ބަރުލަމާނީ ބިރަކަށް ވަނީ ކީއްވެ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަނީ އެމަނިކުފާނު އަލުން ވެރިކަމަށް ވަޑައިގަތުމަށް ކުރު މަގެއް ކޮއްޓެވުމަށް ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާނެ ކަމުގެ ޔަގީންކަން ނަޝީދަށް ބޮޑެވެ. އެހެންވެ، މިހާރު މި އޮތް ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ވެރިކަން ހޯއްދެވުމަކީ ދަތި ކަމަކަށް ނުވާނެ އެވެ. ނިޒާމުގެ މައްސަލާގައި ބަހުސް ބޮޑުވެ އެކި ވާހަކަތައް ދެކެވުނަސް މިއީ ނަޝީދު އަދި ސީދާ ޖަވާބެއް ދެއްވާފައި ނުވާ، އާންމު ސުވާލެކެވެ. މި ބަހުސް ޝައުގުވެރިކޮށްލަން ނަޝީދު ޖަވާބެއް ދެއްވުން ވެސް އެދެމެވެ.


ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ނަޝީދާ ދެމެދު ބަހުގެ ހަމަލާތައް އާންމުވެފައި ވާއިރު ގާސިމް އެ ގެންދަވަނީ ބަރުލަމާނީ ނިޒާމެއް ގެންނަން ލާހިކެއް ނޫން ކަމަށް ވިދާޅުވަމުންނެވެ. ގާސިމް ވެސް ތުހުމަތުކުރައްވާ ގޮތުގައި ނަޝީދު އެ އުޅުއްވަނީ ކުރު މަގަކުން ވެރިކަން ހޯއްދަވާށެވެ. އެއާ އެކު ބަރުލަމާނީ ނިޒާމެއްގެ ހުރި ފީކަޅާ ކަމުގެ ވާހަކަ އެކި ފޯރަމްތަކުގައި ދައްކަވައިފި އެވެ. ފެންނަ ފެނުމަށް ރާއްޖޭގައި އަދިވެސް ރިޔާސީ ނިޒާމަށް ތާއީދު ބޮޑެވެ. އެ ނިޒާމުގެ ރަނގަޅު ކަމާއި ބަރުލަމާނީ ނިޒާމެއްގެ ފީކަޅާ ކަމުގެ ވާހަކަ ދައްކާއިރު އެންމެން ވެސް އާންމުކޮށް މި ދައްކަނީ އެއް ވާހަކަތަކެކެވެ؛

ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ ވޯޓަކުން ގައުމުގެ ރައީސް އިންތިހާބުކުރާއިރު ބަރުލަމާނީ ނިޒާމުގައި މަޖިލިސް ތެރެއިން ވޯޓު ލައިގެން ވެރިޔަކު ހޮވުމުން ވެރިމީހާ އަކީ ރައްޔިތުންގެ ފަރާތުން އަންނަ މީހަކަށް ނުވާ ކަމަށް އެބަ ބުނެ އެވެ. ބަރުލަމާނީ ނިޒާމެއްގައި ހުރިޙާ ވަޒީރުން ތިއްބަވާނީ މަޖިލިސް މެންބަރުންގެ ގޮތުގައި ކަމަށާއި އެހެންވެ ވަޒީރުން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ވެސް ބުނެ އެވެ. ބަރުލަމާނީ ނިޒާމެއްގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ދައްކަނީ ފައިސާވެރިން މަޖިލިސް ކޮންޓްރޯލްކޮށް އެ މީހުންގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް ވެރިޔަކު ހޮވަން ފަސޭހަވުމެވެ. މިއީ އެންމެ އާންމުކޮށް ދައްކާ ވާހަކަތަކެވެ.

ބަރުލަމާނީ ނިޒާމެއްގައި ވެރިޔަކު ހޮވަނީ މަޖިލީހުންނެވެ. މިއީ ރައްޔިތުންގެ މައްޗަށް ބަސް ކިޔަން، ރައްޔިތުންގެ ބަހެއް ނެތި މީހަކު އައުން ކަމަށް ސިފަކުރެ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގައި އެ ތިއްބަވަނީ ރައްޔިތުންގެ މަންދޫބުންނެވެ. އެ މީހުން ހަދާފައި އަަމަލުކުރަން ބުނާ ކޮންމެ ގާނޫނަކަށް އަހަރެމެން މިތިބެ އަމަލުކުރަނީ އެވެ. ރައްޔިތުންގެ ވޯޓުން ހޮވި ރައީސަށް ވެސް ޖެހިވަޑައިގަންނަވާނީ އެ ގާނޫނުތަކަށް ކިޔަމަންވާށެވެ. މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގު ނުކުރެއްވުމަކީ ރައީސަށް އޮތް ބާރެއް ކަމަށް ވިޔަސް އެ ބިލެއް ތަސްދީގުކުރައްވަން ލާޒިމްވާ ގޮތަށް ފާސްކުރެވޭނެ ގޮތްތައް ވެސް ރިޔާސީ ނިޒާމުގައި ހުރެ އެވެ. ރާއްޖޭގައި ވެސް އެކަން އޮތީ އެހެންނެވެ.

އަބަދުވެސް ރާއްޖޭގެ ވެރިކަމާއި ބާރުތައް މި އެނބުރެނީ މަޖިލީހުގައި ޕާޓީތަކުން ކޯލިޝަން ހަދާ ގޮތެއްގެ މައްޗަށެވެ. ރިޔާސީ އިންތިހާބުގައި ރައީސަކު އިންތިހާބު ކުރެވޭ ވަރަށް ވޯޓު ވެސް ލިބެނީ ކޯލިޝަން ހަދައިގެންނެވެ. މިއީ ވެސް ބަރުލަމާނީ ސިފައެކެވެ.

ރައްޔިތުން ހޮވާ ރައީސް އެމަނިކުފާނުގެ ސަރުކާރު ހިންގަަވަން ކަނޑައަޅުއްވާ ވަޒީރުންނަށް ވެސް މަގާމުގެ ޒިންމާ އަދާކުރެއްވެނީ މަޖިލީހުން ރުހުން ދިނިއްޔާ އެވެ. އެކި މުއައްސަސާތަކުގެ މެންބަރުންނާއި ސަފީރު ކަނޑައެޅުއްވުމުގައި ވެސް ރައީސަށް ބާރު އޮވެ އެވެ. އެކަމަކު ރައީސްގެ ނިންމެވުން ބަލައިނުގަތުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮވެ އެވެ.

މި ހުރިހާ ކަމެއް ސިފަކުރަނީ ދައުލަތުގެ އެއް ބާރު އަނެއް ބާރުން ޖަވާބުދާރީކުރުވައި ރަނގަޅަށް ކަންކަން ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ. އެކަމަކު އަހަރެމެންނަށް މިހާތަނަށް ފެނުނީ މި މަންޒަރެއް ނޫނެވެ. ސަރުކާރާ ދެކޮޅު އަޣުލަބިއްޔަތެއް މަޖިލީހުގައި އޮވެއްޖެ ނަމަ ރައީސަކަށް، ވަޒީރަކަށް ވެސް މަޖިލީހުން ބުނާ ގޮތަކަށް ނޫނީ ފިޔަވަޅެއް ވެސް ނޭޅެ އެވެ. އިދިކޮޅު ފަރާތްތަކުން ސިޔާސީ ފައިދާ ނަގަން ގާނޫނުތަކާއި ގަވައިދުތައް އެގޮތް މިގޮތަށް ބަދަލުކޮށްލަނީ އެވެ. "ރައްޔިތުންގެ ސީދާ ވޯޓުން ހޮވި ރައީސް" އަށް ކުރެއްވޭނީ ކީއް ހެއްޔެވެ؟ ބަރުލަމާނީ ނިޒާމެއްގައި، މަޖިލިސް އަބަދު ޗުއްޓީގައި އޮތުމުގެ ބަދަލުގައި އަބަދު ޖަލްސާތައް ނުބާއްވައި ސަރުކާރެއް ނުހިންގޭނެ އެވެ. އެހެންވެ ކޮންމެ ދުވަހަކީ ވެސް ވަޒީރުންނާއި އަދި ބޮޑުވަޒީރާ ވެސް ސުވާލުތައް ކުރިމަތިވާ ދުވަހެކެވެ.

ރިޔާސީ ނިޒާމެއްގައި ރައީސަށް ދަތިވާ ނަމަ، ވާހަކަ ދައްކައިގެން ނުވަތަ ޖުޑީޝަރީގެ ތެރެއިން ރައީސަށް ހައްލު ހޯއްދެވޭނެ ކަމަށް ބުނާނެ އެވެ. އެކަމަކު ރާއްޖޭގައި ނިޒާމު އޮތް ގޮތުން މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ބަޔަކަށް، ޖުޑީޝަރީގެ ކޮންޓްރޯލް ވެސް ހޯދޭނެ އެވެ. އެ މަންޒަރު ފެނޭ ހެއްޔެވެ؟

ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް ކޮންޓްރޯލްކުރާނީ ވިޔަފާރިވެރިން ކަމަށާއި އަބަދު އޮންނާނީ ވެރިކަން ވައްޓާލާފައި ކަމަށް ބުނާއިރު ވިޔަފާރިވެރިންގެ "ސްޕޮންސާ" ހޯދައިގެން މިހާރުވެސް ކިތައް މެންބަރުން މަޖިލީހުގައި އެބަ ތިއްބެވި ހެއްޔެވެ؟ ވިޔަފާރިވެރިން މަޖިލީހުގައި ތިއްބަވައިގެން އެ ބޭފުޅުންގެ ވިޔަފާރީގެ މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި ވޯޓު ވެސް ދެއްވަނީ އެވެ. ރިޔާސީ ނިޒާމެއްގައި ވެސް މަޖިލިސް ތެރެއިން ވެރިކަން ވައްޓާލެވޭނެ އެވެ. ސަރުކާރު ހުއްޓުމަކަށް ވެސް ގެނެވޭނެ އެވެ. އެ މަންޒަރު ނުދެކެން ހެއްޔެވެ؟

ހަގީގަތުގައި މިއީ ބަހުސް ބޮޑު މައުލޫއެކެވެ. ދެކޮޅަށް ވެސް ދެއްކޭނެ ވާހަކަ އެބަހުއްޓެވެ. ހަމަޖެހުން އެންމެ ބޮޑު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ގިނަ މީހުން އެއްބަސްވެ އެވެ. އެކަމަކު މިސާލު މި ޖެހީ ރާއްޖޭން ފެންނަ މަންޒަރުތަކަށް ބަލައިފަ އެވެ. ބަރުލަމާނީ ނިޒާމަކާ ދެކޮޅަށް ވާހަކަ ދައްކާ ސިޔާސީ ލީޑަރުންގެ ފަރާތުން މަޖިލިސް ތެރެއިން ފެންނަނީ ބަރުލަމާނީ ސިފަތަކެވެ. އަބަދުވެސް ރާއްޖޭގެ ވެރިކަމާއި ބާރުތައް މި އެނބުރެނީ މަޖިލީހުގައި ޕާޓީތަކުން ކޯލިޝަން ހަދާ ގޮތެއްގެ މައްޗަށެވެ. ރިޔާސީ އިންތިހާބުގައި ރައީސަކު އިންތިހާބު ކުރެވޭ ވަރަށް ވޯޓު ވެސް ލިބެނީ ކޯލިޝަން ހަދައިގެންނެވެ. މިއީ ވެސް ބަރުލަމާނީ ސިފައެކެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލުމަށް، ރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮން ކަހަލަ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔަ އެވެ. އޯގަސްޓް 18، 2007 ގައި ނެގި ވޯޓުގެ 62 ޕަސެންޓުން ނިންމީ ރިޔާސީ ނިޒާމެއް ކަމަށެވެ. އެކަމަކު ނަޝީދު ވިދާޅުވަނީ އެއީ އޮޅުވާލައިގެން ނެރުނު ނަތީޖާއެއް ކަމަށެވެ.

ނަޝީދު ބަރުލަމާނީ ނިޒާމެއް ބޭނުންފުޅުވަނީ ވެރިކަމަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވާ ނަމަ އަދި އެހެން ކަމެއް ހަނދާންނަށް ގެންނަން ޖެހެ އެވެ. ރައްޔިތުން ރައީސަކު ހޮވާފައި އެ ހުންނެވީ ފަސް އަހަރުގެ ދައުރަކަށެވެ. ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރައްވާނަމޭ ވިދާޅުވާ ނަމަ އެކަން ހަނދުމަކުރައްވަން ވެސް ޖެހިވަޑައިގަންނަވާނެ އެވެ.