ޚިޔާލު / މަސައްކަތްތެރިންގެ ހައްގުތައް

މަސައްކަތްތައް ނިންމުމުގައި އަމަލުކުރަންވީ ކިހިނެއް؟

އެސްޓީއޯއިން ރާއްޖެ ގެނައި ކާޑުގެ ބާވަތްތަށް އެ ކުންފުނީގެ ކާޑު ގުދަނަށް ވައްދަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ދިރިއުޅުމަށް މަސައްކަތް ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވާ ކަމެކެވެ. އެއީ ތަރައްގީ އާއި ތަހުޒީބީ ކުރިއެރުމުގެ އެންމެ މުހިންމު އެއް ބައެވެ. އިސްލާމްދީނަކީ ހަމައެކަނި ރޫހާނީ ކަންކަން ހިމެނޭ ދީނެއް ނޫނެވެ. އެހެންވެ ދިރިއުޅުމުގެ ހަޔާތުގެ ހުރިހާ ދާއިރާއަކުން އިންސާނިއްޔަތަށް މަގު ދައްކައިދޭ ފުރިހަމަ މަންހަޖެއް އިސްލާމް ދީން ގެނެސްދެ އެވެ.

އިސްލާމް ދީނުގައި އީމާންކަމާއި ހެޔޮ އަމަލާ ގުޅުވަ އެވެ. ހެޔޮ އަމަލުގެ ތެރެއިން އެއް ބަޔަކީ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް ކަމުގައި ލައްވާފައި ވުމެވެ. އަމަލު ކުރުމުގައި އޭގެ ފެންވަރު ވީ އެންމެ މަތީ ދަރަޖައަކަށް ގެންދިއުމަކީ ﷲ ގެ ރުހިވޮޑިގަތުމާއި ދުނިޔެ އާއި އާޚިރަތް ކާމިޔާބު ކުރެވޭނެ ކަމެއް ކަމުގައި ވެސް ލައްވާފައި ވެ އެވެ. އެހެންކަމުން މުވައްޒަފެއް ކަމުގައި ވިޔަސް ވިޔަފާރިވެރިއެއް ކަމުގައި ވިޔަސް ކިޔަވާ ކުއްޖެއް ކަމުގައި ވިއަސް މަސައްކަތް ކުރުމުގެ ޖޯޝް ހުންނަން ވާނެ އެވެ. ހަމައެއާ އެކު، ކުރާ މަސައްކަތުގެ ފެންވަރު ދެމެހެއްޓުމުގެ ވިސްނުން ގެންގުޅެން ޖެހެ އެވެ. މިކަންކަމަށް އިސްލާމް ދީނުގައި ބާރުއަޅާ މިންވަރު ތަސައްވުރު ކުރެވެން ޖެހެ އެވެ.

އިސްލާމްދީނުގައި މަސައްކަތުގެ ދަރަޖަ

އިސްލާމީ ނަޒަރުން ބަލާއިރު މަސައްކަތަކީ އަޅުކަމެކެވެ. އެއީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް އޮންނަ ވަސީލަތެއް ނޫނެވެ. އެހެންވެ މުސްލިމަކު ދިރިއުޅުމަށް ކުރާ މަސައްކަތުގައި އިހުލާސްތެރިވެ ﷲ ގެ ރުހިވޮޑިގަތުމާ އެއްގޮތަށް ބަރާބަރަށް ކޮށްފި ނަމަ އެއީ ސަވާބު ލިބޭ އަޅުކަމެއް ކަމުގައި ބެލެވެ އެވެ. މާތް الله ގެ ވަހީބަސްފުޅެއްގެ މާނައިގައި ވެ އެވެ. "އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެ އެވެ. ފަހެ، އެތާގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރު ކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒުގުން ކާށެވެ!.." (އަލްމުލްކު 15).

ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވި އެވެ. "އެ މީހެއްގެ އަމިއްލަ އަތުން ކުރާ މަސައްކަތުން ލިބޭ އެއްޗަކަށް ވުރެ ހެޔޮ އެއްޗެއް މީހަކު ދުވަހަކުވެސް ނުކާނެ އެވެ. ހަމަކަށަވަރުން، ﷲ ގެ ނަބިއްޔާ ދާއޫދުގެ ފާނަކީ އެކަލޭގެފާނުގެ އަމިއްލަ އަތްޕުޅުން ކުރެއްވި މަސައްކަތުން ކައިބޮއެ އުޅުއްވި ބޭކަލެކެވެ (ބުޚާރީ). އަދި ބުރަކޮށް މަސައްކަތް ކުރުމަކީ ﷲ ގެ ލޯބި އެ މީހަކަށް ލިބޭ ކަމެއް ކަމަށް އެކަލޭގެފާނު ބަޔާން ކުރައްވާފައި ވެ އެވެ. މީގެ އިތުރުން އައްޠަބަރާނީ ރިވާކުރައްވާފައިވާ ހަދީސެއްގައި ވެ އެވެ. "މަސައްކަތް ކޮށް ވަރުބަލިވެގެން ނިދަން އޮށޯންނަ މީހާ ނިދާ ހުށީ ﷲ ގެ އަފޫކުރެއްވުން އެމީހަކަށް ލިބިގެންވާ ގޮތުގައެވެ."

މިއިން އެނގެނީ ހަލާލު ދިރިއުޅުމެއް ހޯދުމަށް ބުރަކޮށް މަސައްކަތް ކުރާ މީހާގެ މަގާމުގެ މަތިވެރި ކަމެވެ.

ކުރާ މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަކީ އިސްލާމީ ރިވެތި ސިފައެއް

މާތް ﷲ ކައުނުގައި ހައްދަވާފައިވާ ހުރިހާ އެއްޗެއް ވެސް ހައްދަވާފައި ވަނީ ވަރަށް ފުރިހަމަ އަށެވެ. (އައްނަމްލު 88). އެހެންކަމުން އިންސާނުން ވެސް އެ މީހުންނަށް ﷲ ދެއްވި ކުޅަދާނަ ކަމެއްގެ މިންވަރުން އެ މީހަކު ކުރާ މަސައްކަތެއް އެންމެ ފުރިހަމަ އަށް ކުރަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި އަހަރެމެންގެ ތެރެއިން މީހަކު މަސައްކަތެއް ކުރާއިރު އެ ކުރާ މަސައްކަތެއް ބަރާބަރަށް ފުރިހަމަ އަށް ކުރުމަކީ ﷲ ގެ ލޯބި އެކަމަށް ލިބިގެންވާ ކަމެކެވެ (އަލްބައިހަޤީ އާއި އައްޠަބަރާނީ). އެހެންކަމުން ﷲ އަށް ކުރާ އަޅުކަންތައް ކުރުމުގަ އާއި ދިރިއުޅުމުގައި ކުރާ ކޮންމެ މަސައްކަތެއްގައި ވެސް މިސިފަ ދަމަހައްޓަން ޖެހޭނެ އެވެ.

މަސައްކަތް ކުރާ މީހުން ސަމާލުވާންވީ ބައެއް ކަންކަން

ދިރިއުޅުމަށް މަސައްކަތް ކުރުމާއި ކުރާ މަސައްކަތް ފުރިހަމަ އަށް ކުރުމަށް އިސްލާމް ދީން ބާރު އަޅާއިރު މަސައްކަތްތެރިން ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުރެ އެވެ. އެންމެ ފުރަތަމަ، ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފެއް ނަމަ އެންމެ ފުރަތަމަ ހަނދާން ބަހައްޓަންވީ ތިމަންނާ އަކީ މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ މީހެއް ކަމެވެ.

މަސައްކަތް ކުރުމާއި ކުރާ މަސައްކަތް ފުރިހަމަ އަށް ކުރުމުގައި، ވިޔަފާރިވެރިޔަކު ނަމަ ސަމާލުކަން ދޭންވީ ކަމަކީ މީހުންގެ ހައްގުތައް އަދާކޮށް މީހުންނަށް ހެޔޮކޮށް ހިތައިގެން ވިޔަފާރި ކުރުމަށެވެ. އެހެނީ މިފަދަ ވިޔަފާރި އަކީ އަޅުކަމެކެވެ.

ކީރިތި ނަބިއްޔާ ﷺ ގެ ހަދީސްފުޅުގައި ވަނީ "ކޮންމެ މީހަކީ ވެސް (ކޮންމެވެސް ކަމެއް) ބަލައި ބަލަހައްޓަން ޖެހޭ މީހެކެވެ. އެ މީހަކު ބަލަހައްޓަން ޖެހޭ ކަމަކާ މެދު މަސްއޫލުވާން ޖެހޭ މީހެކެވެ (ބުޚާރީ އާއި މުސްލިމް). މިގޮތުން މަސައްކަތުގެ ވަގުތަކީ އަމާނަތެކެވެ. އެ ވަގުތުގައި ކުރަން ހަވާލުވެފައިވާ މަސައްކަތަކީ އަމާނަތެކެވެ. ވީމާ ވަގުތު ފަސްކޮށް މީހުންނަށް ޚިދުމަތް ނުދެވޭ ގޮތަށް އެ ވަގުތު ފަސްކޮށްގެން ނުވާނެ އެވެ. ނުވަތަ ހުއްދައެއް ލިބިގެން މެނުވީ އަމިއްލަ ބޭނުމަކަށް އެ ވަގުތު ބޭނުންކޮށްގެން ނުވާނެ އެވެ. އަދި މަސައްކަތް ކުރުމުގައި ފަރުވާ ކުޑަކޮށްގެން ނުވާނެ އެވެ.

އުމަރުގެފާނު ވިދާޅުވެފައި ވެއެވެ. "މާތް ﷲ ތިޔަބައިމީހުންގެ ކިބައިން ތިމަންމެން އިމްތިހާނު ކުރައްވަ އެވެ. އަދި ތިމަންމެންގެ ކިބައިން ތިޔަބައިމީހުން އިމްތިހާނު ކުރައްވަ އެވެ." އެބަހީ ދެބައިމީހުންނަކީ ވެސް މަސްއޫލިއްޔަތު އުފުލަންޖެހޭ ދެބައިމީހުންނެވެ. ކީރިތި ރަސޫލާ ﷺ ދުޢާ ކުރައްވަނީ "ތިމަން ކަލޭގެފާނުގެ އުންމަތުގެ ކަންތައްތަކުގެ ތެރެއިން ކަމެއްގެ މަސްއޫލިއްޔަތު ހަވާލު ކުރެވޭ މީހަކު މީހުންނަށް ފަސޭހަކޮށް އޯގާތެރިކޮށް ކަންކަން ކޮށްދީފި ނަމަ ފަހެ އެ މީހަކަށް އިބަރަސްކަލާނގެ ފަސޭހަކޮށް އޯގާތެރިކޮށްދެއްވާނދޭވެ! އަދި އެ މީހަކު މީހުންނަށް ދަތި އުނދަގޫ ކޮށްފި ނަމަ އިބަރަސްކަލާނގެ އޯގާވަންތަކަން (އެ ދަތިކަން ލިބުނު މީހުންނަށް) ދެއްވާނދޭވެ!" މިފަދައިންނެވެ.

ދެން، ކިޔެވުމަށް މަސައްކަތް ކުރާ ދަރިވަރަކު ނަމަ ސަމާލުކަން ދޭންވީ ކަމަކީ އިލްމު އުނގެނުމަކީ ﷲ އަށް އަޅުވެތިވެ ބިމުގެ ޚަލީފާ ކަމުގެ ދައުރު އަދާކުރުމަށްޓަކައި އަދި އުންމަތުގެ އިއްޒަތާއި ކަރާމަތް ދެމެހެއްޓުމަށްޓަކައި ކުރާ ކަމެއްކަން ދެނެގަތުމެވެ. އެހެންކަމުން ބަރާބަރަށް މިކަން ނުކޮށްފި ނަމަ އެއީ އަމިއްލަ ނަފުސަށް އަދި އުންމަތަށް ދެވޭ ގެއްލުމެއް ކަމުގައި ވެގެންދާނެ އެވެ. އިލްމު އުނގެނުމަކީ ފަރުޟެކެވެ. (އިބްނު މާޖާ).

މިގޮތުން އުންމަތަށްޓަކައި އިލްމު އުނގެނުމަކީ ކިފާޔަތުގެ ފަރުޟެކެވެ. ބައެއް ހާލަތްތަކުގައި އެއީ ޢައިނިއްޔަ ފަރުޟަކަށް ވެސް ވެދާނެ އެވެ. އިލްމެއް ހޯދުމަށްޓަކައި މަގެއް އިހުތިޔާރު ކުރުމަކީ ސުވަރުގެ އަށް ވަނުމަށް އެ މީހަކަށް ﷲ މަގުފަހި ކޮށްދެއްވާނެ ކަމެކެވެ. (މުސްލިމް). ވީއިރު އުނގެނުމުގައި މަކަރު ހަދައި ފަރުވާކުޑަ ކުރުމަކީ މުސްލިމަކަށް އެކަށޭނަ ކަމެއް ނޫނެވެ. ރަސޫލާ ﷺ ހަދީސް ކުރައްވަނީ މަކަރު ހަދާ މީހުންނަކީ އަހަރެމެންގެ ތެރެއިން ވާ ބައެއް ނޫން ކަމަށެވެ. (މުސްލިމް).

މަސައްކަތް ކުރުމާއި ކުރާ މަސައްކަތް ފުރިހަމަ އަށް ކުރުމުގައި، ވިޔަފާރިވެރިޔަކު ނަމަ ސަމާލުކަން ދޭންވީ ކަމަކީ މީހުންގެ ހައްގުތައް އަދާކޮށް މީހުންނަށް ހެޔޮކޮށް ހިތައިގެން ވިޔަފާރި ކުރުމަށެވެ. އެހެނީ މިފަދަ ވިޔަފާރި އަކީ އަޅުކަމެކެވެ.

ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ތެދުވެރި އަމާނާތްތެރި ވިޔަފާރި ވެރިޔަކީ ނަބީންނާއި ސިއްދީގުންނާއި ޝަހީދުންނާ އެކުގައި ވާނެ ބަޔެކެވެ" (އައްތިރުމިޛީ).

އެހެންކަމުން ވިޔަފާރީގައި މަކަރު ހަދައިގެން ނުވާނެ އެވެ. އިހުތިކާރު ކޮށްގެން (މުދާ ފޮރުވާފަ ބަހައްޓައިގެން ފަހުން އަގުބޮޑުކޮށް ވިއްކައިގެން) ނުވާނެ އެވެ. މީހުންގެ ބޭނުންތައް ނާޖާއިޒު ގޮތުގައި ހިފައިގެން ނުވާނެ އެވެ. މިނެކިރުމުގައި ހަމަހަމަވާން ޖެހޭނެ އެވެ. ގަނެވިއްކުމަކީ ﷲ ގެ ވަޖުހުފުޅު އަދައިގެން ކުރާ ކަމަކަށް ހަދަން ޖެހޭނެ އެވެ.

ވީމާ ކޮންމެ މުސްލިމަކު ވެސް އެންމެ ފުރަތަމަ މަސައްކަތް ކުރަން ލޯބި ކުރަންވާނެ އެވެ. ކޮންމެ މަސައްކަތެއް ކުރާ މީހަކު ވެސް އެ މީހަކު ކުރާ މަސައްކަތް ވީ އެންމެ ފުރިހަމަކޮށް ބަރާބަރަށް ކުރަންވާނެ އެވެ. މަސައްކަތުގައި އިހުލާސްތެރިވެ އަމާނާތްތެރިވާން ޖެހޭނެ އެވެ. އަހަރެމެންގެ އަމަލުތައް ﷲ ބައްލަވާ ވޮޑިގެންވެ އެވެ. އެހެންކަމުން އެކަލާނގެ ރުހިވޮޑިގަތުމާއި ލޯބި ހޯދަން އަބަދުވެސް ވިސްނަންވާނެ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިގައުމުގެ ހާލަތަކީ.

09 May 2025

އޮފީހަށްގޮސް ސޮއިކޮށްލާފަ ހަތަރުބުރަށް ކޮފީއަށްގޮއްސަ ބްރޭކްނަގާފަ ގަޑިއެއްގެއިރު މަސައްކަތްކޮށްލާފަ ގެއަށް. މިހެންހުންނަ ލިޔުމެއް ނުކިޔާނެ. މިވާހަކަތައް ފޯރުކޮށްދިނުމަށް އޮފީސްތަކުގައި ދަރުސްތައް ބާއްވަންޖެހޭ. މަސައްކަތުގެ މާހައުލަށް ނުކުތުމުގެކުރިން ސްކޫލުތަކުގައި ކިޔައިދޭންޖެހޭ. ޝުކުރިއްޔާ ދަކްތޫރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454