ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދައުލަތުގެ އިސް ވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން، އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ މިހާރުގެ ރައީސް ނަޝީދު އަވަހަރާ ކޮށްލަން މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާ އަށް ފަހު އެވެ.
އެހެންވެ، ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސަންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސް ގާނޫނީ ގޮތުން އެއީ މަޖުބޫރު ކަމަކަށް ބަދަލުކުރީ އެވެ. އެ ނިންމުމާއެކު، މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށް ރަސްމީ ގެކޮޅު އިމާރާތް ކުރާނެ ދެ ބިމެއް ސަރުކާރުން ކަނޑައެޅި އެވެ.
ދާއިމީ ގެކޮޅުގެ މަސައްކަތް ލަސްވާނެތީ، ވަގުތީ ގެކޮޅުގެ ގޮތުގައި ނަޝީދަށް މުރައިދޫ އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރެހެންދި ފްލެޓެއް ވަނީ ކަނޑައަޅައިފަ އެވެ.
ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު ނަޝީދު އިއްޔެ ރާއްޖެ ވަޑައިގަންނަވާފައި ވާއިރު، އެ މަނިކުފާނަށް ހާއްސަކުރާ މުރައިދޫ ގޭގެ މަރާމާތުގެ މަސައްކަތް އަދި ނުނިމި އެވެ. އެހެންވެ އެ މަނިކުފާނު މިހާރު ހުންނެވީ ހޮޓެލް ޖެންގަ އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ ތާވަލު ކޮށްފައިވާ ގޮތަށް މި މަހުގެ 30 އަށް މުރައިދޫ ގޭގެ މަރާމާތުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.
މަޖިލީހުގެ ރައީސަށް ހާއްސަކޮށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތްކުރަން ނިންމާފައި ވަނީ މިހާރު ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ހުސް ބިމެވެ. އޯކިޑް މަގާއި ފަރީދީ މަގަށް ވާ ގޮތަށް އޮންނަ، އެ ބިމަކީ މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ އެއް ބިމެވެ.
މި ފަހުން ގާނޫނުތަކަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ އަށް ދާއިމީ ގެކޮޅެއް ދިނުމުގެ އިތުރުން ދައުލަތުން އެ ދެ ބޭފުޅުންނަށް މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހެ އެވެ. މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް އެ އިސްލާހުތަކުގައި ވެ އެވެ.