ގޮނޑިތައް ބަހާނީ ރައްޔިތުން، ލީޑަރުންނެއް ނޫން

މިހާރު ވެރިކަމުގައި މި އޮތް ކޯލިޝަނަކީ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރެވޭނެ ބައެއް ނޫނޭ ކިޔައި އުޅުނު ހަނދާން އެބަހުރި ދޯ އެވެ. އެންމެން އުޅެނީ ވެރިކަމާ ހެދިޔޭ، އެއީ "ކޯޅޭޝަނެކޭ" ކިޔަނިކޮށް، އެ ކޯލިޝަނުގެ ސަޕޯޓަރުންގެ ތެރެއިން ވެސް އެތައް ބަޔަކަށް ކަމުދިޔަ ކެންޑިޑޭޓަކު ނެރެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ގަދަވެގަތީ ފަސޭހަ ގޮތަކަށެވެ. އެހެންވެ މިއީ އެ ކޯލިޝަން ފަހުރުވެރިވާ ކަމެކެވެ. އެކަމަކު މި ބުނީ މިއީ މާ ވަރުގަދަ، ބަދަހި ކޯލިޝަނެކޭ ނޫނެވެ. ފަޅައިގެން ދާން މިއޮތީ އަދުތޯ މާދަންތޯ ވެފަ އެވެ. ސަބަބަކަށް މިވީ ކޯލިޝަންގެ ބައިވެރިންނަށް ރައްޔިތުންގެ މަޖިލީހުން ބައި އަޅަން މާ ވަރުގަދަ އަހުދުނާމާއެއް ވެފައި، މައި ޕާޓީން އެއީ އެއްޗަކަށް ނުހެދުމެވެ.


އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫނަށް ވަކި އަދަދަކަށް ގޮނޑި ލިބޭނެ ފޯމިއުލާއެއް އޮތީ ހަދައިފަ އެވެ. އެކަމަކު އެ ބުނާ އަހުދުނާމާއެއްގައި އެންމެން ސޮއިކުރި ކަމަކަށް ނުވި އެވެ. ނަމަވެސް އޭގައި ބުނި ގޮތަށް ސަރުކާރުގެ މަގާމުތައް އެ އަންނަނީ ކޯލިޝަންގެ ތެރޭގައި ބަހަމުންނެވެ. އެހެން އޮއްވައި، މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން ނިންމުމުން ޖުމްހޫރީ ޕާޓީ ނިކަމެތިވެ އެ ބުނަނީ ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ނިކުމެ އުޅޭ ވާހަކަ އެވެ. އެކަމަކު އެއީ ދައުލަތުގެ އެއް ބާރުގެ ވެރިކަމާއި ހަތަރެސްފައިގެ އިނގިލިތަކުން ގުނައި ނުލެވޭހާ ވަރަށް ލިބުނު އެހެން ބައެއް މަގާމުތަކާ އެކު ވެސް ޖެހުނު ހާލެވެ. ކުރީގެ ރައީސް މައުމޫނު އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ވެސް މީހަކު ސޮއިކޮށްފައި ނުވާ އެ އެއްބަސްވުމަކަށް ކަމޭ ނުހިތުމުގެ ހިތާމަ މައުމޫން ވެސް ފާޅުކުރެއްވި އެވެ.

މިހާ ވަރު ވާނީ ކިހާ ބޮޑު ދެރައެއް ލިބިގެން ހެއްޔެވެ؟

އަންތަރީސްވެދާނެ އެވެ. މި ދައްކަނީ "ރައްޔިތުންގެ" މަޖިލީހެއްގެ ވާހަކަ އެވެ. ޕާޓީތަކުގެ ލީޑަރުން ސަރުކާރެއް އެކުލަވާލައި ސިޔާސީ މަގާމުތަކަށް، ޖެހުނު ކޮންމެ މީހަކު ލައިގެން ގެންގުޅޭހެން ރައްޔިތުންގެ މަޖިލިސް ވެސް ހަދައިގެން ނޫނީ ސިޔާސީ ލީޑަރުންގެ ހިތް ނުފުރެނީ ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހޭ އެތަނަށް ކިޔަނީ ކަމެއް ވެގެންނެވެ. އެއީ ސިޔާސީ ލީޑަރުންގެ މަސްލަހަތު ހިމާޔަތްކުރަން އެއްކުރާ ފައުޖެއް ނޫނެވެ. ކޮންމެ ލީޑަރަކު، މަޖިލިސް މެޖޯރިޓީ ތިމަންނާ އަށް ދީގެން ނޫނީ ރައްޔިތުންނަށް މަންފާއެއް ނުވާނޭ ދެއިރު ދެ ދަޅަޔަށް ވިދާޅުވިޔަސް އެކަމުން ހާމަވަނީ އެންމެ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހޭ އެތަނަށް ކިޔަނީ ކަމެއް ވެގެންނެވެ. އެއީ ސިޔާސީ ލީޑަރުންގެ މަސްލަހަތު ހިމާޔަތްކުރަން އެއްކުރާ ފައުޖެއް ނޫނެވެ.

އެއީ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ނޫން ގޮތަކަށް ވެރިކަން ކުރައްވަން އެއްވެސް ލީޑަރަކަށް އެނގިވަޑައިނުގަތުމެވެ. އެއީ "ރައްޔިތުންގެ މަޖިލިސް" ކަމަށް ވަންޏާ، ރައްޔިތުން އެ މަޖިލިސް ބަހާލާ ކޮންމެ ގޮތަކަށް ސިޔާސީ ލީޑަރުން ރުހިގެން ތިބުން ނޫން ގޮތެއް އިންސާފަކަށް ނުވާނެ އެވެ. ތަފާތު ފިކުރުގެ ތެރެއިން ހައްލު ހޯދަން ނޭނގޭ ނަމަ ޑިމޮކްރަސީގެ ވާހަކަ އެހާ ބާރަށް ނުދައްކަވާށެވެ.

ޖަހާނެ ގޯލުގެ އަދަދާއި ގޯލު ޖަހާނެ މީހުންނާއި ޗެމްޕިއަންކަން ހޯދަން ޖެހޭނީ ކޮން ބައެއްކަން މާ ކުރިން ކަނޑައަޅައިގެން ކުޅިވަރަކަށް ހަދައިގެން ޑިމޮކްރަސީގެ ޑްރާމާއެއް ކުޅުމުގެ ބޭނުމެއް ނެތެވެ. މަޖިލީހުން ގިނަ ގޮނޑި ލިބެން ޖެހޭނީ އެމްޑީޕީއަށްތޯ، ޖުމްހޫރީ ޕާޓީއަށްތޯ ނުވަތަ އިދިކޮޅު ޕާޓީތަކަށްތޯ ރައްޔިތުން ކަނޑައަޅާނެ އެވެ. ޕާޓީތަކުން ކެންޑިޑޭޓުން ނެރެ ދައްކާށެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގެ: މިއީ ގައުމު ހިންގުމުގައި ރައްޔިތުންގެ ފަރާތުން ބަސް ބުނަން ހޮވާ މަންދޫބުންގެ ތަނެއް. -- ފޮޓޯ: މިހާރު

އެއްބަސްވުމެއް ކަމަށް އެ ބުނާ އެެއްޗަކާ ހިލާފަށް އެމްޑީޕީން ހުރިހާ ދާއިރާއަކުން ކެންޑިޑޭޓުން ނެރެން ނިންމުމުން، ވައުދާއި އަހުދު އުވާލުމުގެ ލަގަބު އެމްޑީޕީ އަށް ލިބިއްޖެ އެވެ. އެކަމަކު ތި ހުރިހާ ޕާޓީތަކަށް ވެސް، ރައްޔިތުންގެ މަޖިލިސް، ސިޔާސީ ލީޑަރުންގެ މަޖިލީހަކަށް ބަދަލުކުރަން އުޅުމުގެ ލަގަބު ދޭން ޖެހެ އެވެ. އޮޑިވެރިޔާ އަށް ބައެއް، ކެޔޮޅަށް ބައެއް، އެން ދަލަށް ބައެއް މުދިންބެ އަށް ބައެއް އަޅާ ގޮތަށް މަޖިލިސް ބަހާލަން ކުރި ކަމެއްގައި އެމްޑީޕީ ވެސް އޮތީ ބައިވެރި ވެފަ އެވެ. ފަހުން ވާހަކަ ބަދަލުކުރުމަކީ އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ހައްގުވާން ޖެހޭ ސަބަބެއް ވެސް ނެތެވެ.

ބައި އެޅުމުގެ އެއްބަސްވުމަކީ ކޮންމެ ގޮތަކަށް އޮތް އެއްޗެއް ކަމަށް ވިޔަސް، އެއްބަސްވުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނާ ބަޔަކު ވެސް އެބަ އުޅެ އެވެ. އަދި އެއްބަސްވުމުގައި، ސަރުކާރުގެ މަގާމުތައް ބަހަން އެއްބަސްވި ގޮތަށް އެމްޑީޕީން އަމަލުކޮށްފައި ރައްޔިތުންގެ މަޖިލީހުގެ ވާހަކަ އޮތް ހިސާބަށް އަމަލު ނުކުރުމަކީ ހީލަތް ހެދުން ކަމަށް ވެސް ބުނެ އެވެ. އެކަމަކު ހަގީގަތަކީ، ސަރުކާރެއް އެކުލަވާލާއިރު، ސިޔާސީ މަގާމުތައް، ވެރިކަމާ ހަވާލުވާ ބަޔަކު ބޭނުންވާ ގޮތަކަށް ބަހާނެކަމެވެ. ސަރުކާރު އެކުލަވައިލުމަކީ އެއީ އެވެ. ދެން މި ދައްކަނީ ދައުލަތުގެ އަނެއް ބާރުގެ ވާހަކަ އެވެ. ގާނޫނުހަދާ، ރައްޔިތުންގެ މަޖިލީހުގެ ވާހަކަ އެވެ. އެހެންވީމާ، މަޖިލިސް ފޮތިފޮތިކުރާ އެއްބަސްވުމެއް އޮތް ނަމަ އޭގައި އެ އޮތީ ކޮށްގެންވާނެ ކަމެއްގެ ވާހަކައެއް ނޫނެވެ.

ކޯލިޝަނަކަށް ރައްޔިތުން ވޯޓު ދީގެން ވެރިޔަކު ހޮވައިފި އެވެ. އޭގެ މާނަ އަކީ ދައުލަތުގެ ދެން ހުރި ބާރުތައް، ވެރިކަމަށް އައި މީހުން ބޭނުން ގޮތަކަށް ބަހާލައިގެން ބާރުތައް އަތްދަށުލައިގެން ތިބެން ރުހުން ދިނުމެއް ނޫނެވެ. ސަރުކާރު އެކުލަވާލާނީ ވެރިކަންކުރާ ފަރާތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ބެހިގެންދާ ގޮތް ކަނޑައަޅާނީ ރައްޔިތުންނެވެ. އަދި ގާނޫނުއަސާސީ އާއި ގާނޫނުތަކުުގައި ބުނާ ގޮތަށް، އަދުލު އިންސާފު ގާއިމުކުރުގެ ބާރު ހިންގާނީ އެވެ. ވެރިކަމަށް އާދެވުނީމާ މި ހުރިހާ ބާރެއްގެ މިލްކުވެރި ފަރާތް ކަމަށް ހީނުކުރާށެވެ.

އެނގޭ ކަމަކީ ވޯޓު ގަތުމާއި ވިއްކުން ދޫކޮށް، ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ދީފި ނަމަ ސިޔާސީ މަގުބޫލު ފިކުރަކީ، މަގުބޫލު މީހުންނަކީ ކޮބައިކަން ހާމަވާނެ ކަމެވެ. ސިޔާސީ ޕާޓީތަކަށް ނުކެރިގެން އުޅެނީ އެކަން ކުރާށެވެ.

ގަބޫލުކުރަމެވެ. ޕާޓީ ޓިކެޓްގައި ނުކުންނަ މީހުންނަށް ވެސް ވޯޓު ދޭނީ ރައްޔިތުންނެވެ. ހޮވުމާއި ނުހޮވުމުގެ ބާރު ރައްޔިތުންނަށް އެބަ އޮތެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ވެސް ވާދަކުރެވިދާނެ އެވެ. އެކަމަކު އެހެން ބުނުން އެއީ ރައްޔިތުންނަށް ކުރާ މަލާމާތަކަށް ނޫނީ ނުވެ އެވެ. ނުފޫޒާއި ނަހަމަ ބާރުތައް އެއީ ސިޔާސީ ލީޑަރުން ދުވަހަކު އަޑު އެހި އަދި ދަންނަ ކަމަކަށް ވެސް ނުވާތީ އެކަމާ އިތުރު ވާހަކައެއް ދައްކާނެކަމެއް ނެތެވެ!