ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ހުއްޓާލާފައި އޮތް ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް މިހާރު އަންނަ މަހުގެ 4ގައި ފަށާ ގޮތަށް ނިންމައިފި އެވެ.
ކުރިން ނިންމާފައި އޮތީ މި މަހުގެ 2 ގައި ދަތުރުތައް އަލުން ފަށާށެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހެދި އެކަން ލަސްކޮށް، މިހާރު ނިންމާފައި އޮތީ އަންނަ މަހުގެ 4އިން ފެށިގެން ޝެޑިއުލް ދަތުރުތައް ކުރިއެކޭ އެއްގޮތަށް ބާއްވާށެވެ.
މި ފަހަރު ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ބާއްވާނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުން ކަނެކްޓިވިޓީ ވެސް ލިބޭ ގޮތަށެވެ. އޭރުން ވަކިން ހާއްސަކޮށް އެންމެ ދެކުނުގެ އަތޮޅުތަކަށް އަންނަ ޓޫރިސްޓުންނަށް އެ ސަރަހައްދުގެ ފެސިލިޓީތަކަށް ފަސޭހައިން ދިއުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ. މިކަމާ ބެހޭ ގޮތުން މޯލްޑިވިއަނުން ބުނީ ސްރީ ލަންކަން އެއާލައިންސްގެ މި ފަހަރުގެ ދަތުރުތަކާ އެކު ހުވަދު އަތޮޅާއި މާލެ ވެސް ކަނެޓްވެގެން ދާނެ ކަމަށެވެ.
ސްރީ ލަންކަން އެއާލައިންސްގެ ރާއްޖެ އޭޖެންޓަކީ އޭސް އޭވިއޭޝަނެވެ. ގަމަށް ފަށަން ތައްޔާރުވަމުން އަންނަ ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު އޭސް އޭވިއޭޝަންގެ ފަރާތުން މިހާރު ލިބޭނެ އެވެ.
ގަމަށް ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް އެންމެ ފުރަތަމަ ފެށީ ޑިސެމްބަރު 1، 2016 ގަ އެވެ. ކޮވިޑާ ހެދި ދަތުރުތައް ހުއްޓައިލީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.