އޮޅުންބޮޅުން: ހުޅުމާލޭގެ ގަބުރުސްތާނުގައި ވަޅުލުން

މާލޭގައި މަރުވާ މީހުން ވަޅުލުމަށް، މާލޭގެ ގަބުރުސްތާނުގައި ޖާގަ ނެތުމާ އެކު، ހުޅުމާލޭގެ އާ ގަބުރުސްތާނުގައި ވަޅުލަން ސަރުކާރުން ހަމަޖައްސަވައި ދެއްވިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މާލެއޭ ބުނުމުން ޙަޤީޤަތުގައި އަޅުގަނޑުމެން މިވާހަކަ ދައްކަނީ އާބާދީ ބޮޑުވަމުން އަންނަ ތިން ރަށެއްގެ ވާހަކަ އެވެ. ވިލިމާލެ އާއި ހުޅުމާލެ އާއި މާލޭގެ ވާހަކަ އެވެ.


ހުޅުމާލޭގައި ވަޅުލުމުގެ ކަންތައްތައް ހަމަޖައްސަވަމުން ކަމާ ބެހޭ އޮފީހުގެ މަސްއޫލުވެރިއަކު ވިދާޅުވީ ކުރިއަށް އޮތް ފަނަރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް ހުޅުމާލޭގެ ގަބުރުސްތާނު ނުފުރޭނެ ކަމަށެވެ. އެމަނިކުފާނު ހިސާބު ހައްދަވާފައިވާނީ، އެމަނިކުފާނުގެ ސަރުކާރުން ތަންފީޒުކުރަމުން ގެންދާ މާލެ އާއި މާލެ ކައިރި ސަރަހައްދު ތޮއްޖެއްސުމާއި ތޮއްޖެހުމާއި، ތިމާވެއްޓާ ބީރައްޓެހި ސިޔާސަތަށް ވެސް ރިޢާޔަތްކުރައްވާފައިކަމަށް ބަލަންވާނެ އެވެ. ޕީޕީއެމް ސަރުކާރަކީ ތަރައްޤީ- ކޮންކުރީޓް އަށް ވަރަށް އިސްކަންދޭ، ކޮންކުރީޓް ތަރައްޤީ އަށް ވަރަށް ލޯބިވާ ސަރުކާރެކެވެ. ފުރިފައި އޮތް މާލެ އިތުރަށް ފުރުވަން، ބަރު، އުސް އިމާރާތްތަކަށް ގަވައިދު ބަދަލުކޮށްގެން ފުރުޞަތު ދިނެވެ. ރޭވިގެން ތަރައްޤީވަމުން އައި ހުޅުމާލޭގައި ވެސް އިމާރާތް އުސްކުރުމުގެ ފުރުޞަތު ދިނުމުން ކުރިން އޮތް ގޮތް މުޅިން ބަދަލުވެގެން ދިޔަ އެވެ. ރަށުގެ ކުރިމަތީގައި ތިރި އިމާރާތްތައް ހުރެފައި ފަހަތަށް ދިޔަ ވަރަކަށް އިމާރާތް އުސްކުރުމުގެ ސިޔާސަތެވެ. އަތޮޅުތަކުގައި ވެސް ފަޅުފުންކުރުމާއި ބަނދަރު ހެދުމާއި އަދި ބައެއް ކަހަލަ ކޮންމެހެން ބޭނުންވާ ޚިދުމަތެއް ލިބެން ހުއްޓަސް ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް ތަފާތު މަސައްކަތްތައް ކޮށްގެން އުޅެވޭނެ މާހައުލެއް ގައިމުވެފައި ނެތުމުން މަސައްކަަތަށް ހިޖުރަކުރުމުގެ އޮއިވަރު އޮތީ މާލެ ސަރަހައްދަށެވެ.

ސަރުކާރުން ގޮވަމުން އަންނަނީ ވެސް މާލެ ސަރަހައްދަށް މީހުން އައުމަށެވެ. ބޭސް ފަރުވާކުރުމުގެ ކަންތައް އަތޮޅުތެރޭގައި ކުރިއަށް ވުރެ ރަނގަޅެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި ބޭސްފަރުވާކުރުމުގެ ކަންތައް ކުރިއަށް ދަނީ ތަރައްޤީވެފައިވާ އާސިއާންގެ ބައެއް ޤައުމުތަކުގައި އޮންނަ ފެންވަރަށެވެ. މިހެން ވުމާ އެކު މާލެ އަށް އަންނަ މީހުން މަދެއް ނުވާނެ އެވެ. ސިއްހީ ފަރުވާ ރަނގަޅުވުމުން އަޅުގަނޑުމެން ދިރިތިބޭ އުމުރު ކުރިއަށް ވުރެ މާ ބޮޑު ތަން ވެސް ދިގުވެދާނެ އެވެ. އަޅުގަނޑުމެން މިބަލަނީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ކޮންމެވެސް ސަބަބަކާ ހުރެ މާލޭ ސަރަހައްދުގައި ދިރިއުޅޭނެ ކަމަށެވެ. އެހެން ކަމަށްވާ ނަމަ، ސުވާލަކީ މަސްއޫލު ވެރިއަކު ވިދާޅުވި ފަދައިން، ހުޅުމާލޭގެ ގަބުރުސްތާނު ފަނަރަ އަހަރު ވާންދެން ނުފުރި އޮންނާނެ ބާވަ އެވެ؟ އެއީ މާ ފަހުގެ ވާހަކައެކެވެ. މިހާރުގެ މައްސަލަ ނަގަމާތޯ އެވެ؟

މާލޭގައި ދިރިއުޅޭ މީހަކު މައްޔިތާ ވަޅުލުމަށް ހުޅުމާލެ އަށް ދިއުމުގައި ގިރާކުރަން ޖެހޭ ވަރަށް ގިނަ ހުރަސްތަކެއް އެބަ ހުއްޓެވެ. ތެދުފުޅެކެވެ. ހަމަ އެ މައްސަލަ ވިލިމާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުން ވާނީ މީގެ ކުރިން ތަޖުރިބާ ކޮށްފަ އެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ދަތިތައް ތަޙައްމަލުކުރަން ނޭނގެނީ ފާއިތުވި އަހަރުތަކުގައި ކަށުކަމާކެމީގެ ހުރިހާ ކަމެއް ވެސް މާލެގައި ކުރެވޭތީވެ އެވެ.

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި، މީހަކު މަރުވުމުން ވަޅުލުމުގެ ކަންތައް ހަމަޖައްސަނީ އެކަމަށް ޚާއްޞަ ބައެކެވެ. އެއީ ވަރަށް ބޮޑު ވިޔަފާރިއެކެވެ. އަޅުގަނޑު މިދަންނަވަނީ ފަހަރެއްގައި ވެސް ރާއްޖޭގައި އެއީ ވިޔަފާރިއެއްގެ ގޮތުގައި އެކަން ހަމަޖައްސާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް މިހާރު މާލޭގައި މީހަކު މަރުވުމުން ކުރަން ޖެހޭ ގިނަ ކަންތައްތަކުގެ ގޮތުން ކޮންމެވެސް ބަޔަކު ކުރިއަށް ނުކުމެ މި ޚިދުމަތް ބޭނުންވާ ބަޔަކަށް ފޯރުކޮށްދިނުން ވަރަށް މުހިއްމު ވެއްޖެ އެވެ.

މާލޭގައި މަރުވާ މީހުން ހުޅުމާލެ އަށް ގެންދެވޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އެހެންނަމަވެސް އޭގެ އިތުރަށް ކުރަން ބޭނުންވާނޭ ބައިވަރު ކަންތައްތައް އެބަ ހުއްޓެވެ. ކައިވެންޏާއި ޕާޓީ އާއި ޖަލްސާތައް އިންތިޒާމްކޮށްދޭ ފަރާތްތަކެކޭ އެއް އުޞޫލުން މާލޭގައި މީހަކު މަރުވުމުން މައްޔިތާ ވަޅުލުމާ ބެހޭ ގޮތުން ސަރުކާރުން ހަމަޖައްސައިދޭ ކަންތައްތަކުގެ އިތުރަށް ބައެއް ކަންތައްތައް ހަމަޖައްސަން ބޭނުންވާ ފަރާތްތަކަށް އެކަންތައްތައް ކުރެވޭނެ ގޮތެއް ހަމަޖެހުން ބޭނުންވެ އެވެ. މާލޭގައި މަރުވާ މީހުން ވަޅުލުމުގައި ވެސް ގިނަ ކަންތައްތަކެއް ތަފާތު ފަރާތްތަކާ ގުޅައިގެން ހަމަޖައްސަން ޖެހޭތީވެ، މި ބުރަ އުފުއްލަން އުނދަގޫ، މައްޔިތާގެ ޢާއިލާ އަށް އެކަން އެޢާއިލާއަކުން ކުރަން ބޭނުންވާ ފުޅާ މިނެއްގައި، ނުވަތަ އެބައަކު ޚަރަދުކުރަން ބޭނުންވާ މިންވަރަކަށް ޖަނާޒާގެ ކަންތައްތައް ހަމަޖެއްސޭނޭ ނިޒާމެއް ގައިމުކުރުމަށް ހާލަތު އެބަ ގޮވަ އެވެ.

މާލޭގައި ދިރިއުޅޭ މީހަކު ކަމުގައި ވަނީ ނަމަ އެމީހެއްގެ ގިނަ ގާތް ތިމާގެ މީހުން މާލޭގައި ދިރިއުޅުމަކީ ކައިރިކަމެކެވެ. މިހެންވުމާ އެކު އެންމެންގެ ފަސޭހައަކަށް ކަށުކަމާކެމީގެ ކަންތައްތައް މާލޭގައި ކުރަން ބޭނުން ވެދާނެ އެވެ. މާލޭގެ މިސްކިތެއްގައި ކަށުނަމާދު ކުރަން ވެސް ބޭނުންވެދާނެ އެވެ. ސަރުކާރުގެ ޖަނާޒާ-ފެރީގައި މައްޔިތާ ގެންދެވުނަސް، ގަބުރުސްތާނަށް ދާން ބޭނުންވާ މީހުންނަށް، މާލެއިން ހުޅުމާލެ އަށް އަވަހަށް ދެވޭނެ ގޮތަކަށާއި، ހުޅުމާލެއިން ގަބުރުސްތާނަށް ދެވޭނެ ނިޒާމެއް ގައިމު ކުރެވިދާނެ އެވެ. އަޅުގަނޑު އެއްބަސްވަމެވެ. މީގައި އަގެއް އޮންނާނެ އެވެ. މިކަންތައް ކުރެވޭނީ ވަރަށް ގިނަ ފަރާތްތަކާ ގުޅިގެން ވަރަށް ގިނަ ކަންތައްތައް ހަމަޖައްސައިގެންނެވެ. ފިހާރާގައި ދައްކާލަން ވަރަށް ގިނަ އެއްޗެތި ބަހައްޓާފައި ހުރެ އެވެ. ބައެއް ފަހަރަށް އޭގެ ތެރެއިން އެފަހަރަކަށް އަޅުގަނޑުމެން ބޭނުންވާ އެއްޗެއް ގަންނަމެވެ. އަނެއް ބައި ފަހަރު އެތަނުން އެކައްޗެއް ވެސް ބޭނުންނުވާތީވެ، އެކައްޗެއް ވެސް ނުގަންނަމެވެ. އެކަމަކު ބޭނުންވެއްޖެ ހިނދެއްގައި ބޭނުން އެއްޗެއް ގަންނަން ފުރުޞަތު ހުޅުވާލެވިފައި އޮވެ އެވެ. މިގޮތަށް، މާލެއިން ހުޅުމާލެއަށް ވަޅުލުމަށް ގެންދެވޭ މީހުންގެ ޢާއިލާތަކަށް ވެސް ފަސޭހައިން މާލޭގައި ކަށުކަމާކެމީގެ ކަންތައްތައް ކުރެވޭނެ ގޮތަކާއި، މާލެއިން ހުޅުމާލެއަށް، ހުޅުމާލެއިން ގަބުރުސްތާނަށް މައްޔިތާގެ ޢާއިލާގެ މީހުންނާއި ހެޔޮ އެދޭ މީހުންނަށް ދެވޭނެ ފަދަ ތަފާތު ޕެކޭޖްތައް ތައްޔާރުކުރުމުގެ ވަގުތު އަތުވެއްޖެ އެވެ.

ސަރުކާރުގެ ކުންފުނިތަކުން މިހާރު ވެސް އޭޖެންސީ ވިޔަފާރި ކުރަމުން ގެންދެ އެވެ. ބައެއް ކުންފުނިތަކުން މަސައްކަތްކުރަނީ ދީނީ ފަތުރުވެރިކަމުގަ އެވެ. އަނެއް ބައި ކުންފިނިތަކުން ކުރިއަށްދަނީ ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ ފަތުރުވެރިކަމުގަ އެވެ. މިހެންވުމާ އެކު މިހާރުވެސް މި ބާވަތުގެ މަސައްކަތްކުރާ ކުންފުންޏަކުން މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލުމުގެ ކަންތައްތަކުގައި ތަފާތު ޕެކޭޖްތައް ތަޢާރަފް ކޮށްފި ނަމަ އެކަމުގެ ސަބަބުން އެފަދަ ކަންތައްތައް ބޭނުންވާ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ އެވެ. މިހާރު މާލޭގައި ކަށުކަމާކެމީގެ ކަންތައް ކުރެވެނީ ގުޅުން ބަހައްޓަންވީ ފަރާތްތަކާއި ގުޅުން އޮންނަ މީހުންނަށެވެ. އެ ޚިދުމަތް ބޭނުންވާ އެންމެންނަކަށް ނޫނެވެ.