އޮޅުންބޮޅުން: ބަސް ޑްރައިވަރުންނަށް ކޮފީ ދެމާ!

މާލޭ ގައި ބަސް ދަތުރުތައް ހަމަޖައްސައިދޭ ކުންފުނިން، މާލޭގެ މަގުތައް ބޭނުން ކުރާ މީހުންގެ ރައްކަލަކަށްޓަކައި، ފިޔަވަޅުތަކެއް އަޅައިފި ކަން ޢާއްމުކޮށްފި އެވެ. މާލޭގެ މަގުތަކުގައި ބަސް ދުއްވުމުގެ ނިޒާމް ހަރުދަނާ ކުރުމަށެވެ. މި ފިޔަވަޅު މި އެޅީ މަގުމަތީގައި ހިނގާބިނގާ މީހުން އުޅޭ ސަރަހައްދުން ކަސްރަތަށް ނުކުމެ އުޅުނު މީހަކު ބަސް ދަށުވެ މަރުވުމަށް ފަހުގަ އެވެ. މަރުވި މީހާގެ ހަށިގަނޑުގެ ގުނަވަންތައް ވެސް އޮތީ ވަކިވެ ޗިސްވެފަ އެވެ. މި ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން އަނެއްކާވެސް ބަސް އެކްސިޑެންޓެއް ވި އެވެ. އެ ފަހަރު މީހަކު މަރެއް ނުވެ އެވެ. މީހަކު ގެންގުޅޭ ކާރެއް ހަލާކުވީ އެވެ.


ފުރަތަމަ އެކްސިޑެންޓުގައި މީހަކު މަރާލި މީހާގެ ތަހުގީގަށް ބަންދުގައި ބަހައްޓަން ހުއްދަ އަށް އެދުމުން ހުއްދަ ދީފައި ވަނީ ތިން ދުވަހު ބަންދުގައި ބަހައްޓަން ކަމަށް ވެއެވެ. ތިން ދުވަހުގެ މުއްދަތެއް ދިން ސަބަބެއް ކަމަށް ބުނެފައި ވަނީ ބަސް ޑުރައިވަރު އަތުން މީހާ މަރުވީ އެކްސިޑެންޓެއްގައި ކަމަށް ވާތީ ވެ އެވެ. މަރާލީ ގަސްދުގައި ނޫން ކަމަށް ވާތީ ވެ އެވެ. އަނެއްކާ މުލަ ރޯދަ ދުވަހުގަ އެވެ. ރޭގަނޑު ގިނަ ވަގުތު ހޭލާ ހުރެފައި ނިދާފައި ހާރުކާން ހޭލާފައި، އަނެއްކާ ފަތިސް ނަމާދަށް ހޭލާފައި، ހެނދުނު ހެނދުނާ ބަސް ދުއްވަން ދާ އިރު މީހާގެ ނިދި ހުންނާނީ މުޅިން ގެއްލިފަ އެވެ. މި ދުވަސްކޮޅު އެހާ ހޫނެވެ. ބަހުގެ އެތެރެ ހުންނާނީ ފިނިކޮށްފަ އެވެ. ހެނދުނު ބަހަށް އަރާ ދުއްވާލުމާ އެކު އެ ފިނިިކަމުގެ ތެރޭގައިި، ވެފައި ހުރި ވަރުބައްޔާއި، ގެއްލިފައިވާ ނިދީގެ ސަބަބުން ނިދިޖެހިލުމަކީ ވެދާނެ ކަމެކެވެ. ގަސްދުގައެއް ނޫނެވެ. މިކަހަލަ ކަމެއްގައި ބަހުގައި ތިބި އެންމެން މަރުވިޔަސް، އެމީހުންގެ އާއިލާތަކުން ކިތަންމެ ހިތާމައެއް ކުރިޔަސް ޑުރައިވަރު ކީއްތޯއޭ ކުރާނީ! އޭނާ ގަސްދުގައި ކުރި ކަމެއް ނޫނެވެ. އަނެއްކާވެސް، އެހެން ދަތުރަކަށް، އެހެން ބަޔަކު ގޮވައިގެން ދާން އޭނާ ތައްޔާރުވާންވީ އެވެ.

ބަސް ޑުރައިވަރު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭނާގެ ކުޑަކުދިން ތިބުމާ އެކު އަންބަކު ވެސް ހުރުމުންނެވެ.

އެކްސިޑެންޓު ވި ދެ ބަހުގައި ތިބި ޑުރައިވަރުންނަކީ ވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި، އެއިރު ވެރިކަމުގައި އޮތް ޕާޓީގެ ކެންޑިޑޭޓަށް، ނުސީދާކޮށް ތާއީދު ހޯދުމަށް ބޭއްވި "އެއްލަކިން" އެއްޗެތި ދުއްވުމުގެ "ސިޔާސީ ލައިސަންސް" ހޯދާފައި ތިބި މީހުންނެއް ނޫނެވެ. އެ މީހުން ލައިސަންސް ހޯދާފައި ވަނީ އުނދަގުލުންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ އެތައް ލަތްކަކުންނެވެ.

ފާއިތުވި ދުވަސްތަކުގައި ދިމާވި ހިތާމަވެރި ޙާދިސާތަކާ ގުޅިގެން ބަސް ދުއްވާ ކުންފުނިން އެޅިކަމަށް ބުނާ ނުވަތަ އަޅާނެ ކަމަށް ބުނާ ކަމަށް ނޫސްތަކުގައި ލިޔެފައި ހުރި ބައެއް ކަންތައްތައް ދަންނަވާލާނަމެވެ.

ބަސް ދުއްވުމުގެ ނިޒާމު ވަރުގަދަ ކުރުމަށް ވަކި ލޭނަކުން ދަތުރު ކުރުމެވެ. ދުއްވާ އެއްޗެތި ތަފާތު ލޭނުން ދަތުރު ކުރުމަކީ އެއްޗެތި ދުއްވާ މީހުންނަށް ފަސޭހަ ކަމެކެވެ. އެހެންނަމަވެސް އެއްޗެތި ދުއްވާ މީހާ އަށް ނިދި ޖެހިއްޖެ ނަމަ، ނުވަތަ ދުއްވަނިކޮށް ތާއްޔާ ޖެހިއްޖެ ނަމަ، އޭނާ ހޭލެވިގެން ސިއްސައިގެން ދާ ވަގުތު ބޮޑަށް ޕެޓްރޯ ދޫކުރެވިގެން ދުއްވާ އެއްޗެތި ކަންޓުރޯލުން ނެއްޓިގެން، ޖެހިގެން އޮތް ލޭނު ހުރަސްކޮށްފައި، އެއިރެއްގައި ދުވާރު މަތީގައި ހުރި މީހެއްގެ ގައިމަތިން ލާފައި ގޮސް ކައިރީގައި އެއްޗެއް ޕާކު ކޮށްފައި އޮތް ނަމަ އެ އެއްޗެއް ހަލާކު ކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. މި ފިޔަވަޅުން އެންމެ ފަހުން ދިމާވި ހިތާމަވެރި ހާދިސާ ފަދަ ޙހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށް ބާރެއް ލިބޭ ކަމަކަށް ނުފެނެ އެވެ.

ޑުރައިވަރުން މެޑިކަލް ޗެކަޕް ހެދުމުގެ ވާހަކަ އެވެ. މިއީ ޑުރައިވަރަށް ވަރަށް ރަނގަޅު ކަމެކެވެ. އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕެއް ހެދޭ ނަމަ އޭނާގެ ސިއްޙީ ޙާލަތު ހުރި ގޮތް ރަނގަޅަށް އެނގޭނެ އެވެ. ކިރިޔާ ވެސް ވާ ވަރުގެ ކަމަކަށް ވަނީ ނަމަ ކޮންމެ މީހަކު ވެސް އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕެއް ހެދުމަކީ ރައްކާތެރި ކަމެކެވެ. އާންމު ގޮތެއްގައި ހަދާ މެޑިކަލް ޗެކަޕްތަކުގައި ބަލައިލަނީ ޢާއްމު ބަލި ބައްޔަށެވެ. މިސާލަކަށް ދަންނަވާ ނަމަ ލޭގެ ނިޒާމާއި، ފުއްޕާމެ އާއި ހިތުގެ ޙާލަތާއި ކޮލަސްޓްރޯލް ހުންނަ މިންވަރު ފަދަ ކަންތަކެވެ. މީހާގެ ނަފްސާނީ ޙާލަތާއި، ސްޓްރެސްގެ މިންވަރާއި ނިދިޖެހުން ކަހަލަ ކަންތަކަށް މިކަހަލަ ޓެސްޓަކުން ކުރިއަށް ދާނެ ގޮތެއް ދައްކައެއް ނުދޭނެ އެވެ. މި ފިޔަވަޅަކީ ވެސް އެންމެ ފަހުން ދިމާވި ހިތާމަވެރި ޙާދިސާ ފަދަ ޙާދިސާތައް ކުރިމަތިވިޔަ ނުދިނުމަށް ބާރެއް ލިބޭނެ ކަމަކަށް ނުފެނެ އެވެ.

ކުރަވްޑު މެނޭޖްމަންޓު ނުވަތަ ބައިބޯ ތަންތަނުގައި ކަންތައް ކުރާނެ ގޮތް ދަސްކޮށް ދިނުމަކީ ވެސް ވަރަށް ރަނގަޅު ކަމެކެވެ. އަދި އަލިފާން ނިއްވާ ގޮތް ދަސްކޮށް ދިނުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެކެވެ. އަލިފާން ނިއްވާ ގޮތް ދަސްކޮށް ދިނުމަކީ ކަމާ ބެހޭ ފަރާތުން އިސްނަގައިގެން އާއްމު ފަރުދުންނަށް ވެސް ދަސްކޮށްދޭ ކަމެކެވެ. މި ހުންނަނީ ކުރިން ވެސް ދަސްކޮށްދޭން ޖެހޭ ކަންތައްތަކެވެ. މި ފިޔަވަޅުން ވެސް އެންމެ ފަހުން ދިމާވި ފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށް ބާރެއް ލިބޭ ކަމަކަށެއް ނުފެނެ އެވެ.

ޑުރައިވަރުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރޭތޯ ބަލަންވީއަކީ ނޫނެވެ. އެހެން ތަންތަނުގައި ވަޒީފާ އަދާކުރުން މަނާކުރަންވީ އެވެ. އެހެންނަމަވެސް އެމީހުންނަށް އެ ލިބޭ މުސާރަ އިން އުޅެވޭ ވަރުވާން ވާނެ އެވެ. މި ނިންމުމުން ވެސް އެންމެ ފަހުން ދިމާވި ފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް މާ ބޮޑު ބާރެއް ލިބޭނެ ކަމަކަށް ނުފެނެ އެވެ.

ބަސް ޑުރައިވަރުގެ ލައިސެންސް ވެރިފައި ކުރުމަކީ ބަސް ދުއްވުމުގެ ވަޒީފާ ދިނުމުގެ ކުރިން ކުރަންވާ ކަމެކެވެ. އޭނާ ވަޒީފާ އަދާކުރަމުން ދާ އިރުގައި ވެސް އޭނާގެ ޕޮލިސް ރެކޯޑް ބެލެހެއްޓުމަކީ މުހިއްމު ކަމެކެވެ. ބަސް ދުއްވުމުގައި މާ ބޮޑަށް ފަރުވާކުޑަވެ ގިނަގިނަ އިން ފުލުހުންގެ ސަމާލުކަމަށް ގެނެވޭ ފަދަ ޓުރެފިކް ގަވައިދާ ޚިލާފް އަމަލުތައް ހިންގާ ނަމަ އެފަދަ ޑުރައިވަރުން ވަޒީފާ އިން ވަކިކުރުމުގެ ފުރުސަތު އޭރުން އޮންނާނެ އެވެ.

ބަހުގައި ކެމެރާ ހަރުކުރުމުން ބަހުގެ އެތެރޭގައި ހިނގާ ހުރިހާ ކަމެއް ފެންނާނެ އެވެ. ބަހުގެ އެތެރޭގައި ކަންޓުރޯލު ކުރަން ޖެހޭ ކަންތައްތަކެއް ހިނގާ ކަމެއް ޢާއްމު ވެފައެއް ނުވެ އެވެ. ޑުރައިވަރުގެ އަމަލުތައް ހުންނަ ގޮތް ވަގުތުން ބެލުމަކީ ކުންފުންޏަށް މުހިއްމު ކަމަކަށް ވެދާނެ އެވެ. ޑުރައިވަރުގެ ނިދިޖެހުމުގެ އަމަލު ނުވަތަ ތާއްޔާ ޖެހުމުގެ އަމަލު ވަގުތުން ފެނުނަސް ކުންފުންޏަށް ކުއްލިއަކަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއް އޮވެދާނެ ބާވަ އެވެ؟ ނިދިޖެހޭ އިރު ގިނަ ފަހަރު އޮންނާނީ އެކްސިޑެންޓެއް ވެފަ އެވެ. ފަހަރެއްގައި ތަންކޮޅެއް އަވަހަށް އެންބިއުލެންސް ފޮނުވުމަށް ފޯނު ކުރެވިދާނެ އެވެ. މި ފިޔަވަޅުން ވެސް، އެންމެ ފަހުން ދިމާވި ފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް މާ ބޮޑު ބާރެއް ލިބޭ ކަމަކަށް ނުފެނެ އެވެ.

އަށް ގަޑި އިރުގެ ޑިއުޓީ އޮންނަ ޑުރައިވަރުގެ ޑިއުޓީ ހަތަރު ގަޑި އިރު އަދާކުރަން ޖެހޭ ގޮތަށް އޮތުމުން އޭނާގެ މަސައްކަތް ވަރަށް ބޮޑަށް ލުއިވެގެން ދާނެ އެވެ. ކޮންމެ ދުވަހަކު އޭނާ މަސައްކަތަށް ނުކުންނަ އިރު ޑެކްލަރޭޝަން ފޯމެއް ނުވަތަ ކޮންސެންޓު ފޯމެއްގައި ސޮއިކުރަން ޖެހޭ ގޮތަށް ވެސް މިހާރު ހަމަޖެހިފައި އޮތް ކަމަށް ވެއެވެ. ޑިކްލަރޭޝަން ފޯމުގައި އޮންނާނެ އެއްޗެއް އަޅުގަނޑަށް ލަފާކުރެވެ އެވެ. އޭނާގެ ހުރިހާ ހިއްސުތައް ބަރާބަރު ކަމަށެވެ. އެހެންނަމަވެސް ކޮންސެންޓު ފޯމުގައި އޮންނާނީ ކޮން އެއްޗެއް ބާވަ އެވެ؟ އޭނާގެ ފުރާނެ ގެއްލޭ ފަދަ ދެރަ ގޮތެއް ދިމާވެއްޖެ ނަމަ އޭނާގެ ގުނަވަންތައް ބޭނުންވާ މީހަކަށް ހަދިޔާ ކުރުމުގެ ހުއްދަ ބާވަ އެވެ؟ މި ފޯމް އޭނާ އަށް ދެނީ ދުއްވަން ބަހަށް އަރަން ދަނިކޮށް ބާވަ އެވެ؟ ހޮސްޕިޓަލުތަކުގައި މި ފަދަ ފޯމް ދެނީ އޮޕަރޭޝަން ތިއޭޓަރަށް ވައްދަން އަށިގަނޑަށް ލާފައި އޮއްވަ އެވެ. ބަލި މީހާ އަށް ވެސް އަދި ތިމާގެ މީހުންނަށް ވެސް އެ ފޯމުގައި އޮތް އެއްޗެއް ރަނގަޅަށް ކިޔޭ ވަރެއް ނުވެ އެވެ. ބިރުންނެވެ. ސޮއިކުރުން ލަސްވެއްޖެ ނަމަ ނަރުސް ހިތްހަމަނުޖެހިގެން ބަލަހައްޓައިގެން ހުރެ އެވެ.

މާލޭގެ މަގުމަތީގައި ބަސް ދުއްވާ ކުންފުނިން އަޅުގަނޑުމެން މަގުމަތީގައި ހިނގާ މީހުން ރައްކާތެރި ކުރުމުގެ ނިޔަތުގައި ތަޢާރަފްކުރި ގަވައިދަށް ހާސް ޝުކުރެވެ. އެކަމަކު އިޙްތިރާމާ އެކު ދަންނަވަން ޖެހެނީ އެ ގަވައިދުން އަދިވެސް އަޅުގަނޑުމެންނަށް ރައްކާތެރިކަމެއް ނުލިބެ އެވެ. ބަސް ޑުރައިވަރުންނަށް ތިން މަހުން އެއް މަހު ނަމަވެސް އެއް ދުވަހުގެ ތާޒާކުރުމުގެ ކުރު ކޯހެއް ބާއްވަންވީ އެވެ. އެ ކޯހުގައި މަގުމަތީގެ އެންމެ ފަހުގެ ކަންބޮޑުވުންތަކުގެ ވާހަކަ ދެއްކި ދާނެ އެވެ. އަދި ޓުރެފިކްގައި ސަމާލުކަން ބަަހައްޓަން ވީ ކަންކަމަށް އަލި އަޅުވާ ލެވިދާނެ އެވެ. ޓްރާންސްޕޯޓް މިނިސްޓުރީން ހިލޭ ހެލްމެޓު ދޫކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކޯހުގެ ބައިވެރިން ބުނި ގޮތުގައި އެ ކޯސް ވަރަށް ބޭނުންތެރި އެވެ. ތާޒާކުރުމުގެ ކޯސްތަކުގެ ބޭނުންތެރިކަމުގެ ވާހަކަ މުދައްރިސުންގެ އަރިއަހުން އައްސަވާ ލައްވާށެވެ.

އަޅުގަނޑަށް ފެންނަނީ ހެނދުނު ބަސް ދުއްވާ ޑުރައިވަރުން ބަހަށް އެރުމުގެ ކުރިން ކޮފީއެއް ބޯން ކުންފުނިން މަޖުބޫރުކުރާށެވެ. ކުންފުނީގެ ޚަރަދުގަ އެވެ. މޮޅު ކޮފީ އެވެ. ކޮފީގެ މާހިރުން ބުނާ ގޮތުގައި ހަ ތަށި ކޮފީ އަށް ވުރެ މަދު ވެއްޖެ ނަމަ ސިއްޙީ މައްސަލައެއް ނުނިކުންނާނެ އެވެ. މި ދުވަސްކޮޅު ނުކުންނާނީ ރޯދަ މަހުގެ މައްސަލަ އެވެ. ރޯދަވެރި ބަސް ޑުރައިވަރަށް އިމްސާކުގެ ވަގުތު ޖެހުމުގެ ކުރިން ދެ ތަށި ކޮޕީ ބޯންދޭންވީ އެވެ. ރައްޔިތުންގެ ރައްކަލަކަށްޓަކަ އެވެ. ހަތަރު ފަސް ގަޑި އިރު ވަންދެން ނިދިނުޖެހި އިންނާނެ ކަމުގެ އުއްމީދުގަ އެވެ. މީހުންގެ ފުރާނަ ސަލާމަތް ކުރާށެވެ.