މި މަހުގެ އަށް ވަނަ ދުވަހު އަމަލުކުރަން ފެށި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ހަތަރު ވަނަ އިސްލާހުން އުފަން ކުރުވި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭނެ އަދި ހުށަހެޅޭ ޕެޓިޝަންތައް ބަލައިގަނެ، އެ ޕެޓިޝަންތަކަށް އިޖާބީ ގޮތެއްގައި ޖަވާބުދާރީވާނެ ޒަމާނީ ނިޒާމެއް ތައާރަފުކޮށް، އަމަލުކުރަން ފެށުމެވެ.

މިއީ ބައިނަލްއަގުވާމީ ފަންނީ އެހީތެރިކަމާއި ގިނަ ބައެއްގެ ބައިވެރިވުމާއި ހިޔާލާ އެކު ރައްޔިތުންގެ މަޖިލިހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން 2023 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތުގެ ހެޔޮ ނަތީޖާ އެވެ. 

ޕެޓިޝަނަކީ، ސިޔާސަތަކާ ގުޅޭގޮތުން ބަދަލުކުރަން ބޭނުންވާ ކަމެއް ނުވަތަ ޖުމުލަ ގޮތެއްގައި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކޮށް، ގޮތެއް ނިންމުމުގެ މަގުސަދުގައި އެކުލަވާލައި، އެކަކަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ލިޔުމެކެވެ.

ޕެޓިޝަން ހުށަހެޅުމުގެ ނިޒާމަކީ ރައްޔިތުންގެ މަޖިލީހަށް އައު މަރުހަލާއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ޕެޓިޝަނެއް ހުށަހަޅާފައިވަނީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން، އެކި ގޮތްގޮތަށް އެކި މައުލޫއުތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅާފައިވެ އެވެ. 

މިއަދާ ހަމައަށް މި ނިޒާމު މަސައްކަތް ކުރަމުން އައިސްފައިވާ ގޮތަކީ، ޕެޓިޝަނެއްގައި ރައްޔިތުން ސޮއިކޮށް، މަޖިލީހުގެ މެންބަރެއްގެ ސްޕޮންސާއާ އެކު، މަޖިލީހުގެ އިދާރާ އަށް ހުށަހެޅުމުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އެ ޕެޓިޝަނެއް ދިރާސާކޮށް އެކަމާ މެދު ގޮތެއް ކަނޑައެޅުމެވެ.

މި ނިޒާމުގެ ދަށުން ހުށަހަޅާފައިވާ ޕެޓިޝަނެއްގައި އެންމެ ރައްޔިތަކު ސޮއިކޮށްފައިވީ ނަމަވެސް ނުވަތަ ކިތަންމެ ގިނަ ބަޔަކު ސޮއިކޮށްފައިވީ ނަމަވެސް ޕެޓިޝަންގައި ސޮއިކޮށްފައިވާ މީހުންގެ އަދަދަށް ނުވަތަ ޕެޓިޝަންގައި ހުށަހަޅާފައިވާ މައްސަލައިގެ ހައްސާސީ ކަމަށް ރިއާޔަތްކޮށް، ވަކި ޕެޓިޝަނަކަށް އިސްކަންދޭ އުސޫލަކުންނެއް ނޫނެވެ. އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ބޭނުންވާ ނަމަ މަޖިލީހުގެ މެންބަރަކު އެ ޕެޓިޝަން ސްޕޮންސާ ކުރަން ޖެހެ އެވެ. މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތައް ބަލައި ދިރާސާ ކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށެވެ.

އީޕެޓިޝަން ހުށަހެޅުމުގައި ދުނިޔޭގެ ތަޖުރިބާ

ދުނިޔޭގެ ކުރިއަރާފައިވާ ދިމިގްރާތީ ގައުމުތަކުގައި ގާއިމްކޮށްފައިވާ ޕެޓިޝަން ހުށަހެޅުމުގެ ނިޒާމުތަކަކީ އެ ގައުމުތަކުގެ ރައްޔިތުންނާއި ގާނޫނު ހަދާ މަޖިލީހާ ގުޅުވައިދޭ އެއް ވަސީލަތެވެ. އެ އިރެއްގައި ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލައަކާ ނުވަތަ ބަދަލުކުރަން ބޭނުންވާ ސިޔާސަތަކާ ގުޅޭގޮތުން ގާނޫނު ހަދާ މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަކީ ސިޔާސަތު އެކުލަވާލައި ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކޮށްދޭ އެއްގޮތެވެ. 

އެގޮތުން އިންތިހާބުތަކުގައި ވޯޓުލެވޭ އުމުރު 21 އަހަރުން 18 އަހަރަށް ދަށްކުރުމަށް މެލޭޝިއާގެ ޒުވާނުންތަކެއް އިސްނަގައިގެން ކޮށްފައިވާ މަސައްކަތާއި 2019 ވަނަ އަހަރު އޮސްޓްރޭލިޔާގައި ހުށަހެޅި އެންމެ ބޮޑު އެއް ޕެޓިޝަން ކަމަށްވާ، މޫސުމީ ކުއްލި ހާލަތު އިއުލާނު ކުރުމާ ގުޅޭގޮތުން ހުށަހެޅި ޕެޓިޝަންގެ ސަބަބުން، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ރައްޔިތުންނަށް އިތުރަށް އޮޅުންފިލުވައިދީ، އެ ސިޔާސަތަށް ބަދަލުތަކެއް ގެނެސްފައި ވެ އެވެ.

އަދި 2017 ވަނަ އަހަރު އިންޑިއާގައި ހުށަހެޅި ޕެޓިޝަނެއްގެ ދިރާސާއަށް ފަހު، ކެންސަރުގެ ފަރުވާ އާންމުންނަށް އަތްފޯރާ ފަދަ އަގަކަށް ތިރިކުރުމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފިޔަވަޅުތަކެއް އަޅަން ނިންމި އެވެ.

އެ ނިޒާމުގެ ތެރެއިން ޕެޓިޝަން އެކުލަވާލުމާއި ޕެޓިޝަނަށް ބޭނުންވާ ސޮއި ހޯދުމަށް އަދި ޕެޓިޝަން ހުށަހެޅުމާއި ޕެޓިޝަނެއް މަޖިލީހަށް ބަލައިގަތުމަށް ފަހު، ޖަވާބަކާ ހަމައަށް ނުވަތަ އެ ޕެޓިޝަންގައި ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށް، ނިމުމާ ހަމައަށް ހިނގާ ހުރިހާ މަރުހަލާތަކެއް އޮންލައިން ނިޒާމެއްގެ ތެރެއިން ތަންޒީމު ކުރުމުގެ ލުއިފަސޭހަ އާންމުންނަށް ލިބޭނެ އެވެ.

ސިކުނޑީގެ ޓިއުމަރުތަކަށް ދެވިދާނެ ފަރުވާ ހޯދުމަށް ކުރާ ދިރާސާތަކަށް ސަރުކާރުން ކުރާ ހޭދަ ބޮޑުކުރަން 2016 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ނިންމި ނިންމުން ފަދަ ސިޔާސަތުތަކަކީ ގާނޫނު ހަދާ މަޖިލިސްތަކަށް ރައްޔިތުން ހުށަހަޅާފައިވާ ޕެޓިޝަންތަކަށް ރިއާޔަތްކޮށް އެ ގައުމުތަކުގައި އެކުލަވާލައި، ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކެވެ.  

އިސްވެ ދެންނެވި ގައުމުތަކުގެ ތެރެއިން މެލޭޝިއާ އާއި އިންޑިއާ ފަދަ ގައުމުތަކުގައި ގާއިމް ކޮށްފައިވާ ޕެޓިޝަން ހުށަހެޅުމުގެ ނިޒާމުތަކަކީ، މިހާރު ދިވެހިރާއްޖެ އަށް އަލަށް ތައާރަފު ކޮށްފައިވާ ޕެޓިޝަން ހުށަހެޅުމުގެ ނިޒާމު ފަދައިން އިލެކްޓްރޯނިކް ޕެޓިޝަން ހުށަހެޅޭ ނިޒާމުތަކެއް ނޫނެވެ. ޕެޓިޝަން ހުށަހެޅުމުގެ ނިޒާމާއި ސިޔާސަތު އެކުލަވާލައި ހިންގުމުގެ ތަރުތީބު އެ ދެ ގައުމުގައި ވެސް އެތުރިފައިވާ ގޮތުން، ރައްޔިތުން ހުށަހަޅާ ޕެޓިޝަންތަކުގެ ނަތީޖާ ސިޔާސަތުތަކުން ފެންނަން އެ ގައުމުތަކުގައި އަހަރުތަކެއް ހޭދަކުރަން ޖެހެ އެވެ. 

ރާއްޖެ އަށް އީޕެޓިޝަން ތައާރަފުކުރީ ކީއްވެ؟

ސިޔާސަތު ކަނޑައެޅުމުގައި ރައްޔިތުން ފުރިހަމަ އަށް ބައިވެރިވުމުގައި ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ރައްޔިތުން ގިނަ ހުރަސްތަކެއް ގިރާކުރަންޖެހެ އެވެ. ރާއްޖޭގެ ޕެޓިޝަން ހުށަހެޅުމުގެ ނިޒާމު އިލެކްޓްރޯނިކް އަދި އެންމެންނަށް ފަސޭހައިން ބޭނުންކުރެވޭ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީއާ ގުޅިގެން މަސައްކަތް ފަށާފައި ވަނީ، ދިމިގްރާތީ ނިޒާމު ހަރުދަނާވަމުން އަންނަ ދިވެހިރާއްޖެ ފަދަ ޤައުމެއްގެ ރައްޔިތުންނަށް، އަދި ވަކިން ހާއްސަކޮށް، ޒުވާނުންނަށް ސިޔާސަތު ކަނޑައެޅުމުގެ މަރުހަލާތަކުގައި ބައިވެރިވުން ފަސޭހަކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ ނިޔަތުގަ އެވެ. 

އެގޮތުން މި ފަހުން އަމަލުކުރަން ފެށި އިލެކްޓްރޯނިކް ޕެޓިޝަންގެ ނިޒާމުގެ ސަބަބުން ދިވެހިރާއްޖޭގައި ނުވަތަ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ އިންތިޒާމު ދިވެހީންނަށް ހަމަޖެހުނީ އެވެ. އެ ނިޒާމުގެ ތެރެއިން ޕެޓިޝަން އެކުލަވާލުމާއި ޕެޓިޝަނަށް ބޭނުންވާ ސޮއި ހޯދުމަށް އަދި ޕެޓިޝަން ހުށަހެޅުމާއި ޕެޓިޝަނެއް މަޖިލީހަށް ބަލައިގަތުމަށް ފަހު، ޖަވާބަކާ ހަމައަށް ނުވަތަ އެ ޕެޓިޝަންގައި ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށް، ނިމުމާ ހަމައަށް ހިނގާ ހުރިހާ މަރުހަލާތަކެއް އޮންލައިން ނިޒާމެއްގެ ތެރެއިން ތަންޒީމު ކުރުމުގެ ލުއިފަސޭހަ އާންމުންނަށް ލިބޭނެ އެވެ. އެ ނިޒާމު ތައާރަފު ވީ ނަމަވެސް ކުރިއެކޭ އެއްފަދައިން ރައްޔިތުންގެ މަޖިލީހުން ކަރުދާސް ޕެޓިޝަން ބަލައިގަންނަމުންދާނެ އެވެ. އަދި ޕެޓިޝަން ހުށަހެޅުމުގައި އިތުރު އެހީތެރިކަން ބޭނުންވާ މީހުންނަށް އެފަދަ އެހީތެރިކަން މަޖިލީހުގެ އިދާރާއިން ފޯރުކޮށްދެމުން ގެންދާނެ އެވެ. 

އިލެކްޓްރޯނިކް ޕެޓިޝަން ތައާރަފު ކުރެވުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނެވޭ ހަތަރު ވަނަ އިސްލާހުގެ ދަށުން މަޖިލީހަށް ހުށަހެޅޭ ޕެޓިޝަންތަކާ މެދު އަމަލުކުރާނެ ގޮތް މުރާޖައާކޮށް، އާ މަރުހަލާތަކެއް ގަވާއިދަށް އިތުރުކޮށްފައިވެ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ ބާބުގައިވާ ގޮތުން، އިލެކްޓްރޯނިކް ޕެޓިޝަނެއްގައި ހުންނަން ޖެހޭ ޝަރުޠުތައް ފުރިހަމަވެ ޕޯޓަލްގައި ޕެޓިޝަން ޝާއިއު ކުރާތާ ހަ ހަފުތާގެ ތެރޭގައި އަންނަނިވި ކަންކަން ހިނގަން ވާނެ އެވެ.

  1. ޖުމުލަ 500 މީހުންގެ ސޮއި ހަމަވެ، ޕެޓިޝަންގައި ބަޔާންކުރާ މައްސަލައިގައި މަސްލަހަތު ފުށުއެރުމެއް ނެތް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ޕެޓިޝަން ސްޕޮންސާ ކޮށްފައިވާ ނަމަ ޕެޓިޝަން ކޮމިޓީން އެ ޕެޓިޝަން ދިރާސާކުރަން ފެށުން.
  2. ދިވެހިންގެ އާބާދީގެ 0.2 ޕަސެންޓު މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފި ނަމަ އެ ޕެޓިޝަނަކީ އާންމު ޕެޓިޝަނެއް ކަމުގައި ބަލައިގަނެ، މަޖިލީހުގެ ޕެޓިޝަން ކޮމިޓީންއެ ޕެޓިޝަން ދިރާސާކޮށް، ޕެޓިޝަންގައި ބަޔާންކޮށްފައިވާ މައްސަލަ ބަލައި، އެ ޕެޓިޝަނަކަށް ޖަވާބުދާރީވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާ އަށް ފޮނުވައި، އެ އިދާރާއަކުން ލިބޭ ޖަވާބު ޕެޓިޝަން ހުށަހެޅި ފަރާތަށާއި އާންމުންނަށް ފެންނާނެހެން ޝާއިއުކުރުން.
  3. ދިވެހިންގެ އާބާދީގެ 0.5 ޕަސެންޓު މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފި ނަމަ އެއީ ހާއްސަ ޕެޓިޝަނެއް ކަމަށް ބަލައިގަނެ، އެ ޕެޓިޝަނާ ގުޅޭގޮތުން މަޖިލީހުގެ ޖަލްސާއެއްގައި ބަހުސް ކުރުމަށް ތާވަލުކޮށް، އެ ޕެޓިޝަނަކަށް ޖަވާބުދާރީވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާ އަށް ފޮނުވައި، އެ އިދާރާއަކުން ދޭ ޖަވާބު ޕެޓިޝަން ހުށަހެޅި ފަރާތަށާއި އާންމުންނަށް ފެންނާނެހެން ޝާއިއުކުރުން.

މީގެ އިތުރުން، މި ނިޒާމުގެ ތެރެއިން މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތަކުގެ ތެރެއިން ދައުލަތުގެ އެކި އިދާރާތަކަށް ފޮނުވާ ޕެޓިޝަންތަކަށް ޖަވާބު ދިނުމުގެ މުހުލަތު ކަނޑައަޅައި، އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ޕެޓިޝަން ހުށަހެޅުމުގައި ފަސޭހަ އިންތިޒާމުތަކެއް މަޖިލީހުގެ އިދާރާ އިން ހަމަޖައްސައި ދޭން ޖެހެ އެވެ.

ހުށަހަޅާ ޕެޓިޝަންތައް ކުރިއަށް ގޮސްފައިވާ މިންވަރު އާންމުކޮށް ފެންނާނެހެން ޝާއިއުކުރަމުން ގެންދެވޭނެ ކަމާއި ޕެޓިޝަންތަކުގައި ކުރާ ސޮއިގެ ސައްހަކަން ކަށަވަރު ކުރެވޭނެ މަރުހަލާތައް ފަދަ ދިމިގްރާތީ ނިޒާމެއްގައި ހުންނަންޖެހޭ ހެޔޮ ހިންގުމުގެ އަސާސްތަކާ އެއްކީލި ގިނަ ކަންތައްތަކަކަށް އަމަލުކުރެވެން ފެށޭނެ ކަން ވެސް ފާހަގަކޮށްލެވެ އެވެ. 

މި ނިޒާމުގެ ސަބަބުން ސިޔާސަތު އެކުލަވާލުމާއި ސިޔާސަތު ބައްޓަން ކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ކަށަވަރުކޮށްދޭ އިތުރު މަންސައެއް ހާއިމުކުރެވުނީ އެވެ. އަދި ހަމައެއާ އެކު މިއީ، ކުރިން ބޭނުންކުރަމުން އައި ޕެޓިޝަން ނިޒާމުގައި ހުރި ހުރަސްތައް ރަނގަޅުކޮށް، ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭނެ، ހުޅުވާލެވިފައިވާ ރައްޔިތުންގެ މަޖިލީހަކަށް ހެދުމުގެ ތަސައްވުރު ހާސިލް ކުރުމަށް ނުހަނު މުހިންމު ވަސީލަތެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މި ގެނައި އިސްލާހަކީ ދެމެހެއްޓެނިވި އަދި ހެޔޮ ހިންގުމުގެ އަސާސްތައް ކަމުގައިވާ މާހަރަކަމާއި ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި އަވަހަށް ރައްޔިތުންނަށް އިޖާބަދޭ ދައުލަތުގެ ބާރެއް ކަމުގައި ރައްޔިތުންގެ މަޖިލިސް ހެދުމަށް އަޅާ ރަނގަޅު ފިޔަވަޅެކެވެ.

މި ނިޒާމު މިއަދު އާންމުކޮށް ހުޅުވާލާއިރު، މި ނިޒާމާބެހޭ މައުލޫމާތު ފޯރުކޮށްދީ، މުޖުތަމައުގައި ހިމެނޭ އެކި ފަރާތްތައް މި ނިޒާމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ޔޫއެންޑީޕީން ކުރިއަށް ގެންދާނެ އެވެ. 

އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް epetition.majlis.gov.mv

 

އެޑިޓަރުގެ ނޯޓު: 

ޔާސްމީން އަކީ ޔޫއެންޑީޕީ ރާއްޖޭ އޮފީހުގައި ހިމެނޭ ޑިމޮކްރެޓިކް ގަވަނަންސް ޔުނިޓްގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެވެ. ޔުނިވަސިޓީ އޮފް ސިޑްނީން ޕޮލިސީ ސައިންސްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ނަންގަވާފައިވާ ޔާސްމީން ވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. 

ޝަބާނާ ރަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިޓީސް އެންޑް ރިސާޗް ސެކްޝަންގެ ޑިރެކްޓަ ޖެނެރަލެވެ. ޝަބާނާ މަތީ ތައުލީމު ހާސިލު ކުރެއްވީ މާލީ ދާއިރާއިންނާއި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީ އަދި ޔުނިވާސިޓީ އޮފް ބަލަރަތުންނެވެ.