަހެޅުމުގެ ބޭނުންތެރިކަން އޮވެގެންކަން ޔަގީން ކުރުމާ އެކު ކޯޓާއި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ވަގުތާއި ކުރާ ހޭދަ ބޭކާރުވެގެން ނުދިއުމަށްޓަކައި އަދި މިއީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށްޓަކައި ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ބޭނުން ކޮށްފާނެ ކަމެއް ކަމުގައި ބެލެވެން އޮންނާތީ" ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ހައްގު ހޯދުމަށް ދައުވާ ކުރުމާއި ދައުވާ އަނބުރާ ގެންދިއުމުގެ ހައްގު ލިބިގެން ވިޔަސް، އެ ހައްގު ބޭނުން ކުރަނީ ނާޖާއިޒް ބޭނުމެއް ހިފުމަށް ކަމަށް ބެލެވޭ ނަމަ އެ ދޮރު ބަންދު ކުރުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތެކެވެ. އެހެންވެ، ދައުވާ އިސްލާހު ކުރަން ނުވަތަ އެއްވެސް ސަބަބެއް ބަޔާން ނުކޮށް ދައުވާ އަނބުރާ ގެންދާ ހާލަތުގައި އަލުން އެ ދައުވާ ކުރެވޭނެ ކަމަށް ނިންމޭނީ އެ ފުރުސަތު ދޭން ޖެހޭ މަގްބޫލު އުޒުރެއް އޮތްތޯ އާއި އެއީ ނަހަމަ ގޮތުގައި ހައްގެއްގެ ބޭނުން ކުރުމަށް ކުރާ ކަމެއްތޯ ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ފަނޑިޔާރުން ބަލަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"ހައްގު ބޭނުން ކުރަނީ މީހަކަށް ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ގޮތުން ނުވަތަ އުފެދިފައިވާ ހުސޫމަތަކާ މެދުު ވަކި ގޮތެއް ނުނިންމައި، ދިގު ދެންމުމުގެ ގޮތުން ނުވަތަ ގެއްލުމެއް ދިނުމުގެ ގޮތުން ނުވަތަ އެ ބާވަތުގެ އެފަދަ ކަމެއް ކުރުމުގެ ގަސްދުގައި ކަމަށްވަނީ ނަމަ، އެއީ އެކަމެއް ރައްދުވާ ފަރާތެއްގެ ހައްގުގައި އަދުލުވެރި އަދި އިންސާފުވެރި ގޮތެއް ކަމުގައި ބެލެވެން ނޯންނާނެ" ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ވެސް އެގޮތަށް އަމަލުކުރި އެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއް އެކި ފަހަރު މަތިން އަނބުރާ ގެންގޮސް، އަލުން ހުށަހެޅުމުން އެ މައްސަލަ ދެން އިތުރަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން 2015 ގައި ނިންމީ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން އެ ކޯޓަށް ލިބުނު ޝަކުވާއަކާ ގުޅިގެންނެވެ. އެކަމަކު ހައި ކޯޓުގެ ނިންމުމަކީ މިހާ ތަފްސީލުކޮށް، މިކަމާ ބެހޭ އުސޫލުތައް ކަނޑައެޅި ފުރަތަމަ ނިންމުމެވެ.

ހަމައެއް ލަަމައެއް ނެތް، ކުޅިވަރެއް؟

މަދަނީ ދައުވާތައް އަނބުރާ ގެންދެވެނީ ތިން ގޮތަކަށެވެ. އެއީ ދައުވާ ދޫކޮށްލީކަން ސާފުކޮށް ބުނުމަށް ފަހު ދެން އެކަމާ ގުޅިގެން ދައުވާ ނުކުރާ ގޮތަށް ދައުވާ އަނބުރާ ގެންދިއުމާއި ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ދައުވާ އަނބުރާ ގެންދިއުމާއި އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި ދައުވާ އަނބުރާ ގެންދިއުމެވެ. ނާޖާއިޒް ގޮތުގައި ނިޒާމުގެ ބޭނުން ހިފަން ފުރުސަތު ލިބެނީ ފަހުން މިދެންނެވި ދެ ހާލަތުގަ އެވެ.

ދައުވާ އިސްލާހު ކުރަން ނުވަތަ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި ދައުވާ އަނބުރާ ގެންދިއުމަށް ފަހު ބޭނުން އިރަކު އަލުން ދައުވާ ހުށަހެޅުމުގެ ފުރުސަތު ކުރިން އޮތީ ހުޅުވިފަ އެވެ. ދައުވާ އިސްލާހު ކުރަން ކަމަށް ބުނެ އަނބުރާ ގެންދާ ދައުވާއެއް އަލުން ކޯޓަށް ހުށަހަޅާއިރު އެއްވެސް ބަދަލެއް ނުވަތަ އިސްލާހެއް ދައުވާއަށް ގެނައުން ލާޒިމެއް ވެސް ނުވެ އެވެ. ކުރިން ވެސް ހުށަހެޅި މައްސަލަ "އޮތްގޮތަށް، އަކުރުން އަކުރަށް" އަލުން ހުށަހަޅަންވީ އެވެ. ސަބަބު ބަޔާން ކުރުމެއް ނެތި އަނބުރާ ގެންދާ މައްސަލަތަކަށް ވެސް އޮތީ ހަމަ މިިގޮތެވެ.

ޖަސްޓިސް ބިލްޑިން: މަދަނީ ގިނަ މަސައްކަތަކެއް ހުށައަޅާ -- ފޮޓޯ/މިހާރު

އެތައް އަޑުއެހުންތަކެއް ބާއްވައި، އެތައް ވަގުތުތަކެއް ހޭދަކޮށް، ބައެއް މައްސަލަތައް ހުކުމާ ހިސާބުގައި އޮއްވާ ވެސް ދައުވާ އަނބުރާ ގެންގޮސް، އަލުން އެ ދައުވާއެއް ކުރުމުން ހުރިހާ ކަމެއް ސުމަކުން ފަށަން ޖެހުމުގެ ނަތީޖާއަކީ ކޯޓުތަކުގެ އެތައް ވަގުތުތަކެއް ބޭކާރުވުމުގެ އިތުރަށް، ދައުވާ ލިބޭ ފަރާތުގެ ހައްގުތަކެއް ކަށަވަރު ނުކުރެވި، ދިގު މުއްދަތެއް ފާއިތުވުމެވެ. އަދި ދައުވާ ލިބޭ މީހާ އޭނާގެ ހައްގު ދިފާއުގައި ކުރަން ކުރަން ޖެހޭ ގާނޫނީ ޚަރަދުތައް އެތައް ގުނައަކަށް ބޮޑުވެ، އޭނާއަށް ލިބޭ އިތުރު ގެއްލުންތަކަކަށެވެ.

ނަމަވެސް މަދަނީ އިޖްރާއާތުތަކެއް ނެތުމާއި ދައުވާ ކުރަން ޖެހޭ މުއްދަތުތަކެއް (ވަޒީފާގެ މައްސަލަތަކާއި ޓެކުހާ ގުޅުން ހުރި މައްސަލަތައް ފިޔަވައި) ގާނޫނުތަކުގައި ނެތުމުން އެކަން ކުރިން ހުއްޓުވިފައެއް ނެތެވެ. މައްސަލަ ބައްލަވާ ފަނޑިޔާރަކީ ތިމާ "ހިތް އެދޭ" ފަދަ ފަނޑިޔާރަކަށް ނުވާތީ ނުވަތަ ކުރިއަށް ވުރެ ބޮޑު ފައިދާއެއް ހޯދުން ފަދަ ކަންކަމަށް ބޭނުންކުރާ "އުކުޅަކަށް" އެކަން އޮތީ ވެފަ އެވެ.

އިންސާފު ހޯދަން ކޯޓުތަކަށް ދިއުމުގެ ހައްގު ލިބެނީ ދެ ފަރާތެއްގެ ދެމެދުގައި އުފެދޭ މައްސަލައަކަށް ގާނޫނީ ފަރުވާއެއް ހޯދައި، ދެ ފަރާތުގެ ހައްގުތަކާއި މަސްލަހަތުތައް ޔަގީން ކުރުމަށް ކަމަށް ވިޔަސް، މިފަދަ އުކުޅުތަކުގައި އެތައް އަހަރަކަށް މައްސަލަތައް ދިގު ދެންމުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު ހައި ކޯޓުގެ އެ ނިންމުމާ އެކު، "ކުޅިވަރެއްހެން" އެކަން ކުރުމުގެ ފުރުސަތު މިހާރު ބަންދުވީ އެވެ.

ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ޖިނާއީ މައްސަލަތަކާއި ޚިލާފަށް މަދަނީ މައްސަލަތަކުގައި ދައުވާ އަނބުރާ ގެންދިއުމާ ބެހޭ އުސޫލުތަކެއް މީގެ ކުރިން ކަނޑައެޅިފައި ނެތުމުން އެގޮތުން ދައުވާ ކާމިޔާބު ނުވެދާނެ ކަމަށް ހީވުމުން އާ ހެކި ހޯދުމަށް ނުވަތަ ހެކިބަސް ލިބޭ ގޮތުގެ މައްޗަށް ބިނާކޮށް ދައުވާ ބަދަލުކުރަމުން ގެންދެ އެވެ. އަދި ހައި ކޯޓުގެ ނިންމުމަކީ މުހިންމު ނިންމުމެއް ކަމަށް ވެސް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"ވަރަށް ގިނަ ފަހަރު ކުރާ ކަމެއް ބައެއް މީހުން ހެކިވެރިން ނުގެނެވުނީމަ ވެސް ދައުވާ އިސްލާހު ކުރާށޭ ކިޔާފައި އަނބުރާ ގެންދޭ. އެކަމަކު ޖެހިގެން އަންނަ ދުވަހު ދައުވާ އޮތް ގޮތަށް އަނެއްކާވެސް އެބަ ވައްދާ،" އެއް ވަކީލަކު ވިދާޅުވި އެވެ.

އެހެން ވަކީލަކު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރެއް ކުރިން އޮތަސް، ހައި ކޯޓުގެ ނިންމުމަކީ ދައުވާތައް އަނބުރާ ގެންދިއުމުގެ އުސޫލު އެހާ ތަފްސީލުކޮށް ބަޔާންކުރި ފުރަތަމަ ނިންމުމެވެ. ކުރިން މައްސަލަތައް ކާމިޔާބު ކުރުމުގެ "އުކުޅެއްގެ ގޮތުގައި" އެކަން ކުރަމުން ދިއުމުން ދައުވާ ލިބޭ މީހުންގެ ހައްގުތައް ވަރަށް ބޮޑަށް ގެއްލޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"ހައި ކޯޓުގެ ހުކުމް މި އޮތީ ތަފްސީލުކޮށް، ވަރަށް ބޮޑަށް އެލަބޮރޭޓްކޮށް ދީފައި. ހަމައެކަނި ދައުވާކުރާ މީހާގެ ހައްގުތަކަށް އެކަނި ނޫން ކަން، ދައުވާ ލިބޭ މީހާގެ ހައްގުތަކެއް ވެސް އޮންނަ ކަން. ދައުވާ އަނބުރާ ގެންދަންޏާ ގެންދަންވީ. އެކަމަކު އަލުން ހުށަހެޅޭ ގޮތަށް އަނބުރާ ގެންދެވޭނީ ރަނގަޅު ސަބަބުތަކެއް ހުރެގެން ކަން. އަދި ސަބަބެއް ދެއްކިޔަސް އަދި ނުދެއްކިޔަސް ކޯޓުން އެކަން ކަނޑައަޅަން ޖެހޭނީ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް ކަން،" މަދަނީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ އެ ވަކީލް ވިދާޅުވި އެވެ.

ހައި ކޯޓުގެ ހުކުމުން ދިން މެސެޖަކީ އަދި ގާއިމްކޮށް ދިން ގާނޫނީ އުސޫލަކީ ހައްގު ހޯދަން ކުރާ ދައުވާއަކީ އަނެކާއަށް ކުރެވޭ ގޯނާއަކަށް ނުވަތަ ކުރެވޭ ޖެއްސުމަކަށް ވެގެން ނުވާނެ ކަމެކެވެ. ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައި، ކޯޓުތަކާއި މީހުންގެ ވަގުތުތައް ބޭކާރު ކުރުމުގެ ފުރުސަތު ތަކުރާރުކޮށް ދެވޭނެ ގޮތެއް ނޯންނާނެ ކަމެވެ. ޒަމާނުއްސުރެން ހުޅުވިފައި އޮތް އެ ދޮރު ހައި ކޯޓުން ބަންދު ކުރުމަކީ މުހިންމު ނިންމުމެކެވެ.