މަސައްކަތުގެ އަޚްލާޤަށް ތަބާވުމުގެ މުހިންމުކަން

ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމުގެ މުހިންމުކަމާއި އޭގެ މާތްކަމާއި އެކަމުގައި ތަބާވާން ޖެހޭ އުސޫލުތަކާއި ހިފަހައްޓަން ޖެހޭ ރިވެތި އަޚްލާޤީ ސިފަތަކަށް އިސްލާމް ދީން ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ވެއެވެ. މިގޮތުން މަސައްކަތުގެ މާތްކަމާއި، މަސައްކަތް ދަސްކުރުމާއި އަދި މަސައްކަތް ކުރުމުގެ މުހިންމު ކަމަށް ކުރީގެ ދެ ލިޔުމެއްގައި ވާނީ އަލިއަޅުވާ ލެވިފަ އެވެ. މި ލިޔުމުގައި މި ބަލާލަނީ މަސައްކަތުގެ އަޚްލާޤަށެވެ.


އިސްލާމީ ނަޒަރުން ބަލާއިރު އަދި އިންސާނީ އާންމު ނަޒަރުން ބަލާއިރު ވެސް މަސައްކަތަކީ އޭގައި ތަބާވާން ޖެހޭ އަޚްލާޤީ ވަކި ސިފަތަކެއް ހުންނަން ޖެހޭ ކަމެކެވެ. މަސައްކަތުގައި އަޚްލާޤީ މިންގަނޑުތަކެއް ނެތް ނަމަ ފަރުވާ ކުޑަ ކުރުމާއި އަޅާނުލުމާއި މަކަރާއި ހީލަތް ހެދުން ފަދަ ކަންކަން މަސައްކަތުގެ ތެރެއަށް ވަންނާނެ އެވެ. ނަތީޖާއެއްގެ ގޮތުން މާއްދީ ގެއްލުންތައް ލިބި އިޤުތިޞާދަށް ލޮޅުން އަރައިދާނެ އެވެ.

އިސްލާމް ދީނުގައި ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް އަޚްލާޤީ މިންގަނޑުތަކެއް ކަނޑައަޅާފައިވާ ހިނދު މި މިންގަނޑުތައް މަސައްކަތުގެ ދާއިރާގައި ވެސް ދެމެހެއްޓުމަކީ އިސްވެ ބަޔާންކުރެވުނު ފަދަ ގެއްލުންތަކުން ސަލާމަތް ވުމުގެ މަގެވެ.

މިގޮތުން މަސައްކަތުގެ އަޚްލާޤުގައި ހިމެނޭ އެންމެ ފުރަތަމަ ކަމަކީ، އިޚްލާޞްތެރި ކަމެވެ. ލަފުޒީ ގޮތުން ބަލާއިރު އިޚްލާޞްގެ މާނައަކީ ސާފުކަމާއި ތާހިރުކަމާއި ޚާލިޞްވުމަށްޓަކައި އެހެން ކަންކަމުން ސަލާމަތް ވެގެން ވުމެވެ. ރަން ފަދަ މައުދަނެއް ވެސް ޚާލިޞް އެއްޗެކޭ ބުނަނީ އެހެން އެއްޗަކާ އެކުވުމުން ސަލާމަތްވެ ހަމައެކަނި އެ މައުދަނަކުން އެކުލެވޭ އެއްޗަކަށް ވުމުންނެވެ.

މިގޮތުން މަސައްކަތުގައި އިޚުލާޞްތެރިވުމަކީ އެމަސައްކަތަކުން ހާސިލު ކުރަން ޖެހޭ މަގުސަދުތައް އޭގެ ޒާތުގައި ހާސިލު ކުރެވިގެން ދިއުމާއި އެ އާ ގުޅުންނެތް އެހެން މަގުސަދުތަކެއް ނުވަތަ ކަންތައްތަކެއް އެކަމުގެ ތެރެއަށް ވަދެފައި ނުވުމެވެ.

މީސްތަކުންގެ ދީނީ ކަންކަމާއި ދުނިޔަވީ ކަންކަމުގައި އިޚުލާޞްތެރިކަން އާންމު ވެއްޖެ ނަމަ އެބައެއްގެ ތެރޭގައި ހެޔޮކަން އާންމު ވެގެން ދާނެ އެވެ. ބާތިލު ގޮތްތައް ނެތިގެން ދާނެ އެވެ. އުފާވެރިކަމާއި ބާއްޖަވެރިކަން ހާސިލުވާނެ އެވެ. އެހެންކަމުން މި ސިފަ މަސައްކަތުގެ ދާއިރާގައި ވަރަށް މުހިންމެވެ. އެހެނީ އޭގެ ސަބަބުން މަސައްކަތުގެ ފެންވަރު މަތިވެ އުފެއްދުންތެރިކަން އިތުރުވެ އިގުތިސާދު ރަނގަޅުވެގެން ދާތީ އެވެ. އެއާ ޚިލާފަށް އިޚުލާޞްތެރިކަން ނެތިއްޖެ ނަމަ އިހުމާލު ވުމާއި އުފެއްދުންތެރިކަމުގެ ފެންވަރު ދަށްވުމާއި އަމަލުތައް ފާސިދުވުމާއި ވެރިންނާއި މަސައްކަތްތެރިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވެ ބައިބައިވުން ފަދަ ކަންކަން އުފެދިގެންދާނެ އެވެ.

އާންމުކޮށް ހުރިހާ ކަމެއްގަޔާއި ޚާއްޞަކޮށް އަޅުކަމުގައި އިޚްލާޞްތެރިކަމުގެ މާތްކަން ބަޔާންކުރާ ވަރަށް ގިނަ އާޔަތްތަކާއި ހަދީސްތައް ވެއެވެ. އެ މާތްކަން މަސައްކަތުގައި އިޚުލާޞްތެރިވުމުގައި ވެސް ހިމެނޭނެ އެވެ.

މިކަން އިތުރަށް ކަށަވަރު ވަނީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެ ބަސްފުޅުންނެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ "އެންމެ ހެޔޮ އާމްދަނީ އަކީ މަސައްކަތްތެރިޔާ އެ މަސައްކަތެއް ފުރިހަމަ ކުރުމުގައި ގަދައަޅައި އިޚްލާސްތެރިވާ ހާލުގައި އޭނާގެ އަތުން މަސައްކަތް ކޮށްގެން ހޯދި އާމްދަނީ އެކެވެ." (އަޙުމަދު)

މަސައްކަތުގެ އަޚްލާޤުގައި ހިމެނޭ ދެވަނަ މުހިންމު ކަމަކީ އަމާނާތްތެރި ވުމެވެ. އަމާނާތަކީ ޚިޔާނަތުގެ އިދިކޮޅެވެ. އަމާނާތްތެރި އަކީ އެމީހެއްގެ އަމާނާތްތެރި ކަމުގެ ދަށުގައިވާ އެއްޗަކަށް ނުވަތަ ކަމަކަށް ރައްކާތެރިވެ އެ އަދާކުރަންވާ ގޮތަށް އަދާކުރާ ނުވަތަ އެކަމެއް ކުރަންވާ ގޮތަށް ކުރާ މީހާ އެވެ. އަމާނާތްތެރި ކަން ވަރަށް ގިނަ ކަންކަމާ ގުޅިފައި ވެއެވެ.

އަޅުކަމުގައި އަމާނާތްތެރިވުމާއި އެއްޗެއް ބެލެހެއްޓުމުގައި އަމާނާތްތެރިވުމާއި ސިއްރު ދެމެހެއްޓުމުގައި އަމާނަތްތެރިވުމާއި މަސައްކަތުގައި އަމާނާތްތެރިވުން ފަދަ ކަންކަން ހިމެނެ އެވެ. ޖުމްލަ ގޮތެއްގައި ބުނާ ނަމަ އިންސާނާ އެކަންކަމަށް ރިޢާޔަތް ކުރުމަށް ﷲ އަންގަވާފައިވާ އަމަލުތަކާއި އަދާކޮށްދޭން ޖެހޭ ހައްގުތަކާއި އިންސާނާ އަށް ﷲ ދެއްވާފައިވާ އެންމެހާ ބާރުތަކާއި ވަސީލަތްތަކުގައި އަމާނާތްތެރިވުން ހިމެނެ އެވެ.

އަމާނާތް އަދާ ކުރުމަކީ ޝަރުޢީ ވާޖިބެކެވެ. އެހެންކަމުން އަމާނާތަށް ރައްކާތެރިވުމާއި މީހަކު ތިމާއަށް ޚިޔާނަތްތެރި ވިޔަސް އެމީހަކަށް ޚިޔާނާތްތެރި ނުވުން މުސްލިމުންގެ މައްޗަށް ލާޒިމުވާނެ އެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙަދީސް ކުރައްވަނީ "ތިބާއަށް އަމާނާތެއް ހަވާލު ކޮށްފި މީހަކަށް އެމީހެއްގެ އަމާނާތް އަދާކޮށްދޭށެވެ! އަދި ތިބާ އަށް މީހަކު ޚިޔާނާތްތެރި ވިޔަސް ތިބާ އެމީހަކަށް ޚިޔާނާތްތެރި ނުވާށެވެ!" (އަބޫދާއޫދާއި ތިރުމިޛީ އާއި އަޙުމަދު)

މީގެ އިތުރުން، އެމީހެއްގެ ބެލުމުގެ ދަށުގައިވާ ކޮންމެ ކަމަކާ މެދު އެމީހަކު މަސްއޫލުވާން ޖެހޭނެ ކަމަށް އޮންނަ ހަދީސުން ވެސް އަމާނާތްތެރި ވާން ޖެހޭކަން ކަށަވަރު ވެއެވެ. އެހެނީ އަމާނާތްތެރިކަން ނެތި މަސްއޫލިއްޔަތު ފުރިހަމަ އަށް ނުއުފުލޭނެތީ އެވެ.

މަސައްކަތުގެ ދާއިރާގައި އަމާނާތްތެރި ނުވެ ޚިޔާނާތްތެރި ވުމަކީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. އޭގެ ތެރޭގައި މަކަރު ހެދުމާއި އޮޅުވައިލުމާއި އުފެއްދުންތެރިކަން މަދުވުމާއި މަސައްކަތުގެ ފެންވަރު ދަށްވުމާއި ވިޔަފާރިތައް ހީނަރުވުމާއި މީސްތަކުންގެ މެދުގައި އިތުބާރު ގެއްލިގެން ދިއުން ފަދަ ކަންކަން ހިމެނެއެވެ. ވީމާ މިފަދަ ކަންކަމުން މަސައްކަތުގެ ދާއިރާ ސަލާމަތް ކުރުމަށްޓަކައި މަސައްކަތުގައި އަމާނާތްތެރިވާން ޖެހެއެވެ.

މަސައްކަތުގެ އަޚްލާޤުގައި ހިމެނޭ ތިންވަނަ މުހިންމު ކަމަކީ ހަލާލު ގޮތުގައި އާމްދަނީ ހޯދުމެވެ. ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް އާމްދަނީ ހޯދުމަށް ކިތަންމެ ވަރަކަށް އިސްލާމް ދީން ބާރު އެޅިޔަސް ހަލާލު ނޫން ގޮތެއްގައި އެއްޗެއް ހޯދުމަށް އިސްލާމް ދީން އިންކާރު ކުރެ އެވެ. އެހެންވެ ހަރާމް މަސައްކަތްތައް ބަޔާން ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ބަނގުރަލާއި މަސްތުވާ އެހެނިހެން ތަކެތި އުފެއްދުމާއި އެތަކެތީގެ ވިޔަފާރި ކުރުމާއި ރިބާ އެކުލެވޭ މުއާމަލާތު ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

ހަމަ އެފަދައިން މަސައްކަތް އޭގެ ޒާތުގައި ހުއްދަ ވިޔަސް ހަރާމް ކަންކަން އޭގައި ހިމެނިގެން އާމްދަނީ ހޯދުން އިސްލާމް ދީން މަނާ ކުރެ އެވެ. މިގޮތުން މަކަރު ހެދުމާއި އޮޅުވާލުމާއި ދޮގު ހުވާ ކުރުން ފަދަ ކަންކަން ކޮށްގެން ހޯދާ އާމްދަނީ އަކީ ހަރާމް އެއްޗެކެވެ. މީސްތަކުން މުދާވެރިކަން ހޯދުމުގައި ތިމާ އަށް އެ ލިބިގެން އަންނަނީ ކޮން ގޮތަކުން ކަމާ މެދު އަޅާނުލާނެ ޒަމާނެއް އަންނާނެ ކަމާއި މިގޮތުން އެ ހަލާލުތޯ ނުވަތަ ހަރާމްތޯ ވެސް ނުބަލާނެ ކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަނީ ބަޔާން ކުރައްވާފަ އެވެ. (ބުޚާރީ)

އެކަލޭގެފާނުގެ ނުބުއްވަތުގެ ހެއްކެއް ކަމުގައިވާ މި އިންޒާރު ގެ ފިތުނަވެރިކަން މިހާރު ވަނީ މުސްލިމުންގެ ތެރޭގައި ފެތުރި އާންމުވެފަ އެވެ. އެހެންކަމުން މި ފިތުނައިގައި ޖެހިފައިވާ މީހުން އެއިން ސަލާމަތްވާން ޖެހެއެވެ. އަދި ދެންތިބި މީހުން އެ ފިތުނައިގައި ނުޖެހި ވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. މިގޮތުން ހުއްދަ މަސައްކަތްތައް ނޫނީ ނުކުރުމަށާއި ކުރާ މަސައްކަތުގައި ހުއްދަ ނޫން ކަންކަން ނުހިމެނުމަށް ސަމާލުވާން ޖެހެއެވެ.

ދިރިއުޅުމަށް ކޮންމެ މަސައްކަތެއް ކުރިއަސް އެ މަސައްކަތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚުލާޞްތެރިކަން ހިމަނަން ސަމާލުވާން ޖެހެއެވެ. ޤިޔާމަތް ދުވަހުން އެމީހެއްގެ ފައިތިލަ ހުރި ހިސާބުން އަތަކަށް ވެސް ޖެހިނުލެވެނީސް ނުކޮށް ދޫކޮށް ނުލެވޭނެ ހަތަރު ސުވާލުގެ ތެރޭގައި ހިމެނޭ އެއް ސުވާލަކީ އެމީހަކު މުދާ ހޯދި ގޮތަކާއި އެއިން ހޭދަ ކުރި ގޮތަކާ ބެހޭ ގޮތުން ކުރެވޭ ސުވާލެވެ. (އައްތިރުމިޛީ)

މި އިޝާރާތް ކުރެވުނީ މަސައްކަތުގެ އަޚްލާޤުގެ ތެރޭގައި ހިމެނެން ޖެހޭ މައިގަނޑު ސިފަތަކުގެ ތެރެއިން އެންމެ މުހިންމު ތިން ސިފަ އަށެވެ. މިނޫން އެހެން ސިފަތައް ވެސް މަސައްކަތުގެ އަޚްލާޤުގައި ހިމެނެ އެވެ. އަދި މި ތިން ކަންތަކާ ގުޅިފައިވާ އަޚްލާޤީ އެތައް ކަމެއް ވެސް ވެއެވެ. އިސްވެ ދިޔަ ވާހަކަތަކުން މިކަން އިތުރަށް ހާމަވެ އެވެ. ވީމާ މި އަޚްލާޤީ ސިފަތަކަށް ކޮންމެ މުސްލިމު މަސައްކަތްތެރިޔަކު ވެސް ފަރުވާތެރިވާން ޖެހޭނެ އެވެ. އެއީ މި އަޚްލާޤަށް ތަބާނުވުމުން އެމީހެއްގެ އަމިއްލަ ނަފްސަށާއި ދެން ތިބި އެހެން މީހުންނަށް ލިބޭނެ ގެއްލުންތަކުން ސަލާމަތް ވުމަށްޓަކައެވެ.