އޮޅުންބޮޅުން: އުމުރުން 84 އަހަރު

ރާއްޖޭގެ ޤާނޫނީ ޙަޔާތަށް މިހާރު 84 އަހަރު ފުރިއްޖެ އެވެ. ރާއްޖެއަކީ މި ސަރަހައްދުގައި ލިޔެފައި އޮތް ޤާނޫނުއަސާސީއަކަށް އެންމެ ފުރަތަމަ އަމަލުކުރަން ފެށި ގައުމެވެ. އެއީ ޑިސެމްބަރު 22، 1932 އެވެ. އޭރު ރާއްޖޭގެ އެންމެ އިސް ވެރިޔަކީ ރަސްގެފާނެވެ. ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިޔަކީ ބޮޑުވަޒީރެވެ.


އެއްވެސް އިރެއްގައި ރާއްޖޭގައި، ލިޔެފައި އޮންނަ ޤާނޫނުއަސާސީން، ރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިިކް ޙައްޤުތަކަށް ކުޑަކޮށް ވެސް އުނިކަމެއް އަންނަ ގޮތަކަށް ލިޔެފައެއް ނުއޮވެ އެވެ. އެންމެ ފުރަތަމަ ޤާނޫނުއަސާސީ، "ވީދާލި ޤާނޫނުއަސާސީ" ގައި ވެސް އެއްވެ އުޅުމުގެ މިނިވަންކަން ދީފައި އޮވެ އެވެ. ޚިޔާލު ފާޅުކުުރުމުގެ މިނިވަންކަން ދީފައި އޮވެ އެވެ. ގޮވަތި ގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަންތަންކަން ބަޔާންކޮށްފައި އޮވެ އެވެ. އަދި އެތަންތަނަށް ވަދެވޭނީ ވަކި ގޮތަކަށްކަން ހާމަކޮށްފައި ވެސް ވެއެވެ. އެއްވެސް މީހެއްގެ މުޅި މުދާ އަތުނުލެވޭނެކަމަށް ލިޔެފައި އޮވެ އެވެ. މީހުން ހިފާ ހައްޔަރުކުރެވޭނެ ގޮތް ލިޔެފައި އޮވެ އެވެ. ރާއްޖޭގައި ޓެލެފޯނުގެ ޚިދުމަތް ދެވެން ނުފެށޭ އިރު ވެސް ފޯނުން ދެއްކޭ ވާހަކަ ސިއްރުން އަޑުއެހުން މަނަ އެވެ.

ފާއިތުވި އައްޑިހަ އަށް ވުރެ ގިނަ އަހަރުތަކުގައި އެތަކެއް ފަހަރު ރާއްޖޭގެ ޤާނޫނުއަސާސީ އަށް އިޞްލާޙްތައް ގެނަ އެވެ. އޭގެ ތެރެއިން ބައެއް ފަހަރު ގެނެސްފައި ވަނީ ވަރަށް ކުދިކުދި އިޞްލާޙެވެ. އަނެއް ބައި ފަހަރު މުޅި ޤާނޫނުއަސާސީ އިޞްލާޙްކޮށްފައިވެ އެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ މުޅިން އާ ޤާނޫނުއަސާސީއެއް އެކުލަވާލުމަށް ފަހު ކުރިން އަމަލުކުރަމުން ގެންދިޔަ ޤާނޫނުއަސާސީ އުވާލާފައިވެ އެވެ. އަލަށް އިޞްލާޙްކުރި ޤާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމާ އެކުގަ އެވެ. ކޮންމެ ފަހަރަކު ވެސް ޤާނޫނުއަސާސީ އިޞްލާޙްކުރެވެނީ ޒަމާނަށް އަންނަ ބަދަލާއި ރާއްޖޭގެ ރައްޔިތުންގެ ވިސްނުމަށް އަންނަ ބަދަލާ އެކު ޑިމޮކްރެޓިކް މާދަމާއެއްގެ ފޮނި އުއްމީދުގަ އެވެ.

ފަހަކަށް އައިސް ރާއްޖޭގެ ރައްޔިތުން ތަފާތު ޤާނޫނުއަސާސީތައް ވަކިކުރަން ފެށީ އެފޮތުގެ ބަނޑޭރިގަނޑުންނެވެ. އޭގެ އެތެރޭގައި ލިޔެފައި އޮންނަ ގޮތަށް އަމަލުނުކުރެވޭކަމަށް ގިނަ ބަޔަކަށް ފެންނާތީވެ ކަމަށް ވެސް ވެދާނެ އެވެ. އަޅި ކުލައިގެ ޤާނޫނުއަސާސީ ނޫ ކުލައިގެ ޤާނޫނުއަސާސީ އަށް ބަދަލުވެ މިހާރު މިއޮތީ ފެހި ކުލައިގެ ޤާނޫނުއަސާސީ އެވެ. އެއް ފޮތުން އަނެއް ފޮތަށް ބަދަލުވަމުން އަންނަ އިރު ކޮންމެ ފަހަރަކު ވެސް ރައްޔިތުންގެ ޙައްޤުތަކާ ބެހޭ މާއްދާތައް ކުރީގެ ފޮތުގައި ހިމެނިފައި އޮންނަ މާއްދާތަކަށް ވުރެ ގިނަވެ އެވެ. މިނިވަންކަން ވެސް ކުރީގެ ފޮތުގައި އޮންނަ މިންވަރަށް ވުރު ފުޅާކޮށް ދީފައި އޮވެ އެވެ. އަދި ރައްޔިތުންނަށް ވަކި ފަރާތަކަށް ބުރަނުވެ އިންޞާފް ލިބޭނެ ގޮތަށް ބާރުތައް ވަކިކުރެވިފައި އޮވެ އެވެ. ޤާނޫނުއަސާސީގެ މާއްދާތަކަށް ބަލާއިރު ރާއްޖޭގައި އަމަލުކުރެވެނީ ދުނިޔޭގެ ބޮޑެތި ޑިމޮކްރެޓިކް ޤައުމުތަކުގައި ވެސް އަމަލުކުރެވޭ ފަދަ ރައްޔިތުންނަށް ބާރުތަކާއި މިނިވަންކަން ދީފައި އޮންނަ ޤާނޫނުއަސާސީއެކެވެ.

އެމްޑީޕީން ބޭއްވި މުޒާހަރާއެއް ފުލުހުން ހުއްޓުވަނީ: އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީތަކުން ދިވެހިންނަށް ދިން

ޤާނޫނުއަސާސީ ބަލައިގަތުމުގެ އާދަކާދައަކަށް ވެފައި، ރާއްޖޭގައި މިއޮންނަނީ ޤާނޫނުއަސާސީން، ލިއުމުން ހުރިހާ ޙައްޤަކާއި ބާރެއް ލިބިދީފައި އޮންނަކަން ބަލައިގަތުމުގެ އާދަ އެވެ. އެބާރެއްގެ ނުވަތަ އެ ހައްޤެއްގެ ބޭނުންކުރެވެނީ އެއިރެއްގައި ވެރިކަމުގައި އޮންނަ ސަރުކާރެއް އެބާރެއް ނުވަތަ އެޙައްޤެއްގެ މާނަކުރާ ގޮތަކަށެވެ. ކޮންމެ ދިމާއަކަށް ދިޔަޔަސް އެނޫން، އެހެން ގޮތަކަށް މާނަކުރެވުނު ތަނެއް އަދި ފެނިފައެއް ނެތެވެ. މުސްތަޤިއްލުކޮށް ރާއްްޖޭގެ މިނިވަން މުއައްސަސާތަކަށް މަސައްކަތްކުރެވޭނެ ދުވަހެއް އަންނާނެ ބާވަ އެވެ؟ ވެރިކަމުގެ ބާރާއި ނުފޫޒު ނެތް ފަރާތްތަކާ މެދު އެތަންތަނުން ކަންތައް ނިންމަވާނީ އަބަދުވެސް ވަރަށް މިނިވަންކަމާ އެކުގަ އެވެ.

ފެހި ޤާނޫނުއަސާސީ ވުޖޫދަށް ގެނައި އިރު އެންމެ ގޯސްކޮށް ކުރެވިފައި އޮތް އެއް ކަމަކީ ޤާނޫނުއަސާސީ އިޞްލާޙްކުރެވޭނެ ގޮތް ކުރިއަށް ވުރެ މާ ބޮޑަށް ފަސޭހަކޮށް އަދި ލުއިކުރެވުމެވެ. އެގޮތަށް ހައްދަވަން ޖެހުނީ ކުރިން ޤާނޫނުއަސާސީ އިޞްލާޙްކުރަން އޮންނަ ގޮތުގެ ޚަރަދު ބޮޑުވެފައި އުނދަގޫކަމުންނެވެ. ޤާނޫނުއަސާސީގެ މާއްދާއަކަށް އިޞްލާޙެއް ގެންނަން އެތަކެއް މަހެއް ނުވަތަ ބައެއް ފަހަރު އަހަރަކަށް ވުރެ ވެސް ގިނަ ދުވަސް ނަގާތީވެ އެވެ. އޭރު ޤާނޫނުއަސާސީ އިޞްލާޙްކުރަން ބޭނުންވެއްޖެ ނަމަ ފުރަތަމަ ޖެހެނީ އިތުރު ރައްޔިތުންގެ މަޖިލީހެއްގެ އިންތިޚާބެއް ބާއްވާށެވެ. އިލެކްޝަންސް ކޮމިޝަނުން އިޢްލާނުކޮށްގެން ވާދަކުރާ ކެންޑިޑޭޓުންނަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވައިގެން އިންތިޚާބުގެ ވޯޓާ ހަމައަށް ދެވެނީ ވެސް އެތައް މަހަކުންނެވެ.

ފެހި ޤާނޫނުއަސާސީން ލިބޭ އެންމެ ބޮޑު ފަޚުރަކީ ތިން ބާރު ވަކިކުރެވިފައި އޮތް ކަމަށް ބުނާ ބުނުމެވެ. ތިން ބާރު ވަކިކުރެވިފައި އޮންނަނީ ކޮންމެ ބާރަކީ ޚުދުމުޚްތާރު ބާރަކަށް ހެދުމަކަށެއް ނޫނެވެ. ސަރުކާރަށް މަޖިލީހުގެ އަޚްލަބިއްޔަތު ލިބިފައި އޮތުމަކީ ބޭނުން ގޮތަކަށް ކޮންމެ ކަމެއް ނިންމުމެއް ވެސް ނޫނެވެ. ކަންކަން ނިންމަންވާނީ ރައްޔިތުންނާއި ޤައުމަށް ފައިދާ ހުރި ގޮތަށެވެ.

އެ މަޖިލީހަށް އޭރު ކިޔަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތިއްބެވި އަދަދަށް އިތުރަށް އެ އަދަދަށް މެންބަރުން ތިބެން ޖެހެ އެވެ. އަދި އޭގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުންގެ އަދަދު ވެސް މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދަދަށް ތިބެން ޖެހެ އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުން ތިއްބަވަން ޖެހެ އެވެ. އިންތިޚާބަށް ފަހު އަތޮޅުތަކުން އިންތިޚާބުވާ ބޭފުޅުން މަޖިލީހުގެ ޖަލްސާތަކަށް މާލޭގައި ތިއްބަވަން ޖެހެ އެވެ. އެބޭފުޅުން މާލޭގައި ހުންނެވުމާއި ފަރީއްކޮޅުގެ ޚަރަދުކުރައްވަން ޖެހެނީ ސަރުކާރުންނެވެ. ޤާނޫނުއަސާސީއަށް ކިތަންމެ ކުޑަ އިޞްލާޙެއް ވެސް ގެނެވެނީ ކުރިން މިދެންނެވި މަރުޙަލާތައް ކަޑައްތުކުރުމަށް ފަހުގަ އެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެ އިޞްލާޙެއް ފާސްކޮށްގެންނެވެ.

ރާއްޖޭގައި އެޒަމާނުގައި ޤާނޫނުއަސާސީ އެކުލަވާލި ބޭފުޅުންގެ ޚިޔާލަކީ އުނދަގުލުން ޤާނޫނުއަސާސީ އަށް ބަދަލުގެނެވޭނެ ގޮތަށް ބޭއްވުންކަމަށް ވެދާނެ އެވެ. އެއީ މިހާރު ވެސް ވަރަށް ގިނަ ޤައުމުތަކުގައި އޮންނަ ގޮތެކެވެ. މިސާލަކަށް، އެމެރިކާ އާއި އޮސްޓްރޭލިއާ އެވެ. އޭރު ޤާނޫނުއަސާސީ އިޞްލާޙްކުރުމަށް އޮތް އުނދަގޫ މަގަކީ އެންމެ ރަނގަޅު ގޮތް ކަމަށް މިހާރުގެ ރައްޔިތުންގެ މަޖިލީހުން އަވަސްއަރައިގެން ޤާނޫނުއަސާސީއަށް ގެންނަ ޒިންމާދާރުކަން ކުޑަ، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނަ ކަހަލަ ބައެއް އިޞްލާޙްތަކުން ސާބިތުވެ އެވެ. މިކަމުގެ އެއް މިސާލަކީ އުމުރުން 65 އަހަރު ވެފައިވާ މީހުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލިޔަ ނުދިނުމަށް މަޖިލީހުން ފާސްކުރި އިޞްލާޙެވެ. ޒުވާނުންނަށް ފުރުޞަތު ދިނުމުގެ ނަމުގަ އެވެ. ޙަޤީޤަތުގައި މި ފާސްކުރުމުގެ ސަބަބުން ދެ ޙައްޤަކުން ރައްޔިތުން މަޙްރޫމްވެ އެވެ. އެއް ޙައްޤަކީ އެމީހަކު ބޭނުންވާ މީހަކަށް ވޯޓުލުމުގެ ޙައްޤެވެ. އަނެއް ޙައްޤަކީ ވަކި ބަޔަކު ތަފާތުކުރުމުން ނުވަތަ އެކަހެރިކުރުމުން ގެއްލޭ ފަރުދީ ޙައްޤެވެ.

ފެހި ޤާނޫނުއަސާސީން ލިބޭ އެންމެ ބޮޑު ފަޚުރަކީ ތިން ބާރު ވަކިކުރެވިފައި އޮތް ކަމަށް ބުނާ ބުނުމެވެ. ތިން ބާރު ވަކިކުރެވިފައި އޮންނަނީ ކޮންމެ ބާރަކީ ޚުދުމުޚްތާރު ބާރަކަށް ހެދުމަކަށެއް ނޫނެވެ. ސަރުކާރަށް މަޖިލީހުގެ އަޚްލަބިއްޔަތު ލިބިފައި އޮތުމަކީ ބޭނުން ގޮތަކަށް ކޮންމެ ކަމެއް ނިންމުމެއް ވެސް ނޫނެވެ. ކަންކަން ނިންމަންވާނީ ރައްޔިތުންނާއި ޤައުމަށް ފައިދާ ހުރި ގޮތަށެވެ. އެމެރިކާގައި ރައީސް ޖިމީ ކާޓަރުގެ ވެރިކަމުގައި އެމަނިކުފާނު ބޭނުންފުޅު ގޮތަކަށް އެމަނިކުފާނުގެ ކޮންގްރެސް އަކުން ހުރިހާ ކަމެއް ނިންމައެއް ނުދެ އެވެ. ސިޔާސީ ބައެއް ވިސްނުންތެރިން ބުނާ ގޮތުގައި މިފަހަރު އެމެރިކާގެ ރައީސަކަށް އަލަށް ހޮވިވަޑައިގެންނެވި ޑޮނަލްޑް ޓުރަމްޕް އަށް އެމަނިކުފާނުގެ ޕާޓީއަށް އަޣްލަބިއްޔަތު އޮންނަ ކޮންގްރެސް އިން އެގޮތަށް ކަންތައް ކުރިމަތިކުރުވުމަކީ ވަރަށް ކައިރި ކަމެކެވެ.

ރާއްޖޭގައި، ޙަޤީޤަތުގައި ވެސް ތިން ބާރު އޮތީ ވަކިވެފައި ބާވަ އެވެ؟ ކަންތައް ހިނގާ ގޮތަށް ބަލާއިރު ތިން ބާރު ވަކިވެފައި އޮންނަ ކަމަށް ރާއްޖޭގައި ކަންތައް ހިނގާ ގޮތް ދަންނަ ދިވެއްސަކު ވެސް އަދި ބިދޭސިއަކު ވެސް ޤަބޫލެއް ނުކުރާނެ އެވެ. ތިން ބާރުގެ ތެރެއިން ރައްޔިތުން އެންމެ ކަންބޮޑުވަނީ ޢަދުލު އިންޞާފްގެ ބާރާ މެދުގަ އެވެ. ސަބަބަކީ އެއީ ހުރިހާ މަގެއް ބަންދުވުމުން އިންޞާފް ހޯދަން ދާން އޮންނަ ތަނަކަށް ވާތީވެ އެވެ. ސަރުކާރުގެ އިސް ވެރިންގެ ވާހަކައިގައި ވިދާޅުވަނީ ރާއްޖޭގެ ޢަދުލު އިންޞާފްގެ ދާއިރާގައި ކަންތައް ހިނގާ ގޮތާ މެދު ޔޫރަޕިއަން ޔޫނިއަން އިން ކަންބޮޑުވާ ކަމަށެވެ. އދ. މަޖިލީހުގެ ކަމާ ބެހޭ އިދާރާއިން ކަންބޮޑުވާ ކަމަށެވެ. ކޮމަންވެލްތުން (މެންބަރު ގައުމަކަށް އޮތްއިރު) ކަންބޮޑުވާ ކަމުގަ އެވެ. އެކަމަކު އެއީ އެފަރާތްތަކާ ބެހޭ ކަމެއް ނޫން ކަމަށެވެ. ޢަދުލު އިންޞާފްގެ ދާއިރާއާ މެދު ދިވެހި ރައްޔިތުން ވެސް ކަންބޮޑުވެ އެވެ.

ސަރުކާރުން ވިދާޅުވަނީ ޢަދުލު އިންޞާފްގެ ދާއިރާގައި މަސައްކަތްކުރައްވަނީ ރާއްޖޭގައި ތިއްބެވި އެ ފަންނުގެ އެންމެ ޤާބިލް ބޭފުޅުން ކަމަށެވެ. އެބޭފުޅުންގެ މަސައްކަތްޕުޅަކީ ތަޢުރީފް ޙައްޤު މަސައްކަތްޕުޅެއް ކަމަށެވެ. މީގައި ބޮޑު މައްސަލައެއް އެބަ އުޅޭ ދޮގެއްތޯ އެވެ؟ މައްސަލަ ފެނިވަޑައިގަނޭތޯ އެވެ؟