މަސައްކަތް ދަސްކުރުމާއި މަސައްކަތް ކުރުމުގެ މުހިންމުކަން

ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމުގެ މުހިންމުކަމާއި އޭގެ މާތްކަމާއި އެ ކަމުގައި ތަބާވާން ޖެހޭ އުސޫލުތަކާއި ހިފަހައްޓަން ޖެހޭ ރިވެތި އަޚްލާޤީ ސިފަތަކަށް އިސްލާމް ދީން ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ވެ އެވެ. މިގޮތުން މަސައްކަތުގެ މާތްކަމާ ބެހޭ ގޮތުން ކުރީގެ ލިޔުމެއްގައި ވާނީ އަލިއަޅުވާލެވިފަ އެވެ. މި ލިޔުމުގައި މި ބަލާލަނީ މަސައްކަތް ދަސްކުރުމާއި މަސައްކަތް ކުރުމުގެ މުހިންމު ކަމާ މެދު އިސްލާމް ދީން ދެކޭ ގޮތުގެ މައްޗަށެވެ.


އިންސާނީ ފިޠުރަތުގައިވާ އަސާސީ ބޭނުންތައް ފުއްދައި ދިރިއުޅުމުގެ މަޢީޝަތު ހަމަޖެއްސުމަށްޓަކައި މަސައްކަތެއް ކުރުމަކީ އެކަމަށް ކުޅަދާނަ ކޮންމެ ފަރުދެއްގެ މައްޗަށް ލާޒިމު ކަމެކެވެ. ﷲ ކީރިތި ޤުރުއާނުގައި އަންގަވަނީ "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެ އެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރު ކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒުޤުން ކާށެވެ!" (އަލްމުލްކު 15)

އިމާމް އިބްނު ކަޘީރު ވިދާޅުވެފައި ވަނީ އެ އާޔަތުގެ މުރާދަކީ ބިމުގެ އެކި ދިމަދިމާލުން އޭގެ އެކި ހިސާބުގަނޑުތަކާއި އަރިމަތިތަކަށް ދަތުރުކޮށްގެން ގޮސް ވިޔަފާރިތައް ކޮށްގެން ނުވަތަ މަންފާ ލިބޭ ތަކެތި ހޯދައިގެން ކައިބޮއެ ހަދާށޭ އެވެ. މިގޮތަށް ކީރިތި ޤުރުއާނުގައި އަމުރު ކުރައްވާފައިވާ ހިނދު މުދާ އެކަތި އަނެކައްޗަށް ބަދަލު ކުރުމުގެ މުއާމަލާތާއި ޚިދުމަތްތައް ފޯރުކޮށްދީގެން އުޖޫރަ ހޯދުން ﷲ ވަނީ ހަލާލު ކުރައްވާފަ އެވެ.

ސަބަބަކީ އެއްވެސް އިންސާނަކަށް އޭނާ އަމިއްލަ އަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައި ނުވަތަ އުފައްދައި ނުހެދޭނެތީ އެވެ. އަދި އޭނާ ބޭނުންވާ ހުރިހާ ޚިދުމަތްތައް އަމިއްލަ އަށް ލިބިނުގަނެވޭނެތީ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު މަސައްކަތް ކުރުން މުހިންމުވާ އެއް ސަބަބަކީ އެމީހެއްގެ އަމިއްލަ ބޭނުންތައް ފުއްދުމުގައި ސަލާން ޖެހުމުން ނަފްސު ސަލާމަތް ކުރުމެވެ.

މަސައްކަތް ކުރުމުގެ ކުޅަދާނަކަން ހުރި މީހަކު މަސައްކަތް ނުކޮށް ސަލާން ޖެހުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. އަދިކިއެއްތަ، އެއީ އުޚުރަވީ ހަޔާތުގައި އެކަމުން ފާފަ ލިބޭނެ ކަމެކެވެ. އިމާމް މުސްލިމް އެކަލޭގެފާނުގެ ހަދީސް ފޮތުގައި "ސަލާން ޖެހުން ނަހީކުރެއްވުން" މި ނަމުގައި އޮންނަ ބާބުގައި މިކަމާ ގުޅޭ ހަދީސްތައް ބަޔާން ކުރައްވާފައި ވެއެވެ.

މި ނުބައި އާދަ އިން ސަލާމަތް ވެވެން އޮތީ އަލްޖުމްޢާ ސޫރަތުގެ 10 ވަނަ އާޔަތުގައި ﷲ އަންގަވާފައިވާ ފަދައިން ނަމާދުން އަވަދިވެގެން ބިމުގައި ފެތުރިގެން ގޮސް މަސައްކަތް ކޮށްގެންނެވެ. އެ އާޔަތުގައި "ﷲ ގެ ފަޟްލަވަންތަކަމުގެ ތެރެއިން ދެއްވުމަށް އެދޭށޭ" އޮންނަ މި އަމުރުގެ ދަރަޖައަކީ ކޮބައިކަމާ މެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފެއް އޮތަސް އަދި ގިނަ ޢިލްމުވެރިން އެއީ ހުއްދަ ދަރަޖައިގައި އޮންނަ އަމުރެއް ކަމަށް ވިދާޅުވިއަސް އައްދާވޫދީ ވިދާޅުވަނީ ހުއްދަ ދަރަޖައިގައި އެ އަމުރު އޮންނާނީ ފުދޭ މިންވަރަށް ލިބޭ މީހާ އާއި މަސައްކަތަށް ނުކުޅެދޭ މީހާ އަށް ކަމަށެވެ. އެކަމަކު ފުދޭ މިންވަރު ނެތް އަދި މަސައްކަތަށް ކުޅެދުންތެރި މީހާ އަށް މި އަމުރަކީ ވާޖިބުގެ ދަރަޖައިގައިވާ އަމުރެއް ކަމަށެވެ. ސަބަބަކީ މިފަދަ މީހާ މަސައްކަތް ނުކުރާނަމަ ސަލާން ޖެހުމަށް ނުވަތަ ހަރާމް ކަންކަމަށް މަގުފަހި ވެގެންދާނެތީ އެވެ.

ދިރިއުޅުމަށް މަސައްކަތް ކުރުން މުހިންމުވާ ދެ ވަނަ ސަބަބަކީ މަސައްކަތަކީ ފަގީރުކަން ނައްތާލުމަށް އޮތް ސަބަބެއް ކަމަށް ވުމެވެ. ފަގީރު ކަމަކީ އެކަމަކުން ރައްކާތެރި ވުމަށްޓަކައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ދުޢާ ކުރައްވާ އެއް ކަންތަކެވެ. ނަމާދުގެ ފަހުގައި ޒިކުރު ތަސްބީޙަ އަށް ފަހު ކުރާ ދުޢާތަކުގައި އެ ދުޢާ ހިމެނިފައި ވެ އެވެ. ފަގީރު ކަމަކީ ވައްކަން ކުރުމާއި ފޭރުން ފަދަ ނުބައި އަމަލުތަކަށް އަރައިގަތުމަށް މަގުފަހިވާ ކަމެކެވެ. އަދި އެއީ މީހާ ދަރަނިވެރި ވުމަށް ވެސް މަގުފަހިވާ ކަމެކެވެ. ދަރަނިވެރި ވުމަކީ އޭގެ ސަބަބުން ބައެއް ކަހަލަ ނުބައި ކަންކަމަށް މީހާ އާދަ ކުރުވާނެ ކަމެކެވެ.

މިހެންވެ ދަރަނިވެރިވުމުން ރައްކާތެރިކަން ދެއްވުމަށް ވެސް ކީރިތި ރަސޫލާ، ގިނަގިނައިން ދުޢާ ކުރައްވަ އެވެ. މި ކަމުގެ ސިއްރަކީ ކޮބައިތޯ އަޞްޙާބު ބޭކަލަކު ސުވާލު ކުރެއްވުމުން ހަދީސް ކުރެއްވީ "މީހާ ދަރަނިވެރި ވެއްޖެ ނަމަ ވާހަކަ ދެއްކުމުގައި ދޮގުހަދާނެ އެވެ. ވައުދަށް ޚިލާފުވާނެ އެވެ." (އަލްބުޚާރީ). ވީމާ ފަގީރުވުމުގެ ނުބައި ކަމާއި ދަރަނިވެރި ވުމުގެ ނުބައި ކަމުން ސަލާމަތް ވުމުގެ ޒަރީއަތެއްގެ ގޮތުން އެކަނި ވެސް ދިރިއުޅުމަށްޓަކައި މަސައްކަތެއް ކުރުން މުހިންމު ވެއެވެ.

މާލޭގެ މަގު ހެދުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރި ވަނީ: މަސައްކަތް ދަސްކޮށް މަސައްކަތް ކޮށްގެން ކައިބޮއި އުޅުމަށް އިސްލާމް ދީން ބާރުއަޅާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަސައްކަތް ކުރުން މުހިންމުވާ ތިން ވަނަ ސަބަބަކީ އުންމަތުގެ ބޭނުންތައް ފުއްދުމެވެ. ކޮންމެ އުންމަތަކަށް ވެސް ވިޔަފާރިތަކާއި އުފެއްދުންތަކާއި ބޭސްފަރުވާ އާއި ދަނޑުވެރިކަމާއި އެހެނިހެން ވެސް ޚިދުމަތްތައް ބޭނުންވާނެ އެވެ. އެއީ އާދައިގެ ފަންނީ މަސައްކަތަކުން ފުއްދޭ ކަމެއް ކަމަށް ވިއަސް ނުވަތަ އައު ހޯދުންތަކާއި ޓެކްނޮލޮޖީ ގެ މަސައްކަތްތަކުން ފުއްދޭ ކަމެއް ކަމަށް ވިއަސް މެއެވެ. އިސްލާމީ އުންމަތަށް ބަލާއިރު މި ދެ ދަރަޖައިގައި ވެސް މަސައްކަތްތައް ބޭނުން ވެއެވެ. ވަކީން ޚާއްޞަކޮށް އިސްލާމީ ޙަޟާރަތު ކުރި އަރައިގެން ދިޔައީ އައު އީޖާދުތަކާ އެކުގައި ކަމަށް ވީހިނދު އެ މާޒީ އަލުން އަނބުރާ އުންމަތަށް ގެނައުމަށާއި ފުދުންތެރި އުންމަތެއް ކަމަށް ވުމަށްޓަކައި ޓެކްނޮލޮޖީ ގެ މަސައްކަތްތައް މުސްލިމުންނަށް ވަރަށް މުހިންމެވެ.

އިސްލާމީ ތާރީޚަށް ބަލާއިރު އާދައިގެ ފަންނީ މަސައްކަތްތަކަށް ވެސް އިހުގެ މުސްލިމުން ދިން އަހަންމިއްޔަތު ފާހަގަވާން އެބަހުއްޓެވެ. އިމާމް ބުޚާރީގެ ހަދީސް ފޮތުގައި ތަފާތު ފަންނީ މަސައްކަތްތަކުގެ ނަމުގައި ބާބުތައް ހައްދަވާފައި ވެއެވެ. މިސާލަކަށް ފެހުމުގެ ބާބު، ވިޔުމުގެ ބާބު، ވަޑާމުގެ ބާބު ފަދަ ބާބުތަކެވެ. އިބްނު ޚަލަދޫންގެ މަޝްހޫރު މުޤައްދިމާގައި ވެސް ދަނޑުވެރިކަމާއި ގެދޮރުއެޅުމާއި ފެހުން ފަދަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައި ވެއެވެ.

ނަބީ ބޭކަލުންނާއި ޞަޙާބީންނާއި ޢިލްމުވެރިންގެ ސީރަތަށް ބަލައިލާ އިރު ތަފާތު މަސައްކަތްތަކުގައި ފާހަގަ ކޮށްލެވޭ ބޭފުޅުން ވެއެވެ. މިގޮތުން އާދަމުގެފާނަކީ ދަނޑުވެރިކަން ކުރެއްވި ބޭފުޅެކެވެ. ދާއޫދުގެފާނަކީ ކަނބުރުކަން ކުރެއްވި ބޭފުޅެކެވެ. ނޫޙުގެފާނަކީ ވަޑާން ކުރެއްވި ބޭފުޅެކެވެ. އިދްރީސްގެފާނަކީ ފެހުމުގެ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މޫސާގެފާނާއި މުޙައްމަދުގެފާނަކީ ބަކަރި ހުއި ހިއްޕެވި ދެބޭފުޅުންނެވެ. ޞަޙާބީންނަށް ބަލާއިރު ވަރަށް ގިނަ ބޭފުޅުންނަކީ ވިޔަފާރި ކުރެއްވެވި ބޭފުޅުންނެވެ. އަނެއްބައި ބޭފުޅުންނަކީ ދަނޑުވެރި ކަމާއި ބަކަރި ހުއި ހިއްޕެވުމުގެ މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.

މި ފާހަގަކުރި ސަބަބުތަކަށްޓަކައި މަސައްކަތް ކުރުން މުހިންމުވާ ހިނދު، މަސައްކަތްތައް ދަސްކުރުން ހަމަ ޔަގީނުން ވެސް މުހިންމު ވާނެ އެވެ. މިކަން މުހިންމުވާ އެއް ސަބަބަކީ އުންމަތް ތަރައްގީ ކުރުމަށްޓަކައި ގާބިލު ކުޅަދާނަ މީހުން އުފެއްދުމެވެ. ގުދުރަތީ ގޮތުން ލިބިފައިވާ މުއްސަނދިކަން އޭގެ އެންމެ ހެޔޮ ގޮތުގައި ހިފައި ތަނަށް ތަރައްގީ ގެނެވޭނީ ގާބިލު ކުޅަދާނަ ކަފާއަތްތެރިން އުންމަތުގައި ތިބެގެންނެވެ. އުންމަތް ތަރައްގީ ކުރުމަށްޓަކައި އުފައްދާ ގާބިލު މީހުންނަކީ އިލްމީ ހަމަތަކާއި އުސޫލުތަކުގެ މަތީ މަސައްކަތް ކުރާ ބަޔަކަށް ވެސް ހަދަން ޖެހެއެވެ. މިކަން ވެސް ކުރެވޭނީ ފަންނީ އެކިއެކި މަސައްކަތްތައް އޭގެ އުސޫލުތަކާ އެކު އުނގަންނައި ދެވިގެންނެވެ. މީގެ އިތުރުން މަސައްކަތަށް ލޯބި ޖެހުން ވަރުގަދަ ކުރެވޭނީ ވެސް މަސައްކަތުގެ ތައުލީމާއި ހުނަރު ފޯރުކޮށްދިނުމުގެ ތެރެއިންނެވެ.

މަސައްކަތް ދަސްކުރުން މުހިންމުވާ ދެ ވަނަ ސަބަބަކީ ފަރުދީ ގޮތުން ކޮންމެ އިންސާނެއްގެ ކިބައިގައި ހުންނަ ގާބިލިއްޔަތުތައް ހޯދައިގަނެ އެމީހަކާ ގުޅޭ ގާބިލިއްޔަތަށް އެމީހަކު އަހުލުވެރި ކުރުވުމެވެ. ވަކިން ޚާއްޞަ ކޮށް ތައުލީމުގެ އެންމެ މަތީ ހަރުފަތްތަކަށް ހުރިހާ އެންމެން ދިއުމުގެ ބަދަލުގައި ތަފާތު ފަންނީ މަސައްކަތްތައް ދަސްކޮށްދީ އެ ފަންނުތަކުގައި އުފެއްދުންތެރި ހިޔާލުތަކާއި އައު އީޖާދުތައް ވުޖޫދު ކުރުމަށްޓަކައި ފަންނީ ތަމްރީނުތައް ތައުލީމުގެ ތެރެއިން ފޯރުކޮށްދިނުން މުހިންމެވެ. ނަބީ ބޭކަލުންނާއި ޞަޙާބީންނާއި ޢިލްމުވެރިންގެ ފަންނީ މަސައްކަތްތަކަށް ވިސްނާލުމުން މިކަމުގެ މުހިންމުކަން ހާމަވެ އެވެ.

މަސައްކަތް ދަސްކުރުން މުހިންމުވާ ތިންވަނަ ސަބަބަކީ މަސައްކަތްތަކުގައި އިންސާނުންގެ ކުޅަދާނަކަން އިތުރު ކުރުމެވެ. ތައުލީމާއި ތަމްރީނު ދިނުމުން ކޮންމެ މަސައްކަތެއްގައިވެސް އުފެއްދުންތެރިކަން އިތުރުވެ ކޮންމެ މަސައްކަތެއްވެސް ވީ އެންމެ ފުރިހަމައަކަށް ކުރުމުގެ ކުޅަދާނަކަން އިތުރުވާނެ އެވެ. ހެދޭ ކުށްތައް މަދު ކުރުމާއި މަސައްކަތަށް ލޯބި ޖެހުމާއި އެކަމުން އުފާ ހާސިލު ކުރުން އިތުރު ވެގެންދާނީ ވެސް މި ކުޅަދާނަކަން އިތުރު ކުރެވުނު މިންވަރަކުންނެވެ.

ވީމާ މަސައްކަތްތައް ދަސްކޮށްދީ މަސައްކަތްތައް ކުރުމުގެ ރޫހު އިތުރު ކޮށް މަސައްކަތަށް ލޯބި ޖެއްސުމަށް މަސައްކަތް ކުރާ ބަޔަކު އުންމަތުގައި ތިބެން ޖެހެއެވެ. ހަމަ އެއާ އެކު ﷲ އަށް އަޅުވެތިވުން ފުރިހަމަ ކުރުމަށްޓަކައި ކޮންމެ މީހަކީ ވެސް މަސައްކަތްތެރި އެއް ކަމަށް ވުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ އެވެ.