އަހަރެމެންގެ ކާބަފައިން އެތައް ހާސް އަހަރެއް ވަންދެން ދިރިއުޅެމުން އައިމި ރީތިނޫކުލައިގެ ޖަޒީރާތަކަށް ނަޒަރު ހިންގާލުމުން، ހިތަށް އިހުސާސް ކުރެވެނީ ވަރަށް ފުންއަސަރެކެވެ. އަހަރެމެން މިދަނީ ޒަމާނީ އުމްރާނީ ތަރައްގީ އެތަކެއް ބިނާއެއް ބިނާކުރަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކާ ގުޅި، ދިމިގްރާޠީ ޖުމްހޫރިއްޔާއަކަށް ބަދަލުވެފަ އެވެ. އެވެ. ނަމަވެސް، މި ތަރައްގީގެ ބޭރުފުށުގެ ފަށަލައިގެ އަޑީގައި، ވަރަށް ހިމޭންގިރުމެއް ދަނީ ހިނގަމުންނެވެ. މިއީ ހަމައެކަނި އަހަރެމެންގެ ގޮނޑުދޮށްތައް ގިރުމެއް ނޫނެވެ. މިއީ އެއްބައެއްގެ ގޮތުގައި އަހަރެމެން ބަނދެދީފައި އޮތް މަދަނީ އަހުލާގާއި ސިފަތައް ގިރުމެވެ.
އަހަރެމެންގެ ސައިހޮޓާތަކުގެ މާލަންތަކާއި މީސްމީޑިއާގެ މައިދާންތަކުގައި މިއަދު އެންމެ ބޮޑަށް ދެއްކެވެނީ ސިޔާސީ ލީޑަރުން ޒިންމާދާރު ކުރުވުމުގެ ވާހަކަ އެވެ. ދައުލަތުގެ ދެފުށް ފެންނަ މިންވަރު އިތުރު ކުރުމަށް ވަކާލާތު ކުރުމަކީ ދިމިގްރާޠީ މުޖުތަމައެއްގެ ދިރުން ކަމުގައި ވިޔަސް މިއީ ފުރިހަމަ މަންޒަރެއް ނޫނެވެ. އަހަރެމެން އަބަދުވެސް މައްޗަށް ބަލައި އިނގިލި ދިއްކުރާއިރު، އަމިއްލަ ނަފުސަށް ބަލައިލަން ވަނީ ހަނދާން ނެތިފަ އެވެ. ގައުމަކީ ހަމައެކަނި ސިޔާސީ މީހުންނާއި ސިޔާސަތުތަކެއް ނޫނެވެ. އެއީ ރައްޔިތުންގެ އިހުލާސްތެރިކަމާއި އިންސާފުވެރިކަމާއި އަދި ގުރުބާނީގެ މައްޗަށް ބިނާވެފައިވާ ދިރިހުރި މަހުލޫގެކެވެ.
ބަދަލުވަމުންދާ އިޖުތިމާއީ ވެށި
މީގެ 65 އަހަރު ކުރިން، އެމެރިކާގެ ރައީސްކަން ކުރެއްވި ޖޯން އެފް. ކެނެޑީ ދެއްވި މެސެޖަކީ މިއަދު ވެސް ކޮންމެ ތަހުޒީބެއްގެ އެންމެ ބޮޑު އިމްތިހާނެވެ.
"ގައުމު ތިބާއަށް ކޮށްދޭނީ ކޮންކަމެއްތޯ ނާހާށެވެ. ތިބާ ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާށެވެ." ރާއްޖޭގައި މި ވިސްނުމަކީ މިއަދު އެކަމެއްގެ މަތިން އެހާމެ ބޮޑު އަހައްމިއްތުކަމެއް ނުދެވި، ބީވަމުންދާ ކަމެކެވެ.
ގައުމީ ތަރައްގީއަކީ ހަމައެކަނި ބަނދަރުތަކާއި ބްރިޖުތަކާއި އެއާޕޯޓުތަކެއް ނޫނެވެ. އެންމެ ދެމެހެއްޓެނިވި ތަރައްގީއަކީ އިޖުތިމާއީ ރައުސްމާލު ނުވަތަ ޝޯޝަލް ކެޕިޓަލް އާލާކުރުމެވެ. އަމިއްލަ އެދުން، އާންމު މަސްލަހަތަށް ވުރެ ކުރިއަށް އަރައިފި ނަމަ ދައުލަތުގެ ބިންގަލުގައި ރެނދުލާން ފަށާނެ އެވެ. އަހަރެމެން މިދަނީ "އެންމެން އެކުގައި" އުޅުނު ސަގާފަތުން "ކޮންމެ މީހަކު އަމިއްލަ އަށް" އުޅޭ ސަގާފަތަކަށް ބަދަލުވަމުންނެވެ.
އަމިއްލަ މަންފާއަށްޓަކައި އިންސާފު ގުރުބާންކޮށް، ދެފުށް ފެންނަ އުސޫލުތަކަކީ ފަހަނައަޅައި ދާން ޖެހޭ ހުރަހެއްގެ ގޮތުގައި ދެކޭ ނަމަ އަހަރެމެން އެ ބަލި ކުރަނީ ހަމައެކަނި އަވަށްޓެރިއެއް ނޫނެވެ. އަހަރެމެން އެ ބަނގުރޫޓު ކުރަނީ އަހަރެމެންގެ މުސްތަގުބަލެވެ.
މަދަނީ އަހުލާގު ބަލިކަށިވުން
މިއަދުގެ ދިވެހި މުޖުތަމައުން ފެންނަ އެންމެ ކަންބޮޑުވާ ކަމަކީ މަދަނީ ޒިންމާއަކީ އަގުކުރެވޭ މުއާމަލާތަކަށް ވެފައި އޮތުމެވެ. ސިޔާސީ ހަރަކާތްތަކަކީ މަންފާއެއް ހޯދުމުގެ ވަސީލަތަކަށް ވަނީ ވެފަ އެވެ. ތަސައްވުރަކަށް ވޯޓު ދިނުމުގެ ބަދަލުގައި، ސިޔާސީ ނުފޫޒާއި މަންފާ ބެހުމުގެ ނިޒާމެއްގެ ތެރެއަށް ވަނީ ވަދެވިފަ އެވެ. މިއީ ހަމައެކަނި ވަކި ސަރުކާރެއްގެ ކުށެއް ނޫނެވެ. މިއީ އެތައް އަހަރެއް ވަންދެން އަހަރެމެންގެ ތެރޭގައި ހަރުލާފައިވާ ނިޒާމީ މައްސަލައެކެވެ.
ރައްޔިތަކު އަމިއްލަ ފައިދާއަކަށްޓަކައި ވަޒީފާއެއް، ބިމެއް ނުވަތަ ވިޔަފާރީގެ މަންފާއެއް ނިޒާމުގެ އިހުލާސްތެރިކަން ދޫކޮށްލާ ހިސާބުން، އެ ބައިވެރިވެވެނީ ދިމިގްރާތީ ބިންގާ ރޫޅާލުމުގަ އެވެ. އަމިއްލަ އެދުން އިސްކުރުމުގެ ވިސްނުމަކީ ނުރައްކާތެރި ބުރުޖެކެވެ. ރައްޔިތުން ކުރު މުއްދަތުގެ ފައިދާއަށްޓަކައި އުސޫލުތައް ދޫކޮށްލާ ނަމަ އެ ރައްޔިތުންގެ ތެރެއިން ނުކުންނަ ލީޑަރުން ވެސް ދައްކާނީ ހަމަ އެ މަންޒަރެވެ.
"އެނގެނީ ކާކުތޯ" ބަލައިގެން ކަންކަން ކުރަން އުޅޭ މުޖުތަމައަކަށް، "ރަނގަޅީ ކޮންގޮތެއްތޯ" ބަލައިގެން ހިންގާ ސަރުކާރަކަށް ގޮވާ ނުލެވޭނެ އެވެ.
ނިޒާމީ ހިޔަނިތަކާއި ސިޔާސީ ނުފޫޒުގެ ސަގާފަތް
އަހަރެމެންގެ މަދަނީ ދުޅެހެޔޮކަން ބަލިކަށިވާ ސަބަބު ދެނެގަތުމަށްޓަކައި، ޒަމާނީ ދިރިއުޅުމަށް ބަދަލުވުމުގައި ހުރި ނިޒާމީ އުނިކަންތަކަށް ބަލަންޖެހެ އެވެ. މާލެ އަށް މީހުން ޖަމާވުމާއި އެކަކު އަނެކަކަށް ބަރޯސާވި އިގުތިސާދަކުން ވާދަވެރި ހިދުމަތުގެ އިގުތިސާދަކަށް ބަދަލުވުމުން އަހަރެމެންގެ އިޖުތިމާއީ ގުޅުންތައް ވަނީ ކެނޑިފަ އެވެ. ކުރީގެ ރަށްފުށުގެ ދިރިއުޅުމުގައި، ޒިންމާދާރުވުމަކީ ސީދާ އަމިއްލަ ކަމެކެވެ. މުޖުތަމައަށް އިހުމާލުވެއްޖެ ނަމަ، އޭގެ ބުރަދަން ކޮންމެ ދުވަހަކު އިހުސާސް ކުރަންޖެހެ އެވެ.
ސިޔާސީ ހަރަކާތްތަކަކީ މަންފާއެއް ހޯދުމުގެ ވަސީލަތަކަށް ވަނީ ވެފަ އެވެ. ތަސައްވުރަކަށް ވޯޓު ދިނުމުގެ ބަދަލުގައި، ސިޔާސީ ނުފޫޒާއި މަންފާ ބެހުމުގެ ނިޒާމެއްގެ ތެރެއަށް ވަނީ ވަދެވިފަ އެވެ. މިއީ ހަމައެކަނި ވަކި ސަރުކާރެއްގެ ކުށެއް ނޫނެވެ. މިއީ އެތައް އަހަރެއް ވަންދެން އަހަރެމެންގެ ތެރޭގައި ހަރުލާފައިވާ ނިޒާމީ މައްސަލައެކެވެ.
މިއަދު، ސިޓީގެ ދިރިއުޅުމުގެ އެކަހެރިކަމުގެ ތެރޭގައި "އަހުލާގީ ދުރުމިނެއް" ވަނީ އުފެދިފަ އެވެ. އަހަރެމެން ގައުމުގެ ހިއްސާދާރުންގެ ބަދަލުގައި، ދައުލަތުގެ ހިދުމަތްތައް ގަންނަ "ކަސްޓަމަރުންނަށް" ވަނީ ވެފަ އެވެ. ސިޔާސީ ބަދަލުތަކާ އެއްވަރަށް މަދަނީ ތައުލީމު ކުރިއަށް ނުދިއުމުގެ ސަބަބުން ހުސްކަމެއް ވަނީ އުފެދިފަ އެވެ. މި ހުސްކަމުގެ ތެރޭގައި އެންމެ ބާރަށް އިވޭ އަޑަކީ ނިޒާމު ބިނާކުރަން އުޅޭ މީހުންގެ އަޑެއް ނޫނެވެ. އެއީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން އުޅޭ މީހުންގެ އަޑެވެ. އަހަރެމެން ގާނޫނުތައް އިސްލާހުކުރި ނަމަވެސް އަހަރެމެންގެ އާދަކާދަ އާއި އިހުލާސްތެރި ދިވެއްސެއްގެ ގޮތުގައި ހުރުމުގެ އަގުތައް ވަނީ ދޫކޮށްލެވިފަ އެވެ.
ދުނިޔޭގެ ތަޖުރިބާ
މި ގޮންޖެހުމަކީ ހަމައެކަނި އަހަރެމެންނަށް އޮތް ކަމެއް ނޫނެވެ. ސިންގަޕޫރުގެ މިސާލަށް ބަލާށެވެ. އެ ގައުމުގެ ތަރައްގީގެ ބާނީ ލީ ކުއާން ޔޫ ގަބޫލުކުރެއްވި ގޮތުގައި، ވަސީލަތްތައް މަދު ކުޑަ ގައުމަކަށް ސަލާމަތް ވެވޭނީ ހަރުދަނާ އަހުލާގާއި ގައުމީ ބޯލަނބާލުމެއް އޮވެގެންނެވެ. އެ މީހުން ބިނާކުރީ ކޮރަޕްޝަނަކީ ހަމައެކަނި ޣައިރު ގާނޫނީ ކަމެއް ނޫން ކަމަށާއި އެއީ ސަގާފީ ގޮތުން ވެސް މުޖުތަމައު ބަލައިނުގަންނަ ހުތުރު ކަމެއްގެ ގޮތުގަ އެވެ. މިއީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ކުރި ކަމެއް ނޫނެވެ. އެއީ ކޮންމެ ރައްޔިތަކީ ވެސް ގައުމުގެ ކާމިޔާބީގެ ހިއްސާދާރެއްކަން އިހުސާސް ކޮށްދީގެން ކުރި ކަމެކެވެ.
ހަމައެފަދައިން، ނޯޑިކް ގައުމުތަކުގެ ކާމިޔާބީގެ ސިއްރަކީ އިޖުތިމާއީ އިތުބާރެވެ. ރައްޔިތުން ބޮޑު އަދަދުން ޓެކްސް ދައްކައި، ގަވާއިދުތަކަށް ބޯލަނބަނީ ބިރުންނެއް ނޫނެވެ. އެއީ ނިޒާމަކީ އިންސާފުވެރި ނިޒާމެއް ކަމާއި އަވަށްޓެރިޔާ ވެސް އެގޮތަށް އަމަލުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު ނިޒާމަށް އޮތުމުންނެވެ.
އިސްލާޙު ފިޔަވަޅުތަކަކީ ކޮބާ؟
ދިވެހިރާއްޖެ ކުރިއަށް ދިއުމަށް ބޭނުންވަނީ ހަމައެކަނި ގާނޫނީ އިސްލާއް ނޫނެވެ. ބޭނުންވަނީ ސަގާފީ އައު ހޭލުންތެރިކަމެކެވެ. މަދަނީ ޒިންމާއަކީ ގައުމީ ލޯބީގެ އެންމެ މަތީ ސިފަ ކަމުގައި ދެކޭ އައު އިޖުތިމާއީ އަހުދަކަށް އަހަރެމެން ބޭނުންވެ އެވެ.
ފުރަތަމަ ކަމަކީ، ސިޔާސީ ނުފޫޒާއި މަންފާގެ މައްޗަށް އަހަރެމެންގެ އަމިއްލަ އަގު ބިނާކުރުން ހުއްޓާލުމެވެ. އަހަރެމެންގެ އަގު ވަޒަން ކުރެވެން ޖެހޭނީ ހޯދޭ މަންފާއަކުން ނޫނެވެ. އޭގެ ބަދަލުގައި އަގުވަޒަން ކުރަންވީ މުޖުތަމައަށް ދެވޭ ހިދުމަތަކުންނެވެ. މިއަށްޓަކައި، ވަގުތުން ފައިދާއެއް ނުލިބުނަސް، އިންސާފަށް އިސްކަންދިނުމުގެ ވަރުގަދަ އަޒުމެއް ބޭނުންވެ އެވެ.
ދެވަނަ ކަމަކީ، އިހުލާސްތެރިކަމުގެ އުސޫލުތައް ދަސްކޮށްދޭ ތައުލީމީ ނިޒާމެއް ކުރިއެރުވުމެވެ. ދެފުށް ފެންނަ ގޮތް ނުވަތަ ޓްރާންސްޕޭރެންސީއަކީ ހަމައެކަނި އިދިކޮޅު ފަރާތްތަކަށް ހަމަލާދޭން ބޭނުންކުރާ ބަހަކަށް ވެގެން ނުވާނެ އެވެ. އެއީ އަމިއްލަ ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަދި ކައުންސިލްތަކުގައި ހިފަހައްޓަންޖެހޭ އަހުލާގީ މިންގަނޑަކަށް ވާން ޖެހޭނެ އެވެ.
ގައުމެއް ބިނާކުރުމަކީ ބަލަން ތިބޭ ކުޅިވަރެއް ނޫނެވެ. އަހަރެމެން ބަލަން ތިބެގެން ފާޑުކިޔާއިރު، އަމިއްލަ އެދުމުގެ ބޮޑު އަގަށް އަހަރެމެންގެ ދަނޑު އެ ދަނީ ވިކެމުންނެވެ. އަހަރެމެންގެ ދިމިގްރާތީ ނިޒާމުގެ ހަމަޖެހުން ބިނާވެފައިވަނީ، މަސްވެރިޔާ، މުދައްރިސް، ވިޔަފާރިވެރިޔާ އަދި ސިވިލް ސާވަންޓުގެ ހިމޭން އިހުލާސްތެރިކަމުގެ މައްޗަށެވެ. އެއީ ކުރު މުއްދަތުގެ އަރާމަށް ވުރެ، ގައުމުގެ ދިގު މުއްދަތުގެ ސަލާމަތަށް އިސްކަންދިނުމުގެ މައްޗަށެވެ.
މި ރާއްޖެ ސަލާމަތްތެރިކަމާ އެކު އަންނަން އޮތް ޖީލަށް އަހަރުމެންނަށް ރައްދު ކުރެވޭނީ އަމާނާތްތެރިކަމުގެ ބުއްދިވެރިކަމަށް އަހަރެމެން ރުޖޫއަ ވެގެންނެވެ. ދިވެހި ލޮބުވެތި މި ވަތަނަކީ އަހަރެމެންގެ އަމިއްލަ މިލްކެއް ނޫނެވެ. މިއީ ކުރިއަށް އޮތް ޖީލުތަކަށްޓަކައި އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތެކެވެ. ޖީބު މުއްސަނދި ވެފައި، ރޫހާނީ ގޮތުން ބަނގުރޫޓުވެފައިވާ ގައުމެއް ދަރިންނަށް ދޫކޮށްލުމަކީ އެންމެ ބޮޑު ނާކާމިޔާބީ އެވެ. ގައުމަށްޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯ އަހަރެމެން އަހާށެވެ. އޭރުން އަހަރެމެންގެ ދަރިންގެ ހުވަފެންތަކާ އެކަށޭނަ ޤައުމެއް ބިނާކުރެވޭނެ އެވެ.
އަނިލް އާދަމަކީ މިދިޔަ 20 އަހަރު ދައުލަތުގެ އެކި މަގާމުތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގައި ކޯޕަރޭޓް ގަވަނަންސާއި އިންވެސްޓްމަންޓް އަދި ސްޓްރެޓެޖީގެ ދާއިރާގައި ކޮންސަލްޓިން ދިނުމާއި މަތީ ތައުލީމު ދިނުމުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.