އޮޅުންބޮޅުން: ދެން ހަދާނީ ކިހިނެއްތޯ؟

ބިދޭސިން ރާއްޖެ އައުމާ ބެހޭ ގޮތުން ދާދި ފަހުން ބަސްދީގަތުމެއް ދެއްވި ކަމާ ބެހޭ އޮފީހެއްގެ ވެރިޔަކު ވިދާޅުވި ގޮތުގައި ގަވައިދާ ޚިލާފަށް އެއްވެސް ބިދޭސީއަކަށް ރާއްޖޭގެ އެއްވެސް ބަނދަރަކުން އެތެރެވުމުގެ ކުޑަ ވެސް ފުރުޞަތެއް ނުއޮންނާނެ އެވެ. އެމަނިކުފާނު ވާހަކަދެއްކެވީ ވަރަށް ޔަޤީންކަމާ އެކުގަ އެވެ. އެދެއްކެވީ ރަނގަޅު ވާހަކައަކަށް ވާ ނަމަ ރާއްޖެ އަށް އެތެރެވާ ހުރިހާ ބިދޭސިންނެއް ވެސް ރާއްޖެ އަށް އެތެރެވަނީ ޤަވައިދުންނެވެ. ހުށައަޅަން ޖެހޭ ލިއުންތައް ހުށައެޅުމަށް ފަހުގައެވެ. ކަމާ ބެހޭ ތަފާތު އޮފީސްތަކުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު، ހުށައަޅަން ޖެހޭ ލިއެކިއުންތައް ފުރިހަމަވުމުން ރާއްޖޭގައި ހުރުމުގެ މުއްދަތުގެ ވިސާ ހަމަޖެހިގެންނެވެ. އެއީ ބަންގާޅީއަކަށް ވިޔަސް، ލަންކާ މީހަކަށް ވިޔަސް، އިންޑިއާގެ މީހަކަށް ވިޔަސް، ނުވަތަ ފަރަންސޭސިއަކަށް ވިޔަސް ރާއްޖެއަށް އެތެރެވުމާއި ހުރުމުގެ ހުއްދައަށް އޮންނަނީ އެއް ގަވައިދެކެވެ. މިގޮތަށް މިކަން އޮންނަ ކަމަށްވާ ނަމަ ގަވައިދާ ޚިލާފަށް ބިދޭސިން ރާއްޖޭގައި އުޅުމުގައި ކޮންމެވެސް ފަރާތެއްގެ އިހުމާލެއްވެ އެވެ. އެއީ އިމިގްރޭޝަނުގެ އިހުމާލަކަށް ނުވާނެ އެވެ. ސަބަބަކީ ބައިވަރު ކަރުދާސްތައް ހުށައެޅުމަށް ފަހު، އެތަކެއް ފަހަރު ގެ އާއި އޮފީހާ ދޭތެރޭ ހިންގެވުމަށް ފަހު، ބޮޑު އަދަދެއްގެ ފައިސާ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށް ފަހު އެބޭފުޅުން ހުއްދަ ދޫކުރައްވާތީވެ އެވެ. ވީމާ ބިދޭސީ މަސައްކަތު މީހުން ރާއްޖޭގައި ގިނަވެގެން އެމީހުންނަށް އެއްޗެތި ގޮވާ، އެމީހުންނާ މެދު އިހާނާތްތެރިކޮށް ކަންތައް ނުކުރުމާތޯ އެވެ؟ ސަބަބަކީ އެމީހުން ރާއްޖެ ގެންނަނީ އަޅުގަނޑުމެން އަމިއްލައަށް، އަމިއްލަ މަސައްކަތްތައް ކޮށްދޭނެ ދިވެހިން ނުލިބިގެން އެހެން ބަޔެއްގެ އެހީއަށް ބޭނުންވެގެން ކަމަށް ވާތީވެ އެވެ.


މިހާރު ނުކުންނަ މައްސަލައަކީ ރާއްޖޭގައި ތިބުމަށް ބައެއް ބިދޭސިންނަށް ދޫކުރާ ވިސާގެ މުއްދަތު ހަމަވުމުން، ވިސާ އާނުކޮށް އެތަކެއް އަހަރު ވާންދެން "ގެއްލިގެން" ރާއްޖޭގައި ދިރިއުޅޭ ބިދޭސިންގެ މައްސަލަ އެވެ. މިހެން ދިމާވަނީ އިމިގްރޭޝަނުން ބަލަހައްޓަވަން ޖެހޭ ވަރަށް ވިސާ ދޫކުރެވޭ މީހުންގެ ރެކޯޑް ނުބެލިހެއްޓިގެން ކަމަކަށް ނުވާނެ އެވެ. އަދި ފުލުހުންނަށް ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސިން ބަލަހައްޓަން ޖެހޭ ވަރަށް ނުބެލެހެއްޓިގެން ކަމަށް ވެސް ނުވާނެ އެވެ. މަގުމަތީގެ ކަންތައްތައް ބަލަހައްޓަވަމުން ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދުމަކީ ފުލުހުންނަށް ކުޅަދާނަ ކަމަކަށް ނުވާނެ އެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިކަމުގައި ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ ބިދޭސީން ރާއްޖެ ގެންނަން ހުއްދަ ނަގާ ފަރާތުންނެވެ. "ގެއްލޭ" މީހުން ހޯދަން ޖެހޭނީ ވެސް އެފަރާތުންނެވެ. އެފަރާތަށް އެކަންތައް ނުކުރެވޭ ކަމަށްވާ ނަމަ، އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސިންނާ ބެހޭ ގޮތުން އެކަކު އަނެކަކު ބަދުނާމުކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށްވާ ނަމަ، އަމިއްލަ ކުންފުންޏާއި ގޭގައި ބައިވަރު ބިދޭސީ މަސައްކަތްތެރިން ގެންގުޅެމުން ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި އުޅޭތީވެ ފާޑުކިއުމުގެ ފުރުޞަތު އޮންނާނެ އެވެ. މި ފުރުޞަތު ބައެއް މެންބަރުންނަށް ދާދި ފަހުން ލިބިވަޑައިގެންނެވި ދެތިން މިނިޓުގެ ފުރުޞަތުގެ ތެރޭގައި ބޭނުންކުރެއްވި ތަން ވެސް ފެނުނެވެ. މަޖިލީހުގެ މެންބަރުންނަކީ އަޅުގަނޑުމެންގެ ޤައުމަށްޓަކައި "މަރުދޭން" ހޮވާފައި ތިއްބެވި، އެއްވެސް އަމިއްލަ އެދުމެއް ނެތި، ގައުމަށް ވަރަށް އިޚްލާޞްތެރިކަމާ އެކު މަސައްކަތްކުރައްވާ ބޭފުޅުންކޮޅެކެވެ.

ގާނޫނުތައް ހަދާ ރައްޔިތުންގެ މަޖިލިސް: ގާނޫނަކުން އެހެން މީހުންނަށް އުފުލަން ޖެހޭ ބުރަތަކާ މެދު މެމްބަރުން ނުވިސްނަވާ

ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން މިހާރު ނުކުންނަނީ އެމީހުންނަށް މުސާރައެއްގެ ގޮތުގައި ލިބޭ ފައިސާ ޑޮލަރަށް ހެދުމަށް ފަހު އެމީހުންގެ ރަށަށް ފޮނުވުމުގެ މައްސަލަ އެވެ. ރާއްޖޭގައި ޑޮލަރު ހަރުލެއްވުމަށް މަރުކަޒީ ބޭންކުން ކުރައްވާ މަސައްކަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ގައުމަށް ފޮނުވާ ފައިސާ އިން ޓެކްސް ނެގުން ހިމެނެ އެވެ. ބިދޭސީ މަސައްކަތްތެރިންގެ ނަމުގައި ތިން މަސްދުވަހުގެ ތެރޭގައި އެކައުންޓް ނުހުޅުވައިފި ނަމަ، އެމީހުން ގެންގުޅޭ ފަރާތްތައް ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާކުރެވިދާނެ އެވެ.

ރާއްޖޭގެ ބޭންކެއްގައި ބިދޭސީ މަސައްކަތްތެރިއެއްގެ އެކައުންޓް ހުޅުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެންމެ ފުރުތަމަ ކުރިމަތިލާން ޖެހޭ ގޮންޖެހުމަކީ އެކައުންޓު ހުޅުވަން އެޕޮއިންޓުމެންޓެއް ހޯދުމެވެ. އަޅުގަނޑުގެ ރައްޓެހި ސުލެއިމާނުގެ ވަޒީފާއަކަށް ޕޮޑިމަނިކެ ރާއްޖެ ގެނައީ މިދިޔަ އޮކްޓޫބަރު މަހު އެވެ. މަސައްކަތްކުރުމުގެ ހުއްދަ ލިބުމާ އެކު އޭނާ ބޭންކް އެކައުންޓެއް ހުޅުވަން އެޕޮއިންޓުމެންޓަކަށް އެދުނެވެ. އެސްއެމްއެސް އަކުން އެޕޮއިންޓުމެންޓް ހަމަޖެހުނީ އަންނަ އަހަރުގެ މާރިޗް މަހަށެވެ. މި ހަފްތާގެ ތެރޭގައި ޖަނަވަރީ މަހަށް އެޕޮއިންޓުމަންޓް އަވަސް ވެއްޖެ އެވެ. އެޕޮއިންޓުމެންޓް ލިބޭއިރު ސުލެއިމާނަށް ހުންނާނީ ޤާނޫނާ ޚިލާފްވެވިފަ އެވެ. ޕޮޑިމަނިކެއަށް މުސާރަ ނުދީފި ނަމަ މަސައްކަތްތެރިންގެ ބައިނަލްއަޤްވާމީ ޤާނޫނާ ވެސް ޚިލާފްވެވުނީ އެވެ. މުސާރަ ދީފި ނަމަ ޕޮޑިމަނިކެއަށް ރަށަށް ފައިސާ ފޮނުވިދާނެ އެވެ. އަދި ސަރުކާރުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ކެނޑިގެން ފައިސާ ފޮނުވިދާނެ އެވެ. ސުލެއިމާނުގެ މައްސަލަ މީރާއަށް ފޮނުވައިފި ނަމަ އޭނާ މަދުވެގެން 10،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ. މީރާއިން އޮންނާނީ ކަމާ ބެހޭ އޮފީހުން އެންގެވި ގޮތަށް ކަންތައް ކުރުމެވެ. އެތަނުން އަންގާ ގޮތަށް ފައިސާ ނުދައްކައިފި ނަަމަ އެތަނުން ފޮނުއްވާ އިންޒާރުގެ ސިޓީއަށް ފަހު ދެން އޮންނާނީ "ބުލެކްމެއިލް ބަހުރުވައިން" ފިޔަވަޅު އެޅުމެވެ. އެއީ ފައިސާ ނުދައްކައިފި ނަމަ އެމީހެއްގެ އެކައުންޓް ބަންދުކުރުމެވެ. ނަން ޢާއްމުކުރުމެވެ. ސަރުކާރުގެ ކުންފުންޏެއްގެ ކުރީގެ ސީއީއޯއަކު ވިދާޅުވީ އެނޫން ގޮތަކަށް ފައިސާ ނުލިބޭނެ ކަމަށެވެ.

ޤާނޫނުތައް ހައްދަވާ ފަރާތްތަކުންނާއި ޤަވައިދުތައް ހައްދަވާ ފަރާތްތަކުން އެބޭފުޅުންގެ ނިންމެވުންތަކުން ނުކުންނާނެ މައްސަލަތަކާ މެދު އެކަށީގެންވާ ވަރަށް ދިރާސާކުރައްވާ ކަމަކަށް ނުފެނެ އެވެ. އެންގެވުމުން ފެހި ފިތަށް ފިތާލުމުން ފާސްވާ އެއްޗެއްގެ ސަބަބުން އެކަން ތަންފީޒުކުރަން ތިބޭ ބަޔަކަށް ތަންފީޒުކުރުމުގެ ޤާބިލްކަމެއް ވެސް ނުލިބެ އެވެ.

މިދެންނެވީ ސަރުކާރު ފަޅިން މައްސަލަ އޮންނަ ގޮތެވެ. ސުލައިމާނުގެ ފަޅިއަށް ބަލާލަމާތޯ އެވެ؟ ބިދޭސީން އެކައުންޓް ހުޅުވުމުގެ ޤަވައިދު ނުކުތުމާ އެކު ސުލައިމާނު އޭނާގެ މުވައްޒަފު ގުއްދޫސަށް އެކައުންޓެއް ހުޅުވައިދިނެވެ. ޤުއްދޫސުގެ މައްސަލައަކީ ލިޔަންކިޔަން ނޭނގުމެވެ. ސޮއިކަމަށް ބުނެ އޭނާ ދަމާލާ ރޮނގުތައް އެކި ފަހަރު ހުންނަނީ އެކި ގޮތަށެވެ. މިހެންވުމާ އެކު ސުލައިމާނު އިންޓަނެޓްގެ ޒަރީއާއިން ޤުއްދޫސް އަށް ދަސްކޮށްދެމުން ގެންދަނީ ކާޑުން ފައިސާ ނެގޭނެ ގޮތެވެ. އަކުރުތަކާއި ނިޝާންތައް ދައްކައިގެންނެވެ. އެކަމަކު ޤުއްދޫސްގެ ކާޑު އަދިވެސް ނުލިބެ އެވެ. އެކައުންޓު ހުޅުވުނު ފަހުން އޭނާއަށް އެއް މުސާރަ ލިބިއްޖެ އެވެ. މީގެ އިތުރަށް ކޮންމެ މަހަކު ޤުއްދޫސްގެ އެކައުންޓުން ކެނޑޭ ފަސް ޑޮލަރަކީ ކީއްވެގެން ކެނޑެން ޖެހޭ އެއްޗެއްކަން ޤުއްދޫސަށް އެއްގޮތަކަށް ވެސް ވިސްނައިދެވުނު ކަމަކަށް ނުވި އެވެ. ޤުއްދޫސް ޤަބޫލުކުރާ ގޮތުގައި އެއީ ސުލައިމާނު ދޭން ޖެހޭނެ ފައިސާއެކެވެ.

ޤާނޫނުތައް ހައްދަވާ ފަރާތްތަކުންނާއި ޤަވައިދުތައް ހައްދަވާ ފަރާތްތަކުން އެބޭފުޅުންގެ ނިންމެވުންތަކުން ނުކުންނާނެ މައްސަލަތަކާ މެދު އެކަށީގެންވާ ވަރަށް ދިރާސާކުރައްވާ ކަމަކަށް ނުފެނެ އެވެ. އެންގެވުމުން ފެހި ފިތަށް ފިތާލުމުން ފާސްވާ އެއްޗެއްގެ ސަބަބުން އެކަން ތަންފީޒުކުރަން ތިބޭ ބަޔަކަށް ތަންފީޒުކުރުމުގެ ޤާބިލްކަމެއް ވެސް ނުލިބެ އެވެ. ވަކި މުއްދަތެއްގެ ތެރޭގައި ކުރަން ހަވާލުކުރެވޭ ބޮޑު މަސައްކަތަށް ގިނަ ވަގުތާއި މީހުން ބޭނުން ވާތީވެ އެވެ. އެފަދަ ޤާބިލްކަން ކުއްލިއަކަށް ލިބިގަންނަން އެ މުއައްސަސާތައް ނުކުޅެދެނީ އެވެ.

ރައްޔިތުންގެ މަންދޫބުންނަށް ތިއްބަވާ "ޢިއްޒަތްތެރިން" ޤާނޫނު ބޭނުންކުރައްވައިގެން ރައްޔިތުން ލައްވާ އެކިއެކި ކަންތައް ކުރައްވާއިރު އެކަމަކަށް އޮންނަ އެންމެ ލުއި ގޮތަކަށް ކަންތައް ކުރުވުމުގެ މައްސަލައެއް އޮންނަނީ ބާވަ އެވެ؟ ރާއްޖޭގެ ބައެއް އޮފީސްތަކުން ކަންތައް ކުރާ ގޮތުން ލަފާކުރެވެނީ އެތަނުގެ ހައިބަތާއި އެތަނެއްގައި މަސައްކަތްކުރާ ބައެއްގެ ބޮޑުކަން ހާމަވެގެން ދާނީ އެތަނަށް ޚިދުމަތެއް ހޯދަން ދާ މީހަކަށް އެ ޚިދުމަތެއް ދިނުމަށް ދަތިކުރިވަރަކުން ކަމަށެވެ. މިކަމުގެ ލާމަސީލު މިސާލަކީ ރާއްޖޭގައި ޚިދުމަތު ދޭ ބައެއް ބޭންކްތަކެވެ. ބިދޭސިން ރަށަށް ފޮނުވާ ފައިސާއިން ސަރުކާރަށް ނަގާ ޓެކްސް އެފައިސާ ފޮނުވާ ތަނަކުން ނަގާ ގޮތަކަށް ހަމަނުޖެހެންވީ ކީއްވެ ބާވަ އެވެ؟ އެއާޕޯޓް ޓެކްސާއި މިހާރު ނަގަން އުޅޭ އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ވެސް ނަގައިދޭނީ ޓިކެޓް ވިއްކާ އޭޖެންޓުންނެވެ. މިހުންނަނީ ކިތަންމެ ހިތްހަމަނުޖެހުނަސް އަލުން ވިސްނާލުން ރަނގަޅު ކަންތައްތަކެވެ.