ހަމަދު އަބްދުލްޣަނީ: އޭނާ ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގާ ކަަމަށް.
05 އޮކްޓޯބަރ 2021 - 11:20
ރާއްޖޭގައި ދުއްވާ އެއްގަމު ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯއާ ހަވާލުކުރި މައްސަލައިގައި އޭނާ ހިމެނޭ ގޮތުން ދައުވާކުރަން ފޮނުވާފައިވިޔަސް ކޮރަޕްޝަންގެ އެއްވެސް ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ މިއަދު ވިދާޅުވެއްޖެ އެވެ.
މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ވަސާޖިއޯއާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތު ބަލައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޓްރާންސްޕޯޓުގެ ދެ ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ހަ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފަ އެވެ.
އެއީ ހަމަދުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އާއި އަލީ އިކްރާމާއި މުހައްމަދު ނިޒާރާއި މަރިޔަމް ސަމާހަތުގެ އިތުރުން މަރިޔަމް ތަސްލީމާ އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ހަމަދުގެ މައްޗަށް އުފުލުމުން ނެރުއްވި ބަޔާނުގައި އޭނާ ވިދާޅުވީ ސަރުކާރުގައި ވޭތުވެދިޔަ ދެ އަހަރާއި އަށް މަސް ހިދުމަތް ކުރައްވަމުން ގެންދެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާ އެކުގައި ކަމަށެވެ.
އެއާއެކު އެއްވެސް ކަމެއްގައި ފައިދާއެއް ނުވަތަ މަންފާ އެހެން ފަރާތަކަށް ހޯދައިދިނުމުގެ ބޭނުމުގައި މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މަގާމުގައި ދެމިހުރިހާ ހިނދަކު މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދާނީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ކަން ޔަގީންކޮށްދެމެވެ،" ހަމަދުގެ ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަމްބަރު ޕްލޭޓް މައްސަލައިގައި އޭސީސީގެ ތަހުގީގަށް އޭނާ ވާނީ އެއްބާރުލުން ދީފަ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް މި މައްސަލައިގައި ޖަވާބުދާރީވާން ޖެހިއްޖެ ނަމަ ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
އޭސީސީން ބުނީ އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައި ވަނީ އެ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވާ ކަމަަށެވެ. ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ޓްރާންސްޕޯޓުގެ ބިޑު ކޮމިޓީއަށް މި ޕްރޮޖެކްޓް ކުރިއަކަށް ނުގެންދެވޭނެ އެވެ.
ޖުމުލަ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އެ މަޝްރޫއު ހަވާލުކުރަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ.
ވަސާޖިއޯއާ ހަވާލުކުރި ފަހުން ވެސް މި މަޝްރޫއު ޓެންޑަ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދަން އޭޖީން ލަފާދީ، ފިނޭންސް މިނިސްޓްރީން އެންގި އެވެ. އެކަމަކު އެގޮތަށް ޓްރާންސްޕޯޓުން އަމަލެއް ނުކުރެ އެވެ.
ވަސާޖިއޯއާ އެކު ވީ އެއްބަސްވުން ވެސް އުވައެއް ނުލި އެވެ. އެހެންވެ އެ ކުންފުނިން އެދުނީ 3.7 މިލިއަންގެ ބަދަލެއް ހޯދާށެވެ. މި ބަދަލު ދިނުމާ މެދު ލަފައަކަށް ޓްރާންސްޕޯޓުން އެދުމުން ފިނޭންސް މިނިސްޓްރީން ނިންމީ މާލިއްޔަތު ގަވާއިދާ ހިލާފަށް ގެންދިޔަ ބީލަމަކަށް ވާތީ ބަދަލު ދޭން ނުޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާނާ
05 October 2021
ވެންޓިލޭޓަރުގެ މައްސައިގައި އެއްބަސްވުމުގައި ސޮއިކުރި މީހާގެ މައްޗަށް ވެސް ދަޢުވާކުރި. މި މައްސަލައިގައި އެމީހާގެ މައްޗަށް ދަޢުވާ ނުކުރާ ކަމަށް ވަނީ. އެއީ ކީއްވެބާ؟
ނަނަނަނަ
05 October 2021
މަވެސް ވަރަށް ވައްކަން ކުރަން. މަގޭ ނަންވެސް ނޫހުގަ ޖަހާލަ ދޭންވީނު. ވަރަށް ވިޔަފާރި ރަނގަޅުވެ ރައްޓެހިން ގިނަވާ ކަމެއް އެއީ. ރީތި ފޮޓޯ އެއް ޖަހާދެއްޗޭ.
ރަފީއުއްދީން
05 October 2021
މިނިސްޓަރު ނަހުލާގެ ދެބެންގެ ދެދަރި ކޮއްކޮ ތަސްލީމާ ވެސް ތިޔަކަމުގައި ހިމެނޭތީ ތިޔައޮތީ ހަމަ މަތީ ފަޑިން ޒީރޯ ޓޮލަރެންސް ވެފައި. ތަސްލީމާ އަށް ވަޒީފާ ދިނުމުގައި ވެސް ފެންވަރު ނެތަސް އެއޮތީ ސީދާ މިނިސްޓަރުގެ ބާރުން އެކަން ކޮށްފަ. ޝިމައްޓޭ އަކީ ކޮރަޕްޝަން ނުވެސް ދަންނާނެ ބޭކަލެއް. ތިޔަ މައްސަލަ ހުދުކާފޫރަށްވެ ނިމޭނެ. ބަލަންތިބޭ
ޙަސަނާ
05 October 2021
ތިޔަފަދަ ހުރިހާ ކަމަކީ އެތަނުގައި މިހާރު ހުރި މިނިސްޓަރު މުވައްޒަފުން ލައްވައި ކުރުވާ ކަންތައްތައް.
ޑޮކްޓާރ. ބަނާނާ
05 October 2021
ތިކިޔާ "ކަރަޕްސަން" ދަންނަ މީހަކު މިގައުމުގަ ނޫޅޭ އިގޭތޯ؟ ވަރަށް ސަލާމް ތިޔަ ދެބޭފުޅުންނަށް!
ހަބޭސްދޯ
05 October 2021
މަޤާމުގަ މިނިސްޓަރު އެބަ އާދޭ، މާލިއްޔަތުގެ އަލިފްބާވެސް ނޭނގޭ. މާލިއްޔަތު ޤާނޫނާ ޤަވާޢިދުތަކަށް ނުބަލާ ޓެންޑަރ ކޮށް އެޕްރޮސެސްތެރެއަށް ސިޔާސީ މަޤާމުގެ މީހުން ވަންނާނީވެސް ހަމަ ކަޓު ނަގަން، ރަނގަޅު ސިޔާސީ މީހެއްނަމަ، ތިޔަ ޓެންޑަރ ޕްރޮސަސްގަ ނުހިމެނޭނެ. ކޮންމެތަނެއްގަވެސް އޮންނާނެ ބިޑް ކޮމެޓީއެއް، އެތަނަށް އިވޭލުއޭޓު ނުކުރެވޭ ބޮޑެތި ޕްރޮޖެކްޓްތައް ދޭންޖެހޭނީ ނެޝެނަލް ޓެންޑަރ އަށް، މިއީ ބޭސިކް. ދެން ބުނަންވީ ތެދުވެރިކަމޭ؟ ހަމަނުޖެހޭ ވާހަކަ ނުދައްކާ
މިހާރުކަންހިނގާގޮތް
05 October 2021
އަވަހަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގަ ސޮއިކޮށްލާފަ އެކަން ކުރީ ތިމަންނައަށް ފެންނަ ގޮތުގަ ކޮންބައެއްކަން ބުނެލާ. އޭރުން އޯކޭވެދާނެ.
ނެކްސްޓް
05 October 2021
މިހާރު އެއްވެސް ވަގެއް ނުހުންނާނެ ޒީރޯ ޓޮލެރެސްޓްގެ ދަށުން ހަދާ ޑީލްތައް ހުންނަނީ
މަޙްމޫދު
05 October 2021
އެއްކަލަ ފީ ކުކުޅުތައް ހާލީގައި އޮވެ ކުކުރަން ފެށީ
ބިގު ބްރަދަރ
05 October 2021
އޭ ބަލަ ފުރެންޑޫ. މިވީހާތަނަށް ކުށެއްކޮށްފަ، އަދި ހާއްސަކޮށް ތިޔަބާވަތުގެ ކުށެއްގަ، އެ ކުށް ކުރީ މަށޭ، މަ ހިފާ ހައްޔަރުކުރިއްޔާ ކަލާކޯއޭ ގޮވާހެދި މީހަކު މިރާއްޖެ ކީއްކުރަން މި ދުނިޔޭގަވެސް އެބަހުރިތަ؟ ތިޔަހެން ނެރެލާ ބަޔާނަކުން ތިމާ މީހާއަކީ ކުށެއްނުކުރާ މައުސޫމު މީހެއްކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެ. ގާނޫނީ ގޮތުން ކަމެއް ސާބިތުވެ ހުކުމެއް އައުމާ އާންމު ރައްޔިތުން ކަމެއް ގަބޫލު ނުކުރުމާ އެއީ މުޅިން ތަފާތު ދެކަމެއް.