ބޮޑެތި ހިޔާލުތަފާތުވުންތަކުގައި ގުޅުން ގޯސްވެ އެކުގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރެއްވި ފަހުން، ފުރަތަމަ ފަހަރަށް އެ މަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުންނަށް އެއްބަސް ނުވެވިގެން އުޅޭ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަތައް ނަޝީދު، ރައީސްއާ ދެއްކެވި ކަމަށް އެ އޮފީހުން ބުންޏެވެ.

އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައިގައި ލިބުނު އަނިޔާތަކަށް ރާއްޖެ އިން ބޭރުގައި ފަރުވާ ހޯދަން، ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ އެ މަނިކުފާނު ބަރުލަމާނީ ނިޒާމުގެ ވާހަކަ މީޑިއާއާ ދެން ދައްކަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެ ވާހަކަ ދެއްކެވުމަށް ފަހު ކަމަށެވެ. ނޫން ނަމަ އެކަމުގައި ދެއްވާނީ އެއް ޖަވާބެއް ކަމަށް މި މަހުގެ 13 ގައި ބޭއްވެވި މީޑިއާ ބްރީފިންގައި ނަޝީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި، ނަޝީދު ވަނީ ރައީސްއާ އެކުގައި ސިޔާސީ މަސައްކަތް ކުރައްވަން ހުރަހެއް ނެތް ކަަމަށް ވެސް ވިދާޅުވެ ކުރިން ދެއްކެވި ވާހަކަފުޅުތަކުގެ ތަފުސީލް ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ.

ނަޝީދުގެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، އެ ދެ ބޭފުޅުންގެ ބައްދަލުވުމުގައި، ރާއްޖޭގެ އިގްތިސޯދާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވައި ހިޔާލު ބަދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

އެކަމަކު ނިޒާމް ބަދަލުކުރުމުގެ ވާހަކަތަކާ ގުޅޭ ތަފްސީލެއް ނުދެ އެވެ.

އެ ބައްދަލުވުމަކީ، ނަޝީދު އަވަހަރާކޮށްލަން މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު ރާއްޖެ ވަޑައިގެން، އެ ދެ ބޭފުޅުންގެ ރަސްމީ ފުރަތަމަ ބައްދަލުވުމެވެ. އެކަމަކު ނަޝީދު މާލެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް އެވެ.

ހަމަލާއާ ގުޅިގެން ބޭރުގައި ހުންނެވި އިރު ނަޝީދު ވަނީ ސިޔާސީ ގޮތުން އެ މަނިކުފާނަށް ރައީސް މުހައްމަދު ސޯލިހްއާ އެކު ސިޔާސީ މަސައްކަތް ކުރެއްވެން ނެތް ކަން ދުނިޔެ އަށް އިއުލާން ކުރައްވަން ނޫސް ބަޔާނެއް ވެސް ނެރުއްވައިފަ އެވެ. އޭގެ ފަހުން ވެސް އެކި ކަންކަމުގައި ސަރުކާރަށް ފާޑުވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި ފެކްޝަން އުފެދުނީ ޕާޓީގެ މެނިފެސްޓޯ ތަންފީޒުނުކޮށް، ކޯލިޝަން ޕާޓީތައް ގާތްކޮށްގެން އުޅޭތީ ކަމުގެ ތުހުމަތު ވެސް ނަޝީދު ކުރެއްވި އެވެ. އެއާއެކު ބަރުލަމާނީ ނިޒާމަކަށް، ޕީޕީއެމްއާ އެކު ކޯލިޝަން ހަދަން ތައްޔާރަށް ހުންނެވި ކަމަށާއި އެކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ބޭނުންވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ސިޔާސީ ގޮތުން ދެއްކެވި މި ވާހަކަތައް ފަހުން ނަޝީދު ވަނީ ބަދަލު ކުރައްވައިފަ އެވެ. ސަރުކާރުގެ ސިޔާސަތަށް ތައުރީފް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ އިޝާރާތް ދެއްވީ "އެމަނިކުފާނާ ވާހަކަ ނުދައްކަވައި ހުންނަން ވަރަށް ދަތިވާނެ" ކަމަށް ވިދާޅުވަމުންނެވެ.