ބޮޑެތި މަޑި އާއި މިޔަރުތަކާއެކު ހިތްގައިމު މަންޒަރެއް!

ގަޑި އަށް ފަރުވާތެރި ވުމަކީ އިންސާނުންގެ ތެރޭގައި ވެސް އެންމެ މުހިންމު ކަންތަކެވެ. އެކަމަކު ވެސް ކަނޑު އަޑީގައި ދިރިއުޅޭ މި ސޫފާސޫފިތައް ގަޑި އަށް ކަމޭ ހިތާ ވަރަށް، އިންސާނުންނަށް ވެސް ގަޑި އަށް ފަރުވާތެރި ވެވޭނެ ބާވައޭ، މި މަންޒަރު ފެނުމުން ހިތަށް އަރަ އެވެ.


އެއް ތަނަކީ ސަން އައިލެންޑް ރިސޯޓްގެ ހުޅަނގުކޮޅު ތުނޑީގައިވާ ފާލަން ކައިރިން ގޮނޑުދޮށެވެ. ދުވަހުގެ އެންމެ ވަގުތެއް ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި އެއީ، އެ ތަނަށް މޫދަށް އެރި މަޖާކޮށްލައި އުޅެން އެންމެ އާދައިގެ މޫދެކެވެ. ނަމަވެސް އިރު އޮއްސެން ރަތްވިލާ ލާން ފަށާ އިރަށް އެ މޫދުގެ މާހައުލު މުޅިން ބަދަލުވާން ފަށާނެ އެވެ.

ސަން އައިލޭންޑް ރިސޯޓްގެ ގޮނޑުދޮށަށް ޖަމާވެފައިވާ މަޑިތަކަށް ކާންދޭ މަންޒަރު ބަލަން ޓޫރިސްޓުން އެއްވެފައި.

އެ ވަގުތަކީ އެ ރަށާ ކައިރީގައި އުޅޭ މަޑިތަކާއި ވެން ފަދަ އެއްޗެހީގެ ވަގުތެވެ. ހަވީރު ހައެއް ޖަހާކަށް ހާއިރު، ދެތިން މަޑިއެއް އެ ސަރަހައްދު ގޮނޑުދޮށުން ފެންނަން ފަށާނެ އެވެ. ތިން ހަތަރު ފޫޓު ބޮޑުމިނުގެ މަޑިތަކާއި އެއަށް ވުރެ ތަންކޮޅެއް ކުދި އެއްޗިއްސެވެ.

ހަވީރު 6:30 ވާން ކައިރިވާ އިރު، މަޑިތައް އެ ސަރަހައްދަށް ޖަމާވާނެ އެވެ. އެ ސޮރުމެންގެ ހަރަކާތްތައް ހަލުވިވެ މުޅި ސަރަހައްދުގެ މޫދު ގަރަނބު ކޮށްލާނެ އެވެ. ފައިތިލަތާ ފެނުގައި އެސޮރުމެން ކޮޅުކޮޅަށް ދުވެ އުޅޭ އިރު، އޮކެސްޓްރާ މިޔުޒިކްގެ ހަމަ އަށް ހަރަކާތްތެރިވާ ނަށާ ގުރޫޕެކޭ ތަފާތެއް ނުހުންނާނެ އެވެ.

އެ ސޮރުމެން ކެތްތެރިކަމެއް ނެތި ކޮޅުކޮޅަށް އެ ދުވަނީ ކާން ދޭ މީހާ، ކާއެއްޗެހި ހިފައިގެން އައުން ލަސްވެގެންނެވެ. މަސް ކަނޑާފައި ބާކީ ހުންނަ އެތިކޮޅުތައް ބާލިދީއަކަށް އަޅައިގެން އަންނަ މީހާ ގޮނޑުދޮށާ ކައިރިވަމުން އަންނަ ވަރަކަށް، މަޑިތަކުގެ ހަރަކާތް އަވަސްވެ އެވެ. ކާންދޭން އަންނަ މީހާ އެ ސޮރުމެންނަށް ފެންނަ ކަހަލަ އެވެ. ނޫނީ އޭނާ ގެންނަ ކާއެއްޗެހީގެ ވަސް ދުވަނީ ކަމަށް ވެސް ވެދާނެ އެވެ.

ކާ އެއްޗެހި ހިފައިގެން އަންނަ މީހާ ރާޅުފަށުގައި މަސް ބާލިދީ ބެހެއްޓުމާ އެކު އޭނާގެ ފައިބުޑަށް މަޑިތައް ކައިރިވެލަ އެވެ. ދައްޗަކުން މަސް ނަގައިގެން ރާޅުފަށުގެ އެކި ކޮޅުކޮޅަށް ހިނގާ އިރު މަޑިތައް އޭނާގެ ފަހަތުން އެ ދިމާކަށް ދުވެ އެވެ. އަދި މަސްކޮޅު މޫދު ތެރެއަށް ލުމާ އެކު މަޑިތައް އައިސް ކައިލަ އެވެ.

ސަން އައިލޭންޑް ރިސޯޓްގެ ހުޅަނގު ކޮޅު ޖެޓީ ކައިރި އަށް އެއްވެފައިވާ ބިޔަ މަޑިތަކަށް ކާންދެނީ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ތިން ހަތަރު ފޫޓު ދިގުމިނުގެ އެ މަޑިތައް އޭނާގެ ފައިބުޑުގައި އެނބުރި އުޅޭ އިރު، ހީވަނީ ދެންމެ ދެންމެ ކަށި ޖަހައިފާނެ ހެންނެވެ.

"ނޫން، މަޑި އެއީ ކަށިޖަހާ އެއްޗެއް ނޫން. އޭގެ ބުރަކައްޓަށް އެރިއްޖެއްޔާ ކަށި ޖަހައިފާނެ. ނޫނީ އެއަށް ނުރައްކަލެއް ވާހެން ހީވެއްޖެއްޔާ ވެސް ކަށި ޖަހައިފާނެ. އެ ނޫން ގޮތަކަށް އެސޮރުމެއް ކައްޓެއް ނުޖަހާނެ،" ސަން އައިލެންޑް ރިސޯޓްގެ ސްޕޯޓްސް މެނޭޖަރު އަފްޒަލް މުހައްމަދު ވިދާޅުވި އެވެ.

މި ރިސޯޓްގެ އަނެއް ތަނަކީ، ރަށުގެ ދެކުނު ފަރާތު އަތިރިމަތިން ފެށިގެން ފަޅުގެ މެދަކާ ހަމައަށް ދެ ބަރި އަށް ހަދާފައި ހުރި މޫދު ކޮޓަރިތަކުގެ ނިމޭ ކޮޅުގައި ހުންނަ ތައި ރެސްޓޯރަންޓްގެ ދަށުގައިވާ މޫދު ސަރަހައްދެވެ. ދުވާލުގެ އަލިކަން ފަނޑުވަމުން ގޮސް ހުޅަނގު ފަރާތު އުދަރެހާ އިރު ކައިރިވަމުންދާ ވަރަކަށް އެ ސަރަހައްދަށް ޖަމާވާން އެ ފަށަނީ އެކި ބޮޑުމިނުގެ މިޔަރެވެ.

އެ ސޮރުމެންނަށް ސަން އައިލޭންޑް ރިސޯޓްގެ ފަރާތުން ކާން ދިނުމަށް ހަމަޖެހިފައިވާ ގަޑި އެވެ. އެ މިޔަރުތައް ކޮޅުކޮޅަށް ދުވެ އިންތިޒާރު ކުރަމުން އެ ދަނީ ހަވީރު 6:30 އަށެވެ. އޭރު އެ ރެސްޓޯރަންޓްގެ ޑެކް މަތީގައި ޓޫރިސްޓުންތައް ޖަމާވެފައި ތިބެ އެވެ.

ސްޕޯޓްސް މެނޭޖަރު އަފްޒަލް ވިދާޅުވި ގޮތުގައި މިޔަރުތަކަށް ކާންދިނުމަކީ ވެސް ޓޫރިސްޓުން ހިތްހަމަޖައްސައިދިނުމަށްޓަކައި އެ ރިސޯޓުން ކުރާ ކަމެކެވެ. އަދި އެއީ ޓޫރިސްޓުން ވަރަށް ގަޔާވެގެން ބަލާ ހިތްވާ މަންޒަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ތަނަށް ވެސް އަންނާނެ ބޮޑެތި ތިން ހަތަރު މިޔަރު. އޭގެ ބޮޑުމިން ހުންނާނެ ހަ ފޫޓު ހަތް ފޫޓު ވަރު. އެންމެ ބޮޑެތި އެއްޗިއްސަކީ އެއީ ނިދަން މިޔަރު. ދެން އަރާނީ ބްލެކްޓިޕް ރީފް ޝާކް (އުރަހަ ކަޅު މިޔަރު) ކިޔާ ވައްތަރެއް. އެސޮރުމެންނަށް ވެސް އަޅުގަނޑުމެން މި ކާންދެނީ މަސް ކަނޑާފައި ބާކީ ހުންނަ ބައިތައް. ވަރަށް ބައިވަރު މިޔަރު އަންނާނެ ކާންދޭ ގަޑި އަށް،" އަފްޒަލް ވިދާޅުވި އެވެ.

މިޔަރަށް ކާންދޭ މީހާ މަސް ބާލިދީ ހިފައިގެން އައިސް ޑެކްމަތީގައި މަޑު ކޮށްލުމާ އެކު، މިޔަރުތަކުގެ ހަރަކާތް އަވަސްވެގެންދެ އެވެ. ހަމަ އެއާ އެކު ޓޫރިސްޓުންގެ ޝައުގުވެރިކަން ވެސް އިތުރުވެ އެވެ. މިޔަރަށް ކާންދޭން އެ މީހުން ވެސް ބޭނުންވެ އެވެ.

މަސްކޮޅެއް މޫދަށް ވައްޓައިލުމާ އެކު، މިޔަރުތައް ބަޑިޖަހާފައި އަރައި އެ މަސްކޮޅެއް ކައިލަ އެވެ. ނަމަވެސް އެ ވަގުތު އޮންނަނީ ކަނޑުގެ އާންމު ގާނޫނެވެ. ގަދަފަދަ އެތި އައިސް މަސްކޮޅު ޖަހަގަނެގެން ދެ އެވެ. ކުދި މިޔަރުތަކަށް އެތިކޮޅެއް ލައްވައިލަނީ ބޮޑެތި މިޔަރުތައް އެސޮރުމެންނަށް ވާ ވަރަށް ކާއެއްޗެހި ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލާ ވަގުތުގަ އެވެ. ނުވަތަ މިޔަރުތަކަށް އަތުނުޖެހި މޫދުގެ އަޑި އަށް މަސްކޮޅެއް ފައިބައިގެންދާ ވަގުތުގަ އެވެ.

ސަން އައިލޭންޑް ރިސޯޓްގެ ތައި ރެސްޓޯރަންޓް ކައިރި އަށް ބޮޑެތި މިޔަރުތައް ޖަމާވެފައި.

ހަވީރުގެ އެ ވަގުތުން ފެށިގެން ރޭގަނޑުގެ 10 ޖަހައި ބޮޑުވާ އިރު ވެސް، އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް މިޔަރުތައް އުޅެ އެވެ. އެއީ އެ ރެސްޓޯރަންޓަށް ކާން އަންނަ ޓޫރިސްޓުން އެ ސަރަހައްދުގެ މޫދަށް ޕާނާއި މަސްކޮޅުކޮޅު ފަދަ އެއްޗެހި އަޅާތީ އެ ތަކެތި ކާށެވެ. އެ ގަޑިތަކުގައި ވެސް ހައެއްކަ ފޫޓުގެ ބޮޑެތި މިޔަރާއި ތިން ހަތަރު ފޫޓުގެ ބޮޑެތި މިޔަރުތައް ވެސް އެ ސަރަހައްދުގައި އެކަށީގެންވާ އަދަދަކަށް އުޅެ އެވެ.

މިޔަރާއި މަޑި އަދި މަހަށް ކާންދިނުމަކީ ވަރަށް ގިނަ ރިސޯޓްތަކުގައި އޮންނަ ކަމެކެވެ. އެކަމުގެ ފައިދާ ވެސް ބައެއް ރިސޯޓްތަކުގެ މުވައްޒަފުން ނަގަ އެވެ. ހަންޖާއި ފިލޮޅާއި ކިރުޅިޔާ މަހާއި ކަށިތުނބި ފަދަ މަސްތައް އޮޅުވެފައި އޮންނަ ސަރަހައްދުން މަސް ހިފުމަކީ ސިއްރުން ނަމަވެސް ބައެއް ރިސޯޓްތަކުގައި އޮންނަ ކަމެކެވެ.

ނަމަވެސް ސަން އައިލޭންޑް ރިސޯޓްގައި އެކަމަށް އެއްވެސް ފުރުސަތެއް ނޯވެ އެވެ. އެ ރިސޯޓްގެ މުވައްޒަފުން ބުނާ ގޮތުގައި، އެ ރަށުގެ އިޓާލިއަން ރެސްޓޯރަންޓް ކައިރި އަށާއި ރަށުގެ އެހެން ތަންތަނަށް އޮޅުވެފައި އޮންނަ މަސްގަނޑަކީ ވެސް އެ ރަށުގެ މެހުމާނުންނެވެ. އެތަކެތި ހިފައި ގޯނާ ކުރުމަކީ ރަށުގެ އެއްވެސް މުވައްޒަފަކު ސިއްރުން ވިޔަސް ކުރާ ކަމެއް ނޫނެވެ.