ޓްރާންސްޕޯޓްގެ ރަފީއުގެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ވެހިކަލްތަކުގެ ނަމްބަރު ބޯޑްގައި ވަކި ފޮންޓެއް ބޭނުންކުރަން ޖެހޭ ގޮތަށް ހެދި ގަވައިދަށް އަމަލުކުރުން ލަސްކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު ކޮރަޕްޝަނުގެ އަމަލެއް ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް، ހުށަހަޅައިފި އެވެ.


އޭސީސީއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ އޮކްޓޯބަރު 4، 2010 ގައި ރަފީއު ސޮއިކުރައްވާ އެ އިއުލާން ނެރުއްވުމަކީ "ހެދިފައިވާ ގަވާއިދުތަކާ ހިލާފު އަމަލަކަށް ވާތީ މިކަން ބައްލަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށެ"ވެ.

އެ މައްސަލަ ހުށައެޅީ ކާކުކަން އޭސީސީއަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ވެހިކަލްތަކުގެ ނަމްބަރު ބޯޑާ ބެހޭ ގަވައިދަށް އަމަލުކުރުން ފަސްކުރުމުގައި ތުހުމަތުކުރެވޭ މައްސަލައެއް ރަފީއުއާ ދެކޮޅަށް އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބެއް ވެސް އޭސީސީއަކުން ނުބުނެ އެވެ.

އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން އެއީ ގަވާއިދާ ހިލާފު އިއުލާނެކެވެ. އެ ގޮތުން އެއީ މޭ 6، 2009 ގައި ގެޒެޓްކޮށްފައިވާ އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ އަށް ވަނަ މާއްދާގެ (ށ) އަށް އަމަލްކުރުން ހުއްޓުވަން ނެރުނު އިއުލާނެއް ނަމަވެސް، އެ މާއްދާ އަށް އަމަލްކުރަން ގަވާއިދުގައި ކަނޑައެޅިގެން ބުނެފައިވާ ކަމަށް ސިޓީގައިވެ އެވެ.

ނަމްބަރު ޕްލޭޓްގައި ވަކި ފޮންޓެއް ހުންނަން ޖެހޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހެދި ގަވައިދަށް އަމަލުކުރުން ފަސްކުރި މައްސަލަ ފެންމަތިވީ ޓްރާންސްޕޯޓް މިނިސްޓްރީން ހިންގި "މީތި ސަޅި" ކެމްޕޭނުގައި މިނިސްޓަރު އައިޝަތު ނަހުލާ ދުއްވެވި ކާރުގައި އެހެން ފޮންޓަކުން ނަމްބަރު ޕްލޭޓް ހުރުމުން މީހުން އެކަމާ ފާޑުކިއުމުގެ ތެރޭގަ އެވެ.

އެ ފާޑުކިއުންތައް އަންނަން ފެށުމުން މިނިސްޓްރީން ބުނީ ވަކި ފޮންޓަކުން ނަމްބަރު ޕްލޭޓް ހުންނަން ޖެހޭ ގަވައިދަށް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށެވެ.